އިނގިރޭސިން ރާއްޖެއާއެކު އިސްތިރާޖީ މަޝްވަރާއަށް ގެނައުމުގައި ރައީސް ސާލިޙު ކާމިޔާބު

Thu, 08 Jun 2023 08:12 PM

View on this article on Kaafu Online

އިނގިރޭސިން ރާއްޖެއާއެކު އިސްތިރާޖީ މަޝްވަރާއަށް ގެނައުމުގައި ރައީސް ސާލިޙު ކާމިޔާބު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިޙުގެ ސަރުކާރުގެ އެންމެ މުހިންމު އެއް ކާމިޔާބީއަކީ ދިވެހިރާއްޖެއަކީ، ހަމަހަމަ ސިޔާދަތީ ބާރެއްކަމަށް ގަބޫލުކޮށް އިނގިރޭސިވިލާތުން ދިވެހިރާއްޖެއާއެކު ވާހަކަ ދައްކަންޖެހޭކަން ސާބިތުކޮށްދީ، އެއް މޭޒަކަށް އިނގިރޭސިން ގެނައުމުގައި ކާމިޔާބުވުމެވެ.

ރާއްޖެއާއެކު އެތައް ގައުމަކުން ސްޓްރެޖިކް ޑައެލޮގްއާ އެފެންވަރުގެ އެހެން މަޝްވަރާތައް ބާއްވާފައިވާއިރު، ރައީސް ސާލިޙުގެ ސަރުކާރު ވެރިކަމަށް އައުމާ ހަމައަށް އެއްވެސް ދިވެހި ސަރުކާރަކާއެކު އިނގިރޭސިން ސްޓްރެޓިޖިކް ޑައެލޮގް ބާއްވާފައެއް ނުވެއެވެ.

ބައިނަލްއަގްވާމީ މަސްރަހުގައި ރާއްޖޭގެ އަޑި އިއްވައި ރާއްޖޭގައި ސަފާރާތައް ހުޅުވަން ބޭރު ގައުމުތަކުން ސަފު އަތުރާލުމުން ރާއްޖެއާއެކު އިސްތިރާޖީ މަޝްވަރާތައް ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމްމުޙައްމަދު ސާލިޙުގެ ސަރުކާރު ކުފޫހަމަވާ ކަމަށް އިނގިރޭސިންނަށް އިޙުސާސް ކުރެވުނެވެ.

އިނގިރޭސިން ބޭއްވި އިސްތިރާޖީ ޑައެލޮގް އޮތީ 20 ފެބްރުއަރީ 2023ގައި މާލޭގައެވެ.

ހުއްޓުމެއް ނެތި، އަދި މެދު ކެނޑުމެއް ނެތި، ދިވެހި ސަރުކާރުން ވަނީ ރާއްޖޭގެ މަހަށް އިނގިރޭސިން ނަގާ ޑިއުޓީ ކަނޑާލުމަށް ބާރުއަޅައި ވާހަކަ ދައްކާފައެވެ.

މި ހަތަރު އަހަރުގެ ތެރޭގައި ޔޫކޭގެ މަސްއޫލުވެރިންނާއެކު ބާއްވާފައިވާ ކޮންމެ ބައްދަލުވުމެއްގައިވެސް އެޖެންޑާގައި ތިންވަނަ ހަތަރު ވަނަ އައިޓަމުގެ ގޮތުގައި ދިވެހި މަހުން ނަގާ 20 ޕަސެންޓް ޑިއުޓީ ކެނޑުމުގެ ވާހަކަ ސަރުކާރުން ހިމަނާފައި ވެއެވެ. އަދި އެހެނިހެން ކަމުގެ ބައިގެ އެޖެންޑާ އައިޓަމު 1ގައި ވެސް އޮންނަނީ މި ވާހަކައެވެ.

އެއީ ރައީސް ސާލިޙުގެ ސަރުކާރަށް އެމައްސަލައިގެ ހައްސާސްކަމާއި މުހިންމުކަން އިޙުސާސް ކުރެވޭތީއެވެ.

އުނދަގޫ ހާލަތުގައިވެސް މިވާހަކަ ދޫކޮށްލާފައެއް ނުވެއެވެ. އެންމެފަހުން ރައީސް ސާލިޙުގެ ސަރުކާރުން ބާރުއެޅި ބާރުއެޅުންތައް ކާމިޔާބު ވެފައި ވަނީ ވަށާޖެހޭ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ދިވެހި ކަނޑުމަސް ހިމަނައިގެން މަޝްވަރާއަށް އިނގިރޭސިންގެ ހިތްތައް ފަތަހަ ކުރެވުމެވެ.

ދުނިޔޭގެ ހަ ވަނަ އިގްތިސާދަށް ވެއްޓިފައިވާ އިނގިރޭސިވިލާތުން ޑިއުޓީ ފުރީކުރުވަން ދިވެހިން ވާހަކަ ދައްކަން އޮންނާނީ ހަމައެކަނި ދިވެހި ކަނޑު މަސްކޮޅެވެ. އެއީ ރާއްޖެ އަސްކަރީގޮތުން ހިމާޔަތް ކޮށްދިނުމުގެ މުގާބިލުގައި ދިވެހިން ގެންގޮސްދީ އުޅުނު، ކޮޅުނބުގައި ހުންނަ އިނގިރޭސި ގޮރްނުދޯރަށް މީރުވި ދިވެހި ކަނޑުމަހެވެ.

The post އިނގިރޭސިން ރާއްޖެއާއެކު އިސްތިރާޖީ މަޝްވަރާއަށް ގެނައުމުގައި ރައީސް ސާލިޙު ކާމިޔާބު first appeared on ކާފު އޮންލައިން.



More from Kaafu Online