ތިން ޑެޕިއުޓީ މިނިސްޓަރުން ގޭގައި ތިބޭތާ ހަތަރު މަސް، މުސާރައަށް ހަތަރު ލައްކަ

Wed, 08 May 2024 10:04 PM

View on this article on Hurihaa.mv

ތިން ޑެޕިއުޓީ މިނިސްޓަރުން ގޭގައި ތިބޭތާ ހަތަރު މަސް، މުސާރައަށް ހަތަރު ލައްކަ

ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާގެ އިތުރުން މަހުޒޫމް މާޖިދު ސަސްޕެންޝަންގައި ތިބޭތާ ހަތަރު މަސްވެއްޖެ އެވެ.



އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް މަލާމާތްކުރި މައްސަލައިގައި އެ ތިން ބޭފުޅުން ސަސްޕެންޑުކުރީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އެބޭފުޅުން ސަސްޕެންޑުކުރީ މުސާރަ ލިބޭ ގޮތަށެވެ.

ޑެޕިއުޓީ މިނިސްޓަރުންގެ މުސާރަ އަކީ 35،500 ރުފިޔާ އެވެ. އެހެންކަމުން އެ ތިން ބޭފުޅުންނަށް އެއްވެސް މަސައްކަތެއް ނުކޮށް ގޭގައި ތިބެގެން ޖުމްލަ 414،000 ރުފިޔާ ދައުލަތުގެ ބަޖެޓުން ވަނީ ހަރަދުކޮށްފަ އެވެ.

ޔޫތު މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އެ ބޭފުޅުން އަދިވެސް ތިބީ ސަސްޕެންޝަންގައި ކަމަށެވެ.

އެނގިފައިވާގޮތުގައި އެބޭފުޅުންނާ ގުޅޭ އެއްވެސް މައްސަލައެއް ރައީސް އޮފީހަކުން ނުބަލަ އެވެ.

"ހުރިހާ"އާ ވާހަކަދެއްކި ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ އިންޑިއާ އާ އޮންނަ ގުޅުން ހީނަރުވެދާނެތީ "ނަމެއްގައި" ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ބޭފުޅުން ސަސްޕެންޑުކުރީ ކަމަށެވެ.

ގޭގައި ތިބެގެން އެބޭފުޅުން ކުރައްވާ ކަމަކީ ރައީސް މުއިއްޒަށް ސަނާ ކިޔައި ސޯޝަލް މީޑިއާގައި ޕޯސްޓްތައް ކުރުމެވެ.

އިންޑިއާގެ ބޮޑުވަޒީރަށް މަލާމާތްކުރި މައްސަލާގައި ސަސްޕެންޑުކޮށްފައި ވިޔަސް ސަސްޕެންޝަންގައި ހުރެ އެފަދަ އަމަލުތައް ޑެޕިއުޓީ މިނިސްޓަރު ޝިއުނާ ތަކުރާރު ކުރައްވާކަން ފާހަގަކުރެވެ އެވެ. އެގޮތުން އިންޑިއާގެ ދިދައަށް މަލާމާތްކޮށް، އެ ގައުމުގެ ވެރިކަންކުރާ ޕާޓީގެ ދިދަ މޮޑިފައި ހުރި މައްސަލާގައި ގިނަ ބައެއްގެ ފާޑުކިޔުން އޭނާ އަށް އަމާޒުވެފައިވެ އެވެ.




More from Hurihaa.mv