މެމްބަރުން ގަދަ ނިދީގައި ނިދި ފުރިހަމަ ކުރަނީއެވެ. ނުވަތަ އަނބިމީހާއާއެކު ފަރިކޮށް ކޮފީއެއް ބޯލަނީއެވެ. އެކަމަކު މަޖިލިސް ޖަލްސާ ހިނގަމުން ދަނީއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުގެ ނިވަލުގައި ތިބެގެން ސިޔާސީ މަންފާ ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙު ނުބައި މީސް ކުރުމަށް ކަތިލަމުން، ތުހުމަތުތައް އަމުނަމުން ދަނީއެވެ.
މިފަދަ ކަންކަމަކީ، އަޅައި ނުލައި ދޫކޮށް ލެވޭނެ ކަންކަމެއް ތޯއެވެ؟
ރައީސުލްޖުމްހޫރިއްޔާއަށް ތުހުމަތު ކޮށް މެމްބަރުން އިއްޔެގެ ޖަލްސާގައި ވާހަކަ ދެއްކުމުން، އެކަން ކުށްވެރިކޮށް އެމްޑީޕީ މެމްބަރުން ވާހަކަ ދެއްކިއެވެ. އެކަމަކު ނިސްބަތުން އެންމެ ގިނައިން ވާހަކަ ދެއްކީ އެމްޑީޕީން ވަކިވެފައިވާ ފިކުރުގެ މީހުންނެވެ.

މައްސަލައަކީ ރައީސުލްޖުމްހޫރިއްޔާއާ ސަރުކާރު ނުބައި މީސްކުރުމަށް ވާހަކަ ދެއްކުމަށް ބާޒާރެއް ހުޅުވިފައި ހުންނައިރު، ޖަލްސާއަށް ސަރުކާރު ފަޅީގެ މެމްބަރުން ހާޒިރު ނުވުމެވެ. ނުވަނަ ހާޒިރުވުން ލަސް ވުމެވެ. އިއްޔެގެ ޖަލްސާއަކީ، އެކަން ބޮޑަށް ފާހަގަ ވެގެން ދިޔަ ދުވަހެކެވެ.
އިއްޔެގެ ޖަލްސާގައި އެންމެ ގިނައިން އެކަކަށް ވާހަކަ ދެއްކީ މާފަންނު މެދު ދާއިރާގެ މެމްބަރު ބޮންޑާ އިބްރާހީމް ރަޝީދުއެވެ. އޭނާ 9 ފަހަރަށް ވާހަކަ ދެއްކި އިރު އޭނާއާ ގާތްކުރާ ވަރަކަށް މައިކް ބޭނުން ކުރެއްވީ 7 ފަހަރަށް މައިކު ބޭނުން ކުރެއްވި މަޖިލިސް ރައީސެވެ.
އެމްޑީޕީގެ މެމްބަރުންގެ ތެރޭން 3 ފަހަރަށް ވާހަދެއްކެވި މެމްބަރަކީ، ދުވާފަރު މެމްބަރު އިސްމާއީލް އަޙުމަދުއެވެ. އޭނާއަކީ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒާއި ކޮމަންޑޫ ދާއިރާގެ މެމްބަރު މުޙަމއްމަދު ރާޝިދުއާއެކު ބްރޭކްގެ ކުރިން ވާހަކަ ދެއްކެވި 3 އެމްޑީޕީ މެމްބަރުންގެ ތެރޭން އެއް މެމްބަރެކެވެ.
ކިނބިދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނާޝިޒުގެ ޚަބަރެއްވެސް ނުވެއެވެ.

ދެފަހަރަށް އެމްޑީޕީން ވާހަކަ ދެއްކެވި، މީދޫ ދާއިރާ މެމްބަރު ރޮޒައިނާވެސް ވާހަކަ ދެއްކެވީ ބްރޭކްގެ ފަހުންނެވެ. މާނައަކީ ޖަލްސާއަށް ހާޒިރު ވަނީ ލަހުންނެވެ.
މިއީ އިންތިޚާބީ މޫސެމެކެވެ. މި މޫސުމުގައި ކޮންމެ ފަދަ ގަރާރެއް ހުށަހެޅުނު ކަމުގައި ވިއަސް ސިޔާސީ ބޭނުމަށް ވާހަކަ ދައްކާއިރު އަގު ވައްޓާލަން ބޭނުންވާ މީހާގެ އަބުރާ ބެހޭނެ ކަން ދަންނަން ޖެހޭނެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެސް ރައީސަށް ތުހުމަތު ކުރެވުނު މައްސަލައާ ބެހޭ ގޮތުން ސަރުކާރުގެ ތަރުޖަމާނަށް ސުއާލު ދެންނެވުނެވެ.
މިއުވާން މުހައްމަދު ވިދާޅުވީ އެއީ "ކަނޑައެޅިގެން ދޮގު" ތުހުމަތުތަކެއް ކަމަށެވެ.

"އެއީ ހަމަލާގެ ސީރިއަސްކަން ގެއްލުވާލައި ބަޔަކަށް ގެއްލިފައިވާ ސިޔާސީ ތާއީދު އަނބުރާ ހޯދުމުގެ ގޮތުން ތާއީދު ހޯދިދާނެ ކަމަށް ދެކެވަޑައިގެން ބައެއް ބޭފުޅުން ދައްކަވާ ވާހަކައެއް. އެކަމުގައި ހަގީގަތެއް އޮތް ކަމަށްވާނަމަ މި ދެ ތިން ދުވަހު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އެކަނި ކީއްވެގެންތޯ އެ ވާހަކަ ދައްކަވަންވީ" މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާން ވިދާޅުވިއެވެ.
މިއުވާން ވިދާޅުވާ ގޮތުގައި ދައްކާ ވާހަކަތައް ސާބިތު ކޮށްދޭން ޖެހޭ ޕްލެޓްފޯމެއްގައި އެ ބޭފުޅުން އެ ވާހަކަ ނުދައްކަވަނީ ކީއްވެގެންތޯ ސުވާލު އުފެދޭ ކަމަށެވެ.
މަޖިލީހުގެ އިމްތިޒާޒުގެ ނިވަލުގައި ފިލާ ތިބެގެން ދައްކާ ސާބިތު ނުހިފޭ ވާހަކަ ގައުމީ ޓީވީން ދުރަށް ދެއްކުމަށް ވުރެން ނުދެއްކުންވެސް މާރނގަޅުވާނެއެވެ.
@kaafu.mv Kaafu, Kaafu.mv #ibu2023
The post ރައީސަށް ބޮޑެތި ތުހުމަތުތައް ކުރާ އިރު ސީނިއާ އެމްޕީން ގޭގައި ނިދާފަ first appeared on ކާފު އޮންލައިން.