ދަތުރު ކުރަމުންދިޔަ ދަނިކޮށް ފްލައިޓުގެ އެމަޖެންސީ ދޮރުހުޅުވި ޕަސެންޖަރު ހައްޔަރު ކޮށްފި

Fri, 26 May 2023 06:46 PM

View on this article on Khabaru Online

ދަތުރު ކުރަމުންދިޔަ ދަނިކޮށް ފްލައިޓުގެ އެމަޖެންސީ ދޮރުހުޅުވި ޕަސެންޖަރު ހައްޔަރު ކޮށްފި

ސައުތު ކޮރެއާގެ ފްލައިޓެއް ދަތުރު ކުރަމުންދަނިކޮށް ފްލައިޓުގެ ޕަސެންޖަރަކު އެމަޖެންސީ ދޮރު ހުޅުވުމާއި ގުޅިގެން ފްލައިޓުގައި ދަތުރު ކުރަމުންދިޔަ ގިނަ އަދަދެއްގެ ބަޔަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފިއެވެ.

އޭސިއާނާ އެއަރލައިންގެ ފަރާތުން ބުނެފައިވަނީ މި ބޯޓުގެ އެމަޖެންސީ ދޮރު ޕަސެންޖަރަކު ހުޅުވާފައިވަނީ ބޯޓު ޖެއްސުމަށް ތައްޔާރުވަމުން ދަނިކޮށް ކަމުގައެވެ. އަދި ސަލާމަތުން ބޯޓު އެއަރޕޯޓަށް ތިރިކޮށްފައިވާކަމަށްވެސް އެއަރަލައިނުން ބުނެފައިވެއެވެ.

200 ޕަސެންޖަރުންނާއެކު މި ބޯޓު ދަތުރު ކުރަމުންދިޔައީ ސައުތު ކޮރެއާގެ ވެރިރަށް ސޯލްގެ 240 ކިލޯ މީޓަރު ދުރުގައި އޮތް ޑައެގު އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖެއްސުމަށެވެ.

މި ބޯޓު ނިސްބަތްވާ އޭސިއާނާ އެއަރލައިނުން ބުނެފައިވަނީ ބޯޓުގެ އެމަޖެންސީ ދޮރު، ދޮރު ކައިރީގައި އިން ޕަސެންޖަރު ދޮރުގެ ހެންޑެއްޔަށް އަނބުރާލައިގެން ހުޅުވާފައިވަނީ ބޯޓު ބިމުން 200 މީޓަރު މަތީގައި ހުއްޓާ ކަމުގައެވެ.

އެއަރލައިނުން ބުނެފައިވަނީ މިހާދިސާގައި ބައެއް މީހުންނަށް ނޭވާލާން އުދަގޫވެގެން ހޮސްޕިޓަލަށް ގެންދެވިފައިވާކަމަށާއި، އެހެންނަމަވެސް އެއްވެސް ޕަސެންޖަރަކަށް ބޮޑު އަނިޔާއެއް ވެފައި ނުވާކަމުގައެވެ.

ސައުތު ކޮރެއާގެ ޑައުގު ފުލުހުން އޭއެފްޕީއަށް މައުލޫމާތު ދެމުން ވިދާޅުވެފައިވަނީ، އުމުރުން 30 އަހަރު ވެފައިވާ މި މީހާ ސުވާލު ކުރުމަށް މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައިވާކަމުގައެވެ.

ސައުތު ކޮރެއާގެ ޓްރާންސްޕޯޓު މިނިސްޓްރީން ބުނެފައިވަނީ މިހާދިސާގައި 12 މީހަކަށް އަނިޔާވެގެން ހޮސްޕިޓަކަށް ގެންދެވިފައިވާކަމުގައެވެ. އަދި ބުނެފައިވަނީ ފްލައިޓުގެ ދޮރު ޕަސެންޖަރަކު ހުޅުވާފައިވަނީ ގަސްތުގައި ކަމުގައެވެ.


More from Khabaru Online