އެމްއޭސީއެލްގެ ޙައްޖު ދަތުރު ލިބުނު 10 މުވައްޒަފުންނާ ލިޔުން ހަވާލުކޮށްފި

Thu, 09 May 2024 12:50 PM

View on this article on Huvadhoo News

އެމްއޭސީއެލްގެ ޙައްޖު ދަތުރު ލިބުނު 10 މުވައްޒަފުންނާ ލިޔުން ހަވާލުކޮށްފި

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ފަރާތުން މި އަހަރުގެ ހައްޖުގެ އަޅުކަމަށް ފޮނުވާ މުވައްޒަފުންނާ މިއަދު ލިޔުން ހަވާލުކޮށްފި އެވެ.



މިކަމަށްޓަކައި ހުޅުލެ އައިލެންޑް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މުވައްޒަފުންނާ ލިޔުން ހަވާލު ކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދެވެ.

އެމްއޭސީއެލްއިން އެ ކުންފުނީގެ މުވައްޒަފުން ހައްޖަށް ފޮނުވުމުގެ ޕްރޮގްރާމެއް ފެށީ 1998 ވަނަ އަހަރު އެވެ. އެފަހުން ޕްރޮގްރާމް މެދުކަނޑާލުމަށް ފަހު، 2017 ވަނަ އަހަރު އަލުން ފަށައި މުވައްޒަފުން ހައްޖަށް ފޮނުވަން ފެށި އެވެ. އޭގެ ފަހުން ކޮވިޑުގެ ސަބަބުން އެ ޕްރޮގުރާމް ހަތަރު އަހަރު ވަންދެން މެދުކަނޑާލުމަށްފަހު، މިދިޔަ އަހަރު އަނެއްކާ ފަށައި އެ ކުންފުނިން ވަނީ ފަސް މުވައްޒަފަކު ހައްޖުގެ އަޅުކަމަށް ފޮނުވައިފައެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި މި އަހަރު އެ ކުންފުނިން ހައްޖަށް ފޮނުވަން ނިންމާފައިވާ 10 މުވައްޒަފުންނާ ވަނީ ލިޔުން ހަވާލުކޮށްފައެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ އެމްޑީ އަދި ސީއީއޯ ޝަރީފް ވިދާޅުވީ، މި އަހަރު މުވައްޒަފުން ހައްޖަށް ފޮނުވުމަށް ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް ސަރުކާރާ ގުޅިގެން މުވައްޒަފުންނަށް މި ފުރުސަތު ހޯދައި ދިނީ، އެއީ އެ ކުންފުންޏަށް މުހިންމު ކަމަކަށް ވާތީ ކަމަށެވެ. އަދި ކުރިމަގުގައި ވެސް އެ ޕްރޮގްރާމުގެ ތެރެއިން ހުއްޓުމެއް ނެތި މުވައްޒަފުން ހައްޖަށް ފޮނުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރައްވާނެ ކަމުގެ ޔަގީންކަން ޝަރީފް ވަނީ ދެއްވައިފައެވެ.

“އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަކީ އިސްލާމްދީނުގެ އަސާސްތަކާއި، މިކަންކަމަށް ވަރަށް ބޮޑަށް އިސްކަންދެއްވާ ސަރުކާރެއް. އޭގެ ހެއްކެއް ރަމަޟާން މަހުގެ ފަހު ދިހައެއް ބަންދުވެގެން ދިޔުމަކީ. މި ފަދަ ކަންކަން ސަރުކާރާއި ގުޅިގެންނާއި އަދި އަމިއްލައަށްވެސް ފަހިވެގެންދާނެ ގޮތަކަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންދެން،” ޝަރީފު ވިދާޅުވިއެވެ.

މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބުނު އެމްއޭސީއެލްގެ މުވައްޒަފުން ވަނީ އެ ފުރުސަތު ލިބިގެން ދިޔުމުން އުފާކުރާކަން ފާހަގަކޮށްފައެވެ. އަދި ކުންފުނިން ބަހައްޓާ ގާތްކަމާއި މުވައްޒަފުންގެ ލާބަޔާ މަންފާއަށް ކުންފުނިން ދެއްވާ ސަމާލުކަމަށް މުވައްޒަފުން ވަނީ ޝުކުރު އަދާކޮށްފައެވެ.

“އަޅުގަނޑުމެންނަށް މި ފުރުސަތު ލިބުނު ކަމަށްޓަކައި ހަމަ ކުންފުނީގެ އެމްޑީއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. ހާއްސަކޮށް ގިނަ ދުވަސްވީ މުވައްޒަފުންނަށް ހާއްސަ އިސްކަމެއްދޭތީ ވަރަށް އުފާކުރަން” ފުރުސަތު ލިބުނު މުވައްޒަފަކު ފާހަގަކުރެއްވިއެވެ.

އެމްއޭސީއެލް އިން މައުލޫމާތު ދިން ގޮތުގައި، އެ ކުންފުނިން މި ފަހަރު ވެސް ހައްޖުގެ އަޅުކަމަށް މުވައްޒަފުން ފޮނުވާ ސިޔާސަތުގެ ދަށުން، ހައްޖަށް ފޮނުވާ މުވައްޒަފުން ހޮވުމުގައި އިސްކަން ދިނީ އެންމެ ދުވަސްވީ މުވައްޒަފުންނާއި މީގެ ކުރިން ހައްޖަށް ނުދާ މުވައްޒަފުންނާއި ލިޔުންތައް ހަމަކޮށް އެންމެ ކުރިން ހުށަހެޅި މުވައްޒަފުންނަށް ކަމަށެވެ. އަދި އެ ކުންފުނީގެ ޙައްޖު ސްޕޮންސަރޝިޕަކީ ޙައްޖުގެ އަޅުކަން އަދާކުރުމަށް، ކުންފުނީގައި ގިނަ ދުވަހު މަސައްކަތް ކުރަމުންދާ ހީވާގި މުވައްޒަފުންނަށް އެމީހުންގެ ބުރަ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ދެވޭ ސްޕޮންސަރޝިޕެއް ކަމަށާއި މުވައްޒަފުންނަށް ލިބެން ހުރި ފައިދާތައް އިތުރަށް ފުޅާކުރުމުގެ ގޮތުން ކުންފުނީގެ ސިޔާސަތުތައް ވެސް ރިވައިޒް ކުރަން ފަށާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހައްޖު ދަތުރު ޕޮލިސީ ވެސް ހިމެނޭކަން އެ ކުންފުނިން ފާހަގަކުރެއްވި އެވެ.



More from Huvadhoo News