ޤައުމިއްޔަތު ކުރިއެރުވުމަށް މިޞުރުން އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން ދީފި

Tue, 21 Nov 2023 12:36 AM

View on this article on Iruvaru

ޤައުމިއްޔަތު ކުރިއެރުވުމަށް މިޞުރުން އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން ދީފި

ޤައުމިއްޔަތު ކުރިއެރުވުމަށް މިޞުރުން އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން ދީފިއެވެ.
މި ޔަޤީންކަން ދެއްވަވާފައިވަނީ ދިވެހިބަހާއި ޘަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ނަޞީރު އިބްރާހީމް މިޞްރުގެ ސަފީރު މާޖިދު މުޞްލިޙާ މިއަދު ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ބައްދަލުވުމުގައި ދިވެހި ރާއްޖޭގެ ޤައުމިއްޔަތު ދިރުވާ އާލާކުރުމަށް ގިނަ ބުރަ މަސައްކަތްތަކެއް ކުރައްވަން ޖެހޭކަމަށް ދެބޭފުޅުން ފާހަގަކުރައްވާފައިވާއިރު މިޞުރުން ރާއްޖެއަށް ހުރިހާ ރޮނގަކުން އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށް ސަފީރު ވިދާޅުވިއެވެ. އެގޮތުން މިޞުރުގައި ރާއްޖޭގެ ޘަގާފީ މަރުކަޒެއް ޤާއިމްކޮށް މިޞުރުގެ ރައްޔިތުންނާއި ދިވެހި ދަރިވަރުންނަށް އެތަނުގެ ބޭނުން ކުރެވޭނެ މަގު ފަހިކޮށްދީ، ދިވެހީންގެ ދިވެހިވަންތަކަން ފެންނާނެ އިންތިޒާމް ހަމަޖެއްސުމާއި މިޞުރުގެ ވެރިރަށް ޤާހިރާގެ މަގަކަށް ދިވެހި ނަމެއް ދިނުމާއި ބެހޭގޮތުން މަޝްވަރަކުރައްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ހަފްތާ 14ގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ރާއްޖޭގެ ޤައުއްޔަތު ދިރުވާ އާލާކުރުމަށް ފަށާ ބޮޑު މަޝްރޫޢަށް ބޭނުންވާ ޢިލްމީ ދިރާސާތައް، ޢާކިއޮލަޖީ އަދި އެންތޮރަޕޮލޮޖީގެ ދާއިރާއިން ހެއްދެވުމުގައި މިޞުރުގެ އިލްމުވެރިންގެ އެހީތެރިކަމާއި އެއްބާރުލެއްވުން ދެއްވުމަށާއި، އަދި ރާއްޖޭގެ ޘަގާފީ ތަރިކަ ޔުނެސްކޯގައި ލިސްޓް ކުރުމަށް އެހީތެރިކަން ފޯރުކޮށްދެއްވުމަށްވެސް މި ބައްދަލުވުމުގައި މަޝްވަރާ ކުރައްވާފައިވެއެވެ.
ދިވެހީންނަކީ އިސްލާމީ ތަރަހައިގައި ދީނުގެ ރީތި އުސޫލުން ޤައުމިއްޔަތު ބިނާކޮށްފައިވާ ބަޔަކަށްވާތީ ޤައުމިއްޔަތުގެ މި މުހިންމު މަސައްކަތުގައި، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އިސްލާމީ ޝަޚުސިއްޔަތު ހަރުދަނާކުރުމާއި ގުޅޭ ކަންކަން ދަސްކޮށްދީ ޢަރަބިސް ދައްކޮށްދެއްވުމަށް މަރުކަޒުތަކެއް ޤާއިމް ކުރުމަށްވެސް މި ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވެއެވެ. މީގެ އިތުރުން އިސްލާމީ ތާރީޚީ ސިލްސިލާތަށް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމް ހަމަޖެއްސެވުމަށް ދެބޭފުޅުންގެ މެދުގައި މަޝްވަރާ ކުރައްވާފައިވެއެވެ.
މި ބައްދަލުވުމުގައި ދިވެހިންގެ ޘަގާފަތާއި ޤައުމީ ތަރިކަ ދިރުވާ އާލާ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ ތަޞައްވަރެއްކަމަށާއި މި ތަޞައްވަރަށް ފަހިކަން ލިބޭ ގޮތަށް މުހިއްމު އެހީތެރިކަމެއް ދެއްވަން ހުށަހެޅުއްވީތީ އެކަމަށްޓަކައި ވަޒީރު ވަނީ މިޞްރުގެ ސަފީރަށް ޝުކުރު ދަންނަވާފައެވެ.

The post ޤައުމިއްޔަތު ކުރިއެރުވުމަށް މިޞުރުން އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން ދީފި first appeared on Iruvaru Online.


More from Iruvaru