ދިވެހީންގެ ރާއްޖެ ދިވެހީންނަށް، ރައީސްގެ ރިޔާސީ އެންމެ ބޮޑު ވައުދު ފުއްދައި، ހުރިހާ އިންޑިއާ ސިފައިން ފޮނުވާލައިފި!

Thu, 09 May 2024 07:01 PM

View on this article on Huvadhoo News

ދިވެހީންގެ ރާއްޖެ ދިވެހީންނަށް، ރައީސްގެ ރިޔާސީ އެންމެ ބޮޑު ވައުދު ފުއްދައި، ހުރިހާ އިންޑިއާ ސިފައިން ފޮނުވާލައިފި!

ރާއްޖޭގައި ގާއިމްވެ ތިބި އިންޑިއާގެ ހުރިހާ ސިފައިން އަނބުރާ ގައުމަށް ގޮސްފައިވާ ކަމަށް އިންޑިއާއިން ހާމަކޮށްފިއެވެ.



ރާއްޖެ އަށް އިންޑިއާ އިން ހަދިޔާ ކޮށްފައިވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު ދުއްވަން ގެނެސްފައި ތިބި އިންޑިއާގެ ސިފައިން ބޭލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

އިންޑިއާ ސިފައިންގެ ފަހު ބެޗް ފުރާގޮތަށް އޮތީ މާދަމާއެވެ. އެކަމަކު މިއަދު އިންޑިއާގެ ފޮރިން އެކްސްޗާނަލް މިނިސްޓްރީން ބޭއްވި ޕްރެސް ބްރީފިންއެއްގައި އެ މިނިސްޓްރީގެ ތަރުޖަމާނު ރަންދީރް ޖައިސްވާލް ވަނީ ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން ގައުމަށް އައިސްފައިވާ ކަމަށެވެ.

” އަޅުގަނޑަށް ޔަގީންކޮށް ދެވޭނެ މިހާރު ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން އަނބުރާ އައިސްފައިވާކަން” ޖައިސްވާލް ވިދާޅުވިއެވެ.

އެކަމަކު ސިފައިންގެ އަދަދުތަކެއް ތަރުޖަމާނު ހާމައެއް ނުކުރައްވައެވެ. ނަމަވެސް ވިދާޅުވީ ސިފައިންގެ ބަދަލުގައި މަދަނީ މީހުން މިހާރު ރާއްޖެއަށް އައިސްފައިވާ ކަމަށެވެ.

ހޯމަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ދެ ޕްލެޓްފޯމަކުން ޖުމްލަ 51 ސިފައިން އަނބުރާ ގޮސްފައިވާ ކަމަށެވެ. އިތުރު ތަފްސީލްތައް ހާމަ ކުރާނީ ހުރިހާ އެންމެން ފުރުވާލެވުމުން ކަމަށް ހީނާ ވިދާޅުވެފައިވެއެވެ.

ރާއްޖޭގައި އިންޑިއާގެ ތިން އުޅަނދެއް އޮޕަރޭޓްކުރެއެވެ. ފުރަތަމަ ހެލިކޮޕްޓަރު ގެނައީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. ދެވަނަ ހެލިކޮޕްޓަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ގެނައިިރު، ޑޯނިއާ މަތިންދާބޯޓު ގެނެސްފައިވަނީ ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގަ އެވެ.



More from Huvadhoo News