ގާފަރު ފަޅުގައި ޓޫރިޒަމްގެ ބިޔަ މަޝްރޫއެއް، ރިސޯޓް ހަދަން 16 ރަށް ހިއްކަނީ

Thu, 09 May 2024 08:05 AM

View on this article on Huvadhoo News

ގާފަރު ފަޅުގައި ޓޫރިޒަމްގެ ބިޔަ މަޝްރޫއެއް، ރިސޯޓް ހަދަން 16 ރަށް ހިއްކަނީ

ކ. ގާފަރު ފަޅުގައި ޕްރައިވެޓް އައިލެންޑާއި ލަގްޒަރީ ރިސޯޓް ތަރައްގީކޮށް، ޓޫރިޒަމްގެ ބިޔަ މަޝްރޫއަކަށް 16 ރަށެއް ހިއްކަން ނިންމައި މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އިން އެ މަސައްކަތް ފަށައިފި އެވެ.



ގާފަރު ފަޅުގައި 16 ރަށް ހިއްކައި ރިވެޓްމަންޓް ޖެހުމަށް އެމްއެފްއެމްސީ އިން މިއަދު ހަވާލުކުރީ ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ އެޓޯލް ވޯކްސް ޕްރައިވެޓް ލިމިޓެޑާ އެވެ.

މި އެއްބަސްވުމުގެ ދަށުން ގާފަރު ފަޅުގައި 14 ޕްރައިވެޓް އައިލެންޑް އަދި ދެ ލަގްޒަރީ ރިސޯޓު ތަރައްގީ ކުރާނެ ކަމަށް އެމްއެފްއެމްސީ އިން ބުންޏެވެ. މީގެ އިތުރުން ގާފަރުގައި އިތުރު 40 ހެކްޓަރުގެ ބިން ވެސް ހިއްކާނެ އެވެ.

ޖުމްލަ 106.91 ހެކްޓަރުގެ ބިން ހިއްކަން ނިންމާފައިވާ މި ބިޔަ މަޝްރޫއުއަކީ ކ. އަތޮޅުގައި މިފަދަ ގޮތަކަށް އެއް ފަޅެއްގައި މިހާ ބައިވަރު ރަށްތަކެއް ހިއްކާ އެންމެ ފުރަތަމަ މަޝްރޫއު އެވެ.

އެއްބަސްވުމުގެ ދަށުން ރަށްތައް ހިއްކައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތަށް ޖުމްލަ 36 މިލިއަން ޔޫއެސް ޑޮލަރު ހަރަދުވާނެ އެވެ. ހިއްކުމުގެ މަސައްކަތަށް ތިން މިލިއަން ކިއުބިކް މީޓަރުގެ ވެލި ބޭނުންވާނެ ކަމަށް އަންދާޒާ ކުރެވެ އެވެ. ކިއުބިކް މީޓަރަކަށް 7.8 ޔޫއެސް ޑޮލަރުގެ ރޭޓުން، ޖުމްލަ 29،232،774 ޔޫއެސް ޑޮލަރު ހަރަދުވާނެކަމަށް ބެލެވޭ ކަމަށް އެމްއެފްއެމްސީ އިން ބުންޏެވެ.

އެ ކުންފުނިން ބުނި ގޮތުގައި މިއީ ރާއްޖޭގައި މިވަގުތު ހިންގާ ހިއްކުމުގެ މަޝްރޫއުތަކަށް ދާ ހަރަދަށް ވުރެ ވަރަށް ބޮޑު ތަނުން ކުޑަ އަދަދެކެވެ.

މި މަސައްކަތަށް ދާ ހަރަދު އެމްއެފްއެމްސީން ކޮންޓްރެކްޓަރަށް އަނބުރާ ދެއްކުމަށް ހަމަޖެހިފައިވަނީ، ރަށްތައް ހިއްކައި ނިންމުމަށް ފަހު، އެ ރަށްތައް ދިގު މުއްދަތަށް ކުއްޔަށް ދެވޭ އުސޫލުން ވިއްކައިގެން، އާމްދަނީ ހޯދައިގެންނެވެ.

ގާފަރު ފަޅަކީ ސަރުކާރުން އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޮންސެޕްޓުގެ ދަށުން ތަރައްގީކުރުމަށް އެމްއެފްއެމްސީއާ ހަވާލުކޮށްފައިވާ ފަޅެކެވެ. މި ފަޅު ތަރައްގީ ކުރުމުގެ ކޮންސެޕްޗުއަލް މާސްޓަ ޕްލޭން ނިމިފައިވާ އިރު، އެއީ ދިވެހި ސަރުކާރުން އިސްނަގައިގެން އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޮންސެޕްޓުގެ ދަށުން ޕްރައިވެޓް އައިލެންޑް ތަރައްގީކޮށް، ދިގު މުއްދަތަށް ކުއްޔަށް ދޭ އުސޫލުން، ވިއްކާ ގޮތަށް ފަރުމާ ކޮށްފައިވާ ފުރަތަމަ މަޝްރޫއެވެ.



More from Huvadhoo News