ސެނެގާލްގެ ހަމަނުޖެހުމުގައި އިންޓަރނެޓް ކަނޑާލައިފި

Sun, 04 Jun 2023 10:25 PM

View on this article on Kaafu Online

ސެނެގާލްގެ ހަމަނުޖެހުމުގައި އިންޓަރނެޓް ކަނޑާލައިފި

ސެނެގާލްގެ ބައެއް ސަރަހައްދުތަކުގައި ހަމަނުޖެހުން ހިނގަމުންދާތީ ސަރުކާރުން ވަނީ ވަކި ސަރަހައްދުތަކެއްގައި މޯބައިލް އިންޓަނެޓްގެ ހިދުމަތް ކަނޑާލާފައެވެ. ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ މި ފިޔަވަޅު އެޅީ ފިތުނައަށް މަގުފަހިވެ، މީހުންގެ ފުރާނައަށް ނުރައްކާ ކުރުމާ ގުޅިގެންނެވެ.



ހުޅަނގު އެފްރިކާގެ ގައުމުގައި ތިން ދުވަހުގެ ތެރޭގައި ހިނގާފައިވާ އަނިޔާވެރި މުޒާހަރާތަކުގައި 16 މީހަކު މަރުވެފައިވެއެވެ.

މިއީ ދިހަވަރަކަށް އަހަރު ތެރޭގައި އެގައުމުގައި ހިނގި މަދަނީ ހަމަނުޖެހުންތަކުގެ ތެރެއިން އެންމެ ނުރައްކާތެރި އެއް ހާދިސާ އެވެ.

މިދިޔަ ހަފްތާގައި ސެނެގާލް ސަރުކާރުން ވަނީ މީސްމީޑިއާގެ ބައެއް ސައިޓްތަކަށް ނުވަދެވޭ ގޮތް ހަދާފައެވެ. ނަމަވެސް ވާޗުއަލް ޕްރައިވެޓް ނެޓްވޯކްތައް ބޭނުންކޮށްގެން މީހުން ވަނީ އެކަން ފަހަނައަޅައި ގޮސް ޚިދުމަތް ހޯދާފައެވެ.

މިއަދު ސަރުކާރުން ވަނީ އިތުރަށް އިންޓަރނެޓް ކެނޑުމުގެ މުއްދަތު އިތުރުކޮށް، ވަކި ސަރަހައްދުތަކާއި ވަކި ވަގުތުތަކެއްގައި މޯބައިލް އިންޓަނެޓް ޑިވައިސްތަކުގެ ހުރިހާ ޑޭޓާއެއް ކެނޑޭ ގޮތް ހަދާފައެވެ.

ސެނެގާލްގެ ހަމަނުޖެހުންތަކަށް މެދުވެރިވި ސަބަބަކީ ބުރާސްފަތި ދުވަހު އިދިކޮޅު ޕާޓީގެ މަޝްހޫރު ލީޑަރު އުސްމާނޭ ސޮންކޯ ދެ އަހަރަށް ޖަލަށް ލާން ހުކުމް ކުރުމުންނެވެ.

އަދި މިހާރުގެ ރައީސް މެކީ ސަލް ތިން ވަނަ ދައުރަކަށް ވާދަކުރެއްވުމަށް ނިންމެވުމުންވެސް މީހުން ރުޅިގަދަވެފައެވެ. ސެނެގާލްގައި ދެ ދައުރުގެ ރިޔާސީ ލިމިޓެއް އޮވެއެވެ.

އިންޓަނެޓް ކަނޑާލުމަކީ އެފްރިކާގައި އާންމު ކަމެކެވެ.

2011 ވަނަ އަހަރުގެ އަރަބިންގެ ރަބީއުގައިވެސް މައުލޫމާތު ފެތުރުން ކޮންޓްރޯލް ކުރަން މަސައްކަތް ކުރި އެވެ.

އޭގެ ފަހުން ގެބޯން، ގެމްބިއާ، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ ފަދަ ގައުމުތަކުން ވެސް ވަނީ ހަމަނުޖެހުން ކުރިމަތިވާ ވަގުތުތަކުގައި އެކަން ކޮށްފައެވެ.

އިންސާނީ ހައްގުތަކާ ބެހޭ ޖަމާއަތްތަކުން ބުނާ ގޮތުގައި މި ފިޔަވަޅަކީ ވާހަކަ ދެއްކުމުގެ މިނިވަންކަމާ ހިލާފު ފިޔަވަޅެކެވެ.



More from Kaafu Online