ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ހޮނިހިރު ދުވަހު އިއުލާން ކުރެއްވި އާ ކެބިނެޓުގައި ފޮރިން މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވީ، ޖާސޫސީ އިދާރާ، ނޭޝަނަލް އިންޓެލިޖެންސް އޮގަނައިޒޭޝަންގެ އިސްވެރިޔާ ހަކާން ފިދާން އެވެ.
ދާން އަކީ ސިފައިންގެ ސިގްނަލް ސްކޫލުން ޑިގްރީ ހާސިލުކުރައްވައިގެން ތުރުކީ ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގަތް ބޭފުޅެކެވެ. ގައުމުން ބޭރުގައި ނޭޓޯގެ ސިފައިންގެ ތެރޭގައި އޭނާ ޚިދުމަތް ކުރެއްވިއިރު، ފިދާން ވަނީ ޔުނިވާސިޓީ އޮފް މެރީލޭންޑުން ޕޮލިޓިކްސް އެންޑް މެނޭޖްމަންޓް ސައިންސްގެ ދާއިރާއިން ޑިގްރީ ހާސިލް ކުރެއްވުމަށް ފަހު ބިލްކެންޓް ޔުނިވާސިޓީގެ އިންޓަނޭޝަނަލް ރިލޭޝަންސް ޑިޕާޓްމަންޓުން މާސްޓާސް އަދި ޑޮކްޓޯރަލް ޑިގްރީ ހާސިލް ކުރައްވާފަ އެވެ.
ސިފައންގެ ޚިދުމަތަށް ފަހު ފިދާން ވަނީ އެކަޑެމިކް ދާއިރާއަށް ފޯކަސް ކުރައްވާފައެވެ.
އަންކާރާގެ ހަސެޓެޕޭ އާއި ބިލްކެންޓް ޔުނިވާސިޓީތަކުގައި އޭނާ ވަނީ އިންޓަރނޭޝަނަލް ރިލޭޝަންގެ ދާއިރާއިން ކިޔަވައިދެއްވާފަ އެވެ.
ތިން ކުދިންގެ ބައްޕަ ކަމަށްވާ ފިދާން ވަނީ ޚާރިޖީ ސިޔާސަތާއި ދައުލަތުގެ މުއައްސަސާތަކުގައި ސަލާމަތީ ރޮނގުން މުހިންމު މަގާމުތަކެއް ފުރުއްވާފައެވެ.
އޭނާ ވަނީ ޑެޕިއުޓީ އަންޑަސެކްރެޓަރީ ފޯ ފޮރިން ޕޮލިސީ އެންޑް ސެކިއުރިޓީގެ މަގާމުގައި ބޮޑު ވަޒީރު އޮފީހާއި ޓާކިޝް ކޯޕަރޭޝަން އެޖެންސީގައި މަސައްކަތް ކުރައްވާފައެވެ.
ފަހުން، އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީގެ ގަވަރުނަރުންގެ ބޯޑުގެ މެމްބަރެއްގެ އިތުރުން ބޮޑުވަޒީރުގެ ހާއްސަ މަންދޫބެއް ގޮތުގައިއާއި، ޓްރޭޑް މިނިސްޓްރީގެ ޑެޕިއުޓީ އަންޑަސެކްރެޓަރީގެ މަގާމު ވެސް ފުރުއްވާފަ އެވެ.