ދެޤައުމަށް ފައިދާހުރި މަޝްރޫޢުތައް ދެޤައުމުން ގުޅިގެން ހިންގޭނެކަމަށް އުއްމީދުކުރަން: ޔުނާން ޕްރޮވިންސްގެ ގަވަރުނަރު

Sun, 21 May 2023 09:14 PM

View on this article on Iruvaru

ދެޤައުމަށް ފައިދާހުރި މަޝްރޫޢުތައް ދެޤައުމުން ގުޅިގެން ހިންގޭނެކަމަށް އުއްމީދުކުރަން: ޔުނާން ޕްރޮވިންސްގެ ގަވަރުނަރު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް ޗައިނާގެ ޔުނާން ޕްރޮވިންސްގެ ގަވަރުނަރު ވަންގް ޔުބޯ އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ގަވަރުނަރާއި އެމަނިކުފާނުގެ ވަފުދަށް ރައީސުލްޖުމްހޫރިއްޔާ މަރުޙަބާ ވިދާޅުވެ، ރާއްޖެއާ ޗައިނާއާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްްވައި، ދެޤައުމުގެ މެދުގައި މިހާރު އޮތް ގާތްގުޅުން އިތުރަށް ބަދަހިކުރެއްވުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. މިގޮތުން ޚާއްޞަގޮތެއްގައި ފަތުރުވެރިކަމާއި، ތަޢުލީމާއި، ކުޅިވަރާއި، ދަނޑުވެރިކަމުގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރެއްވުމާއި ގުޅޭ ގޮތުން މިބައްދަލުވުމުގައި ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ، ރާއްޖޭގެ އިޤުތިޞާދީ އަދި އިޖުތިމާޢީ ކުރިއެރުމަށް ޗައިނާ ސަރުކާރުން ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ޗައިނާގެ ޔުނާން ޕްރޮވިންސްގެ ގަވަރުނަރު ދެއްކެވި ވާހަކަފުޅުގައި، ކުރިޔަށް އޮތްތަނުގައިވެސް ވިޔަފާރީގެ ދާއިރާ ހިމެނޭގޮތުން ދެޤައުމަށް ފައިދާހުރި މަޝްރޫޢުތައް ދެޤައުމުން ގުޅިގެން ހިންގޭނެކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން، ރައީސުލްޖުމްހޫރިއްޔާ އާއި ޗައިނާގެ ޔުނާން ޕޮރޮވިންސްގެ ގަވަރުނަރު ވަނީ، ބައިނަލްއަޤުވާމީ މައިދާނުގައި ދެޤައުމުގެ ކަންބޮޑުވުން ހުރި މައްސަލަތަކުގައި ގުޅިގެން މަސައްކަތްކުރުމާއި އެކު، ރާއްޖެއާ ޗައިނާ އާއި ދެޤައުމުގެ މެދުގައި އޮތް ގާތް ރަޙްމަތްތެރިކަމުގެ ގުޅުން، އިތުރަށް ބަދަހިވެގެންދާނެކަމަށް ޔަޤީންކުރައްވާކަމުގައި ވިދާާޅުވެފައެވެ.

The post ދެޤައުމަށް ފައިދާހުރި މަޝްރޫޢުތައް ދެޤައުމުން ގުޅިގެން ހިންގޭނެކަމަށް އުއްމީދުކުރަން: ޔުނާން ޕްރޮވިންސްގެ ގަވަރުނަރު first appeared on Iruvaru Online.


More from Iruvaru