ދުންފަތުގެ ބާވަތްތަކާއި ވޭޕުން ޑިއުޓީ ބޮޑުކުރާ ބިލު މަޖިލީހުގެ ކޮމެޓީއަށް

Tue, 22 Oct 2024 03:53 PM

View on this article on Hurihaa.mv

ދުންފަތުގެ ބާވަތްތަކާއި ވޭޕުން ޑިއުޓީ ބޮޑުކުރާ ބިލު މަޖިލީހުގެ ކޮމެޓީއަށް

ދުންފަތުގެ އެކި ބާވާތްތަކުންނާއި ވޭޕުން ނަގާ ޑިއުޓީ ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގަނެ އިތުރަށް ދިރާސާކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފި އެވެ.



އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ފޮނުވި މި ބިލް މިއަދުގެ ޖަލްސާގައި މަޖިލީހަށް ހުށަހެޅުއްވީ، މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ޖަލްސާގައި މި ބިލާ ބެހޭގޮތުން ބަހުސް ކުރުމަށްފަހު ބަލައިގަންނަން ފާސްކުރީ 65 މެންބަރުންގެ ވޯޓާއެކު އެވެ. އެ ބިލު ބަލައިގަންނަން ނުފެންނަ ކަމަށް އެމްޑީޕީގެ ތިން މެންބަރަކު ވޯޓު ދެއްވި އެވެ. އެއްވެސް ކޮޅަަކަށް ވޯޓް ނުދީ ވަނީ އެންމެ މެންބަރެކެވެ.

އެމްޑީޕީ މެންބަރުންގެ ޚިޔާލު ތަފާތު!

ބިލަށް ބަހުސްކުރެއްވިއިރު އެމްޑީޕީ މެންބަރުންވަނީ ބިލުގެ ސަބަބުން މައިގަނޑު މަގްސަދު ހާސިލްވާނެތޯ ސުވާލުކުރައްވާފަ އެވެ. އެގޮތުން ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެން ޒިޔާދު ވަނީ ބިލާ ދެކޮޅަށް ވާހަކަ ދައްކާފަ އެވެ.

"ސިނގިރޭޓްގެ ޑިއުޓީ ބޮޑުކުރާތީ ވެސް އަޅުގަނޑު ކަންބޮޑުވަނީކީ ނޫން. އަޅުގަނޑު މި ދަންނަވަނީ ބޮޑުކުރާ ޑިއުޓީއަކުން ނަތީޖާއެއް ނުފެނެއޭ. ނަންބަރުތަކުން އެކަން އެ ހުރީ ސާފުކޮށް ފެންނާށޭ،" މެންބަރު ޒިޔާދު ވިދާޅުވި އެވެ.

ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ ވެސް ވަނީ ބިލަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

"މިއަދު މި ހާލަތު އޮތް ވަރަކީ ގޭގައި ކައްކައި ނުކެޔަސް ގަންނަންޖެހޭ ސިނގިރޭޓު ގަނެގެން ނޫނިއްޔަކާ އުޅެވޭކަށް ނެތް. އެއީ މި ގައުމުގެ ހާލަތު. އެެހެންވީމާ އެ ހާލަތަށް ވެއްޓިގެންދާއިރުގައި މި ހާލަތަށް އަގު އަރައިގެން ދިޔައިމާ ވާނެ ގޮތާ ދޭތެރޭގައި ހަމަ ވިސްނައިފައި އަޅުގަނޑުމެން ގޮތްތައް މިއަދު ނިންމަން ޖެހޭނީ ވެސް،" ޣަފޫރު ވިދާޅުވި އެވެ.

ސަރުކާރު މެންބަރުންގެ ޚިޔާލު

ހިތަދޫ މެދު ދާއިރާގެ މަޖިލިސް މެންބަރު، އަހުމަދު އަޒާން ވަނީ މި މައްސަލައިގައި ބޭރު ގައުމުތަކުގެ މިސާލު ނަންނަގަވާފަ އެވެ. އެގޮތުން ޑިއުޓީ ބޮޑު ކުރުމުން އެ ގައުމުތަކުގައި ވެސް ދަށް ފަންތީގެ ވަޒީފާތަކުގައި އުޅޭ މީހުން އެ ތަކެތި ބޭނުންކުރާ މިންވަރު މަދުވެފައިވާ ކަމަށެވެ.

މީގެ އިތުރުން ސަރުކާރުގެ މި ބިލަށް ތާއިދުކޮށް ސިނގިރޭޓު ބުއިން ހުއްޓާލުމަށް ނިންމާފައިވާ ކަމަށް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް މިއަދުގެ ޖަލްސާގައި ވަނީ ވިދާޅުވެފަ އެވެ.

ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވަނީ އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕް އަދި އެ އެއްޗެހީގެ ބައިބައިން ނަގާ ޑިއުޓީގެ މިންވަރު 200 ޕަސަންޓަށް ބޮޑުކުރުމަށެވެ.

ސިނގިރޭޓުންނާއި ބިޑިން ޑިއުޓީ ބޮޑުކުރުމަށް ހުށަހަޅާފައިވަނީ 50 ޕަސަންޓުންނެވެ. އެއީ ސިނގިރޭޓު އަދި ބިޑިއަކުން 8 ރުފިޔާއަށް ބޮޑުކުރުމަށެވެ.




More from Hurihaa.mv