މިނިސްޓަރަށް ނުވަތަ އޮފީހުގެ އިސް ބޭފުޅަކަށްވެސް ޒަކާތުން ވައްކަމެއް ނުކުރެވޭނެ: ޝަހީމް

Thu, 09 May 2024 07:59 AM

View on this article on Huvadhoo News

މިނިސްޓަރަށް ނުވަތަ އޮފީހުގެ އިސް ބޭފުޅަކަށްވެސް ޒަކާތުން ވައްކަމެއް ނުކުރެވޭނެ: ޝަހީމް

ރާއްޖޭގައި ޒަކާތާ ގުޅޭ ކަންކަން ސަރުކާރުން ކުރިއަށް ގެންދަނީ ވަރަށް ހަރުދަނާ ކަމާއެކު ކަމަށާއި މިނިސްޓަރަކު ނުވަތަ އޮފީހުގެ ވެރިއަކަށް ހުންނަވާ ބޭފުޅަކަށް ޒަކާތުން ވައްކަން ނުކުރެވޭނެ ކަމަށް އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ވިދާޅުވެއްޖެ އެވެ.



ނޫސްވެރިންނާ ބައްދަލުކުރައްވައި މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި ޒަކާތުގެ ނިޒާމުގެ ތެރެއިން ވައްކަން ކުރެވޭ ގޮތަށް އެއްވެސް އިރެއްގައި ނެތް ކަމަށާއި ކަންކަން ތަރުތީބު ކޮށްފައި ވަނީ އެ މަގުން ނުދެވޭ ގޮތަށް ކަމަށެވެ.

“އަދި މިނިސްޓަރަކު ބޭނުންވިޔަސް ސެކްރެޓަރީއަކު ބޭނުންވިޔަސް ޑިރެކްޓަރަކު ބޭނުންވިޔަސް ވާނެ ކަމެއް ނޫން އެއީ ޒަކާތުން ވައްކަމެއް ކުރުމަކީ. އެ އަށް ވުރެ މާ ހަރުދަނާކޮށް، ތަރުތީބު ކުރެވިފައި އޮންނަ ނިޒާމެއް ޒަކާތުގެ ނިޒާމަކީ،” ޝަހީމް ވިދާޅުވި އެވެ.

އެހެންވެ، އޭނާ ވިޔަފާރިވެރިންގެ ކިބައިން ވެސް އެދިވަޑައިގަތީ މުދަލުގެ ޒަކާތް ދެއްކުމަށެވެ. ޝަހީމް ވިދާޅުވީ، މުދަލުން ޒަކާތް ނެރުމަކީ މުދަލުގައި ﷲ ބަރަކާތް ލައްވާނެ ކަމެއް ކަމަށާއި އިސްލާމިކް މިނިސްޓްރީގެ ބެލުމުގެ ދަށުން ޒަކާތު ހައުސް އިން ކަންކަން ކުރަނީ ވަރަށް އަމާނާތްތެރިކަމާއި ތެދުވެރިކަމާ އެކު ކަމަށެވެ.

“މީޑިއާތަކުގައި ސިޔާސީ ގޮތުން އެކި ފަރާތްތަކުން ދައްކަވާ ވާހަކަތަކަށް ނުބައްލަވާށޭ. ވަރަށް ހަރުދަނާ މިންގަނޑުތަކެއްގެ ތެރެއިން ޒަކާތާ ގުޅޭ ކަންކަން ދިވެހިރާއްޖޭގައި ކުރިއަށް ދަނީ،” މިނިސްޓަރު ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިން މެނިފެސްޓޯގައިވާ ގޮތުގެ މަތިން ރާއްޖޭގައި ޒަކާތު ހައުސްއެއް އުފައްދާފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، އެ އިދާރާގެ ފަރާތުން ފަލަސްތީނުގެ ރައްޔިތުންނަށް އެއްލައްކަ ޑޮލަރު ފޮނުވުމަށް ވަނީ ނިންމާފައި ކަމަށެވެ. އެ ކަމާ ގުޅޭ މުއާމަލާތުތައް ގަތަރުގެ ރެޑްކްރެސެންޓާ އެކު ކުރިއަށް ގެންދާ ކަމަށް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވި ގޮތުގައި، މިއީ ރާއްޖޭގެ ޒަކާތުގެ އިދާރާ އިން ބޭރުގެ ފަރާތަކަށް އެހީވާ ފުރަތަމަ ފަހަރެވެ. އެއީ ވަރަށް ރަނގަޅު ފިޔަވަޅެއް ކަމަށާއި ރާއްޖޭގައި ޒަކާތު ހައުސް ހިންގަނީ ވަރަށް ރަނގަޅު މަގަކުން ކަމަށް ވިދާޅުވި އެވެ.



More from Huvadhoo News