އިސްރަށްވެހިންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އެލަވެންސް ވަރަށް އަވަހަށް ބޮޑުވާނެ: ރައީސް

Sun, 04 Jun 2023 10:10 PM

View on this article on Khabaru Online

އިސްރަށްވެހިންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އެލަވެންސް ވަރަށް އަވަހަށް ބޮޑުވާނެ: ރައީސް

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުންދޭ އެލަވަންސާއި، އިސްރަށްވެރިންނަށް ސަރުކާރުންދޭ އެލަވެންސް ވަރަށް އަވަހަށް ބޮޑުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.



ރައީސް ޞާލިހު މިހެން ވިދާޅުވީ އައްޑޫ ސިޓީގައި ކުރިއަށް ގެންދާ ތަރައްޤީގެ މަޝްރޫޢުތަކުގެ އުފާ ފާޅުކުރުމަށް ބޭއްވި ހަވާއެރުމުގެ ހަފްލާގައި ވާހަކަ ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުންދޭ އެލަވަންސަށް ގެންނަން ޖެހޭ ބަދަލުތައް މިހާރު ނިމިފައިވާކަމަށެވެ. އަދި ވަރަށް އަވަހަށް އެކަން އިއުލާން ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ޑިސްއެބިލިޓީ އެލަވެންސާއި ބެހޭ ގޮތުން އެންމެ ފުރަތަމަ އަޅުގަނޑު ވާހަކަ ދެއްކީ މިތަނުގައި ބޭއްވުނު ޖަލްސާއެއްގަ. އެއަލަވެންސް ބަދަލު ކުރާނެ ވާހަކަ. ހަމަ މިހެން ބޭއްވުނު ބޮޑު ޖަލްސާއެއްގަ. އިރާދަ ކުރެއްވިއްޔާ މިއަދު މިތާހުރެ އަޅުގަނޑަށް ދަންނަވަންކެރޭ އެއާބެހޭ ގޮތުން އަޅުގަނޑުމެން ކުރަންޖެހޭ ކަންތައް ނިންމައި، ވަރަށް އަވަހަށް އެކަން އިއުލާން ކުރާނެ ވާކަހަ. އިރާރަ ކުރެއްވިއްޔާ އެކަމަށް ހެޔޮ ބަދަލެއް އަންނާނެ.

– ރައީސް ޞާލިހު ވިދާޅުވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މީގެ ކުރިން ސަރުކާރުންދެމުން އައީ 2000 ރުފިޔާގެ އެލަވަންސެކެވެ. ނަމަވެސް ރާއްޖޭގެ އާބާދީގައި ތިބި ނުކުޅެދުންތެރިކަމުގެ އެކި ޙާލަތު ކުރިމަތިވެފައިވާ މީހުންނަށް ސަރުކާރުން ދެއްވަމުން ގެންދަވާ އިނާޔަތްތައް ބޮޑުކުރުމަށް ވަނީ ނިންމަވާފައެވެ. މިކަން ކުރުމަށްޓަކައި ސަރުކާރުން ވަނީ މިއަހަރުގެ ބަޖެޓުގައި އިޖުތިމާއީ ރައްކާތެރިކަމަށް 3.91 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. އޭގެ ތެރެއިން، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީ ދިނުމަށް 341 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.

މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުންދޭ އެލަވަންސް މަހުންފެށިގެން ބޮޑުކުރާނެކަމަށެވެ.

ދެން އޮތީ އިސްރަށްވެހިންނަށް ގެނަންޖެހޭ ބަދަލު. އެވެސް އަޅުގަނޑުމެން މިހާރު މިގެންދަނީ މުތޯލިއާ ކުރަމުން. އެއަށް ގެންނަޖެހޭ ބަދަލުތަކާއި އެކީގައި އެއަށްވެސް ކުރިއަށް އޮތް ތަނުގައި މި ބަދަލުތައް އަންނާނެ.

– ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން މިރޭ އައްޑޫގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ އިސްރަށްވެހިންނަށް ސަރުކާރުން ދެއްވާ އިނާޔަތްވެސް ބޮޑު ކުރުމަށްޓަކައި އިނާޔަތްތައް މުތޯލިޢާ ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި އަވަސް މުސްތަގުބަލެއްގައި އެކަންވެސް އިއުލާން ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.



More from Khabaru Online