ބީއެމްއެލްއިން ރަހުނަކާ ނުލާ އެއް މިލިއަން ރުފިޔާ ލިބޭ ހައުސިން ލޯނެއް ތައާރަފުކޮށްފި

Mon, 06 May 2024 09:17 PM

View on this article on Hurihaa.mv

ބީއެމްއެލްއިން ރަހުނަކާ ނުލާ އެއް މިލިއަން ރުފިޔާ ލިބޭ ހައުސިން ލޯނެއް ތައާރަފުކޮށްފި

އެއްވެސް ރަހުނަކާ ނުލައި 1 މިލިއަން ރުފިޔާއާ ހަމަޔަށް ފައިސާ ލިބޭ ގެދޮރު އިމާރާތްކުރުމާއި މަރާމާތު ކުރުމަށް ބޭނުންވާ އަމިއްލަ ފަރުދުންނަށް އާމާޒުކޮށް ހާއްސަ ލޯނު ސްކީމެއް ބީއެމްއެލްއިން ތައާރަފްކޮށްފި އެވެ.



އެގޮތުން ބީއެމްއެލްއިން އަލަށް ތައާރަފުކޮށްފައިވާ ލޯނު ސްކީމަކީ ހޯމް ބިލްޑް ލޯނާއި ހޯމް އިކުއިޓީ ލޯނެ އެވެ.

ބީއެމްއެލްއިން ބުނީ ހޯމް ބިލްޑް ލޯން ފަރުމާކޮށްފައިވަނީ އެއްވެސް ރަހުނަކާ ނުލައި އެއް މިލިއަން ރުފިޔާއާ ހަމަޔަށް އަމިއްލަ ފަރުދުންނަށް ލޯނު ނެގޭގޮތަށްކަމަށެވެ. އަދި ލޯނު އަނބުރާ ދެއްކުމަށް 15 އަހަރުގެ މުއްދަތެއް ލިބޭއިރު، މިއީ ގެދޮރު މަރާމާތުކުރުމަށާއި ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައިވެސް ގެދޮރު އެޅުމަށް އެކަށީގެންވާ ޕްރޮޑަކްޓެއްގެގޮތުގައި އެ ބޭންކުން ފާހަގަކުރެ އެވެ.

މީގެ އިތުރުން ކުރިން ހޯމް ލޯނާއި ފައިނޭންސިން ނަގާފައިވާ ކަސްޓަމަރުންނަށް އަމާޒުކޮށް ބީއެމްއެލްއިން ވަނީ ހޯމް އިކުއިޓީ ލޯން ތައާރަފްކޮށްފަ އެވެ. އަލަށް ތައާރަފްކުރި މި ލޯނު މެދުވެރިކޮށް ކަސްޓަމަރުން ނަގާފައިވާ ލޯނަށް ދައްކާފައިވާ އަދަދާ ހަމަޔަށް ލޯނު ދޫކުރެވޭނެ އެވެ.

މިގޮތުން ހޯމް އިކުއިޓީ ލޯނަކީ 50،000 ރުފިޔާއަށްވުރެ މަތީ އަދަދަކުން ލޯނު ނަގާ ފަރާތްތަކަށް ދޫކުރާ ލޯނެކެވެ. މި ލޯނު އަނބުރާ ދެއްކުމަށް 20 އަހަރުގެ މުއްދަތެއް ލިބޭނެކަމަށް ބޭންކުން ބުނެ އެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ޑައިރެކްޓާ އޮފް ރީޓެއިލް އެންޑް އެސްއެމްއީ ބޭންކިން މޫސާ ނިމާލް ވިދާޅުވީ މިއީ މުޅި ރާއްޖޭގައި ތިބި ބީއެމްއެލްގެ ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު ފައިނޭންސިން ލިބޭނެ ގޮތް މަގުފަހިކޮށްދިނުމަށް ތައާރަފުކުރި ޕްރޮޑަކްޓްތަކެއް ކަމަށެވެ.

"އަލަށް ތައާރަފްކުރި ހޯމް ބިލްޑް ލޯނު ނަގަން އިތުރު ރަހުނެއް ބޭނުންނުވާއިރު، ކަސްޓަމަރުންނަށް މިހާރުގެ މާކެޓްގައި އެންމެ ރަނގަޅު އަގުގައި ގެދޮރު ހެދުމާއި މަރާމާތުގެ މަސައްކަތް ކުރެވޭނެ. އަޅުގަނޑުމެން މި ދޫކުރާ ހޯމް އިކުއިޓީ ލޯނުން މިހާރު ހޯމް ފައިނޭންސިން ނަގާފައިވާ ކަސްޓަމަރުންނަށް %10 ރޭޓުގައި ލޯނު ލިބޭނެ،" އޭނާ ވިދާޅުވި އެވެ.

ބީއެމްއެލްއިން ބުނީ އެ ބޭންކުގެ ބީއެމްއެލް އިސްލާމިކް ކަސްޓަމަރުންނަށް ހޯމް ބިލްޑް ފައިނޭންސިން އަދި ހޯމް އިކުއިޓީ ފައިނޭންސިން ލިބޭނެކަމަށެވެ.




More from Hurihaa.mv