ޗެނަލް13އަށް އިންޒާރުދިން މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި

Mon, 29 May 2023 02:51 PM

View on this article on Kaafu Online

ޗެނަލް13އަށް އިންޒާރުދިން މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝާން(ބްރޯޑްކޮމް) އިން ޗެނަލް13 އަށް އިންޒާރުދިން މައްސަލަ މަޖިލީސް ތަޅަމުން ބޭރުކޮށްފިއެވެ.



ބްރޯޑްކޮމްއިން އެ ޗެނަލުގެ އިސްވެރިންނަށް އެންގި އެންގުމެއްގައިވަނީ އެ ޗެނަލުން މި މަހުގެ 13 އާއި 22ވަނަ ދުވަހު ފޮނުވި ދެ ކޮންޓެންޓެއްގައި އިޖުތިމާއީ މިންގަނޑަށް ނުފެތޭ ބަސްމަގާއި އިޝާރާތް ބޭނުންކޮށްފައިވާކަމަށެވެ. އަދި މީހެއްގެ ނުވަތަ ބައެއްގެ ހުރުމަތް ކެނޑިދާފަދަ ނުވަަތަ އިއްޒަތާއި ގަދަރަށް އުނިކަން އަންނަފަދަ ބަސްމަގާއި މަންޒަރު ހިމެނޭ ކޮންޓެންޓު ބްރޯޑްކާސްޓުކޮށްފައިވާކަމަށް ބެލެވޭކަމަށާއި، ހަމައެއާއެކު ވަކި ފަރާތަކަަށް ބުރަވެ ސައްހަ ނޫން މައުލޫމާތު ބްރޯޑްކާސްޓުކޮށްފައިވާތީ އެ ޗެނަަލަށް ޖަވާބުދާރީ ވުމުގެ ފުރުސަތު ދޭކަމަށެވެ. އަދި ބްރޯޑްކޮމުން ވަނީ މި ފެށޭ ޖޫން މަހުގެ 12ވަނަ ދުވަހުގެ 14:00ގެ ކުރިން ޖަވާބުދާރީވުމަށް އަންގައިފައެވެ. އިތުރު ފުރުސަތު ބޭނުންނަމަ އެ މުއްދަތު ހަމަވަމުގެ ކުރިން އެންގުމަށް ވެސް އެ ކޮމިޝަނުން ޗެނަލް 13 އަށް  އަންގައިފައިވެއެވެ.

މި މައްސަލަ މިއަދު ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއްގެ ގޮތުގައި ހުށައަޅަމުން ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ގާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ލިބިދޭ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި 28 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ނޫސްވެރިކަމުގެ މިނިވަންކަން ބޭނުންކޮށްގެން، ސަމާސާ އަދަބުގެ ތެރެއިން ލަވައާއި މިއުޒިކު ބޭނުންކޮށްގެން، ޚިޔާލެއް ފާޅުކުރުމުން ޗެނަލް-13 އަށް އިންޒާރުދީ ބްރޯޑްކާސްޓިން ކޮމިޝަނުން ހިންގި އަމަލަކީ ގާނޫނު އަސާސީއާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށެވެ.

މި މައްސަލަ މަޖިލީހަށް ހުށައެޅުމުން  ކުއްލި މައްސަލައަށް ބަހުސް ކުރަން ނުފެންނަ ކަމަށް 26 މެންބަރުން ވޯޓު ދެއްވިއިރު ފެންނަ ކަމަށް ވޯޓު ދެއްވީ 20 މެންބަރުންނެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ ދުނިޔޭގެ ޑިމޮކްރެޓިކް މުޖުތަމައުތަކުގައި ދީނީ، ވަތަނީ ކަންކަން ފިޔަވައި ސިޔާސީ ލީޑަރުންނާއި ޕާޓީތަކާއި އާންމު ޝަހުސިއްޔަތުތަކާމެދު ސަމާސާ އަދަބު ބޭނުންކުރުމަކީ ހިޔާލު ފާޅުކުރުމުގެ ހައްގެއް ކަމަށެވެ. އެކަން އެ ގައުމުތަކުގެ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކުންނާއި ބައިނަލްއަގްވާމީ މުއާހަދާތަކުން އެނގޭ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

މި ފަހަކަށް އައިސް ސިޔާސީ އެކި ފަންތީގައި މަސައްކަތް ކުރައްވާ ފަރާތްތަކާއި ދެކޮޅަށް މަޖާޒީ ބަސްމަގުން ލަވަހަދާ، ޗެނަލް13 އިން އަންނަނީ ބްރޯޑްކާސްޓް ކުރަމުންނެވެ. މީގެ ކުރިންވެސް މިފަދަ މައްސަލައެއްގައި ބްރޯޑްކޮމް އިން ޗެނަލް13 އާއިމެދު ވަނީ ފިޔަވަޅު އަޅާފައެވެ.



More from Kaafu Online