ޝާހިދުގެ ބައްޕާޕުޅު އަވަހާރަވެއްޖެ

Wed, 24 Apr 2024 09:52 AM

View on this article on Khabaru Online

ޝާހިދުގެ ބައްޕާޕުޅު އަވަހާރަވެއްޖެ
ކުރީގެ ފޮރިން މިނިސްޓަރ އަދި އެމްޑީޕީގެ ރައީސް އަބްދު ﷲ ޝާހިދުގެ ބައްޕާފުޅު އަވަހާރަވެއްޖެއެވެ. ޝާހިދުގެ ބައްޕާފުޅު ޝައިހް މޫސާ ޖަމީލް އަވަހާރަވީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. 

އަބްދުﷲ ޝާހިދުގެ ބައްޕާފުޅު ޝައިހް މޫސާ ޖަމީލަކީ ހުރަވީ ދަރިކޮޅުން ދުނިޔޭގައި ތިއްބެވި ބޭފުޅުންގެ ތެރެއިން އެންމެ ދޮށީ ބޭފުޅާއެވެ.



މޫސާ ޖަމީލުގެ ހަޔާތުގެ ބޮޑު ބައި ހޭދަ ކުރެއްވީ ކިޔަވައި ދެއްވުމުގައެވެ. މަދަރުސަތުއް ސަލާހިއްޔާގައި ކިޔަވާދެއްވި މޫސާ ޖަމީލަކީ ރާއްޖޭގައި އެންމެ ގިނަ އަދެއްގެ މުދިމުން ތަމްރީނުކޮށް ދެއްވި ހިދުމަތްތެރިޔާއެވެ. ކިޔަވާދެއްވުމުގެ އިތުރުން މޫސާ ޖަމީލު ވަނީ އިސް ފަނޑިޔާރެއްގެ ގޮތުގައި ގިނަގުނަ ހިދުމަތަކެއް ކޮށްދެއްވާފައެވެ.

މޫސާ ޖަމީލަށް ލިބިވަޑައިގެންނެވި 5 ބޭފުޅުންގެ ތެރެއިން ދުނިޔޭގައި ތިއްބެވީ އެންމެ ދޮއްޓަށް ހުރި މުހައްމަދު ޝާހިދާއި ޖެހިގެން ހުންނެވި އަބްދުﷲ ޝާހިދާއި އަހުމަދު ޝާހިދެވެ. އެންމެ ހަގަށް ލިބިވަޑައިގަތީ ފާތުމަތު ޝާހިދާ އާއި އާމިނަތު ޝާހިދާއެވެ.

1980ގައި މުޅި ރާއްޖެ ސިއްސުވާލި ހިތާމަވެރި ހާދިސާއެއްގައި އެ ދެބެން އެކުގައި އަވަހާރިވިއިރު ފާތުމަތުގެ އުމުރަކީ 14 އަހަރެވެ. އާމިނަތުގެ އުމުރުން 12 އަހަރެވެ. އެ ހާދިސާ ހިނގީ ސްކޫލް ޗުއްޓީގައި ވ. އަތޮޅު ކެޔޮދޫއަށް ކުރި ދަތުރުގެއްގެ ތެރޭގައި މޫދަށް ގެނބިގެނެވެ.

ކުރީގެ އުއްތަމަފަނޑިޔާރު، އަދި މަޝްހޫރު އަދީބު ޝައިޚު މުހައްމަދު ޖަމީލް ދީދީ އަކީ، ޝެއިޚް މޫސާ ޖަމީލްގެ އެއްބަނޑު އެއްބަފާ ބޭބެ އެވެ. ޝައިޚު ޖަމީލު ދީދީ ފަނޑިޔާރު މަނިކުފާނަކަށް ހުންނެވިއިރު، މޫސާ ޖަމީލު ވެސް ފަނޑިޔާރުކަން ކުރެއްވި އެވެ. ނަމަވެސް، ހަޔާތުގެ ބޮޑުބައި ހޭދަކުރެއްވީ ޓީޗަރެއްގެ ގޮތުގަ އެވެ.

ދޮންބަންޑާރައިންނަކީ ޝައިހް މޫސާ ޖަމީލު ދީދީގެ ފަސް ވަނަ ކާފާފުޅެވެ.

ރައީސް މައުމޫންގެ ވެރިކަމުން ފެށިގެން ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވި އަބްދުﷲ ޝާހިދު ބައްޕާފުޅު އަވަހާރަވުމާއި ގުޅިގެން ކުރެއްވި ޕޯސްޓްގައި ވިދާޅުވީ އެމަނިކުފާނު ހަޔާތްޕުގައި ދިމާވި ހުރިހާ ކަމެއްގައިވެސް އެންމެ ބޮޑު ހިއްސާއެއް އޮތް ފަރާތަކީ ބައްޕާފުޅު ކަމުގައެވެ.

މޫސާ ޖަމީލުގެ ކަށުނަމާދު އޮންނާނީ މިއަދު ހަވީރު، އަސުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގަ އެވެ.

The post ޝާހިދުގެ ބައްޕާޕުޅު އަވަހާރަވެއްޖެ first appeared on Khabaru Online.



More from Khabaru Online