ތެލެސީމިއާ ސެންޓަރު ހުޅުމާލޭގެ އާ އިމާރާތަކަށް ބަދަލުކުރަނީ

Thu, 09 May 2024 07:51 AM

View on this article on Huvadhoo News

ތެލެސީމިއާ ސެންޓަރު ހުޅުމާލޭގެ އާ އިމާރާތަކަށް ބަދަލުކުރަނީ

ތެލެސީމިއާގެ ހިދުމަތްތައް ފޯރުކޮށްދޭ މޯލްޑިވްސް ބްލަޑް ބޭންކް ސާވިސަސް ސެންޓަރު ހުޅުމާލޭގެ އިމާރާތަކަށް ބަދަލު ކުރަން ހަމަޖެހިފައިވާ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ރޭ ވިދާޅުވެއްޖެ އެވެ.



ތެލެސީމިއާ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ހަލީލު ވިދާޅުވީ މޯލްޑިވްސް ބްލަޑް ބޭންކް ސާވިސަސް ހިންގާ އިމާރާތުގެ ޖާގައިގެ ދަތިކަން ކުރިމަތިވެފައިވުމުގެ އިތުރަށް އެ ތަން ބާވެ ބައެއް ބައިތައް ވެއްޓިފައިވާ ކަމަށެވެ. އެ ތަނަކީ ތެލެސީމިއާ ކުދިންނަށް ހިދުމަތް ފޯރުކޮށްދޭން އެކަށީގެންވާ ތަނެއް ނޫން ކަމަށް ވިދާޅުވި އެވެ.

އެހެންވެ އެ އިމާރާތް ބަދަލު ކުރުމުގެ މަސައްކަތް ސަރުކާރުން ވަރަށް އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ހުޅުމާލެ ފޭސް އެކަކުން މިހާރު ވަނީ މޯލްޑިވްސް ބްލަޑް ބޭންކް ސާވިސަސްއަށް އިމާރާތެއް ހަމަޖެހިފަ އެވެ.

“ބަލި ތަހައްމަލު ކުރާ ފަރާތްތަކުގެ ވެސް އެހީތެރިކަމާ އެކު، މިހާރު ވަނީ ހުޅުމާލެ ފޭސް އެކަކުން އިމާރާތެއްގެ ޖާގަ ކަށަވަރު ކުރެވިފައި. އިރާދަކުރެއްވިއްޔާ އެ ކުދިން އެ ބޭނުންވާ ގޮތަށް އެ ކުދިންގެ މަޝްވަރާއާ އެއްކޮށް ގާއިމް ކުރަން ޖެހޭ ކަންކަން ބައްޓަން ކުރަމުން ގެންދާނީ. ވަރަށް އުފަލާ އެކު ފާހަގަ ކުރަން އެ އިމާރާތަށް ޒިޔާރަތްކޮށް އެ އިމާރާތުގައި ހުންނަން ބޭނުންވާ ވަސީލަތްތައް މިހާރު ވަނީ މޯލްޑިވްސް ބްލަޑް ބޭންކް ސާވިސަސްއާ ހިއްސާކޮށްފައި،” މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އިމާރާތުގެ ޑިޒައިން ނިމި، މިހާރު ކުރިއަށް ދަނީ މަޝްރޫއުއަށް ފައިނޭންސް ހޯދުމުގެ މަސައްކަތް ކަމަށެވެ.

“ވަރަށް ކައިރި މުސްތަގުބަލެއްގައި އާ އިމާރާތަކަށް އާ ތަނަކަށް ބަދަލުވެގެންދާނެ ކަން އަޅުގަނޑު ވަރަށް އުފަލާ އެކު ފާހަގަ ކުރަން،” ހަލީލް ވިދާޅުވި އެވެ.

ރާއްޖޭގައި ތެލެސީމިއާ ހޮސްޕިޓަލެއް ހެދުމަކީ ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް އިސްކަމެއް ދެއްވާ ކަމެއް ކަމަށާއި އެ ތަން ތަރައްގީ ކުރާނީ ރާއްޖޭގައި ތިބެގެން ބޯންމެރޯ ވެސް ހެދޭނެ ފެންވަރަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ތެލެސީމިއާއާ ގުޅޭ އެންމެ ފަހުގެ ލެބްތަކާއި ބްލަޑް ބޭންކެއް ވެސް ގާއިމް ކުރާނެ އެވެ.



More from Huvadhoo News