ކުންފުނިތައް ބަނގުރޫޓުވިޔަ ނުދީ ސަލާމަތްކޮށްދިނީ މި ސަރުކާރުން: އާދަމް ޝަރީފު

Thu, 09 May 2024 01:54 PM

View on this article on Huvadhoo News

ކުންފުނިތައް ބަނގުރޫޓުވިޔަ ނުދީ ސަލާމަތްކޮށްދިނީ މި ސަރުކާރުން: އާދަމް ޝަރީފު

މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި އިޤްތިސާދީ ހާލަތު ރަނގަޅުކޮށް، ކުންފުނިތަކަށް ކުރިއެރުންތައް އަންނާނެ މަގު ސަރުކާރުން ފަހިކޮށްދީފައިވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.



ވަޒީރު އާދަމް ޝަރީފު މިހެން ވިދާޅުވީ މޯލްޑިވިއަންގެ ފްލީޓަށް އިތުރު އޭޓީއާރު ބޯޓެއް ގަނަައުން ފާހަގަކުރުމަށްޓަކައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

ޤައުމީ އެއާލައިން މޯލްޑިވިއަންގެ ފްލީޓު ޒަމާނީ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، އޭޓީއާރު މަރުކައިގެ އިތުރު މަތިންދާބޯޓެއް ވަނީ ރާއްޖެ ގެނެސްފައެވެ. މިކަން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވަޒީރު އާދަމް ޝަރީފު ޢުމަރު ވަނީ އެކަމަކީ ކޮންމެ ދިވެއްސަކަށްވެސް އުފާވެރިކަން ގެނެސްދޭނެ ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ވަޒީރު ވިދާޅުވީ ސަރުކާރު ވެރިކަމާއި ހަވާލުވިއިރު އައިލެންޑް އޭވިއޭޝަން އަދި އެހެންވެސް ކުންފުނިތައް އޮތީ ބަންގުރޫޓުވުމާއި ދިމާއަށް މިސްރާބު ޖަހާފައި ކަމަށެވެ. އެހެންނަމަވެސް، މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި ރާއްޖޭގެ އިޤްތިސާދީ ހާލަތު ރަނގަޅުކޮށް، ކުންފުނިތަކަށް ކުރިއެރުންތައް އަންނާނެ މަގު ސަރުކާރުން ފަހިކޮށްދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

“ކުންފުނިތަކަށް މިވަރުގެ ކުރިއެރުންތައް އަންނާނެ މަގު ފަހިވެގެން ދިޔުމަކީ ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސީ ވިސްނުންފުޅާއި، އެމަނިކުފާނުގެ އިޤްތިސާދީ ސިޔާސަތު ހީނުކުރާހާ ހަރުދަނާވެ، ވަރަށް ބޮޑެތި އުއްމީދުތަކެއް ލިބިގެންދިޔަ ކަމެއް،” ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މިއަދު ރާއްޖޭގެ ރައްޔިތުންނަށްވެސް އަދި ބައިނަލްއަޤްވާމީ ދުނިޔޭގައި، ރާއްޖޭގައި އިންވެސްޓުކުރަން ތިބި ފަރާތްތަކަށްވެސް ފެންނަމުންދަނީ ހަޤީގީ މާނައިގައި ރާއްޖޭގެ އިޤްތިސާދީ ހާލަތު ރަނގަޅުވެގެންދާ މަންޒަރު ކަމަށެވެ. އަދި މި ކުރިއެރުންތައް އަންނަމުންދަނީ ސިޔާސީ ހިކުމަތްތެރި ވެރިއެއްގެ ލީޑަރޝިޕްގެ ދަށުން މަސައްކަތްކުރަމުންދާތީ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

“ދިވެހި ރުފިޔާ ޗާޕް ނުކުރަން ނިންމި ނިންމުމާއެކު އިޤްތިސާދަށް އައި ބަދަލުތަކާއި އެކު، އިޤްތިސާދު މިއަދު ކޮޅަށް ހިންދެމިލައިގެން ތެދުވެ، ކުރިއަށްދާން މި ފެށީ، އާއްމު ބަހުރުވައިން ދަންނަވާ ކަމުގައިވާ ނަމަ، އިޤްތިސާދުވެސް މުޢިއްޒު ސްޕީޑުގައި ކުރިއަށްދާތަން ފެނިގެންދާނެ،” ވަޒީރު ވިދާޅުވިއެވެ.



More from Huvadhoo News