ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެ ކުރި 173 ސިނގިރޭޓް ކާޓޫން ކަސްޓަމުން އަތުލައިގަނެފި

Sat, 29 Jun 2024 08:42 PM

View on this article on Huvadhoo News

ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެ ކުރި 173 ސިނގިރޭޓް ކާޓޫން ކަސްޓަމުން އަތުލައިގަނެފި

ކަސްޓަމްްސްގެ އިޖުރާއަތުތައް ފުރިހަމަނުކޮށް ގަވާއިދާ ހިލާފަށް ސިނގިރޭޓްތަކެއް ރާއްޖެ އެތެރެކޮށްފައިވާ ކަމުގެ ތުހުމަތަށް ތަހުގީގުކުރަމުންދާ މައްސަލައެއްގައި ހިންގި އޮޕަރޭޝަނެއްގައި 173 ސިނގިރޭޓް ކާޓޫން ކަސްޓަމުން އަތުލައިގަނެފި އެވެ.



މިކަން ހާމަކޮށްފައި ވަނީ ކަސްޓަމްގެ ރަސްމީ ‘އެކްސް އެކައުންޓުގައި އާއްމުކުރި ބަޔާނެއްގައެވެ.

އެބަޔާނުގައި ބުނެފައިވާ ގޮތުގައި ކަސްޓަމްްސްގެ އިޖުރާއަތުތައް ފުރިހަމަނުކޮށް ރާއްޖެއަށް، ސިއްރުން ސިނގިރޭޓްތަކެއް އެތެރެކޮށްފައިވާކަމުގެ ތުހުމަތުކުރެވިގެން ތަހުގީގު ކުރަމުންދާ މައްސަލައެއްގައި ކޯޓު އަމުރުގެ ދަށުން މިދިޔަ ހަފްތާގެ ހޯމަ ދުވަހު ހުޅުމާލޭގެ ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށާއި މާލެ އާއި ހުޅުމާލޭގެ 4 ތަނެއް ބުދަ ދުވަހު ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި އެ އޮޕަރޭޝަންގައި އަތުލައިގަތް 173 ސިނގިރޭޓް ކާޓޫން އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.

ކަސްޓަމްސްގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެ ކޮށްފައިވާ މި ސިނގިރޭޓުގެ މާކެޓް ވެލިއުއަކީ 1.6 މިލިއަން ދިވެހި ރުފިޔާ ކަަމަށާއި އަދި އިމްޕޯޓް ޑިއުޓީގެ ގޮތުގައި 5.6 މިލިއަން ރުފިޔާ ދައުލަތަށް ދައްކަން ޖެހޭ ކަމަށެވެ.

ހަމައެހެންމެ އެ އިދާރާގެ މަަސައްކަތްތައް ބައްޓަންވެފައިވަނީ ދުރާލާ ލިބޭ އިންޓެލިޖެންސް މައުލޫމާތާއި ޓްރޭޑާ ޕްރޮފައިލް އަށް ބިނާކޮށް ކަނޑައެޅޭ ހިރާސްގެ މިންވަރުތަކަށް ރިޔާއަތްކޮށް މުދަލުގެ ލިޔެކިޔުން ނިންމުމާއި މުދާ ބަލައިފާސްކުރުމުގެ މައްޗަށް ކަމަށްވެސް ކަސްޓަމްސް ވަނީ ބަޔާންކޮށްފައެވެ.

އެގޮތުން ކަސްޓަމްސް އަށް ދުރާލާ ލިބޭ މައުލޫމާތުތަކަށް ބިނާކޮށް ގާނޫނާ ގަވާއިދު ހިލާފު އަމަލުތަކަށް ޝައްކުކުރެވޭ ހާލަތްތަކުގައި މުދާ ކްލިއާކުރުމުގެ ފުރުސަތުދިނުމަށްފަހު ގާނޫނާ ގަވާއިދާ ހިލާފު އަމަލުތައް ހިންގާ ނެޓްވޯކްތައް ހޯދާ އެފަރާތްތަކަށް ވާސިލުވުމަށްޓަައި “ކޮންޓްރޯލްޑް ޑެލިވަރީ” އޮޕަރޭޝަންތައް ކުރިއަށްގެންދާ ކަމަށެވެ. އަދި މިގޮތަށް ހިންގާ އޮޕަރޭޝަންތަކުގައި ފާހަގަކުރެވޭ، ގާނޫނާއި ގަވާއިދާ ހިލާފަށް ރާއްޖެއަށް ތަކެތު އެތެރެކޮށް ބޭރުކުރާ ފަރާތްތަކުގެ މައްސަލަ ކަސްޓަމްސްގެ ގާނޫނާ ގަވާއިދާ އެއްގޮތުގެ މަތިން ތަހުގީގުކޮށް ފިޔަވާޅު އަޅާނެ ކަމަށެވެ.



More from Huvadhoo News