އެމްއޭސީއެލް އިން އެއާޕޯޓް އެމަޖެންސީ ފޯރަމެއް ބާއްވައިފި

Mon, 06 May 2024 09:08 PM

View on this article on Hurihaa.mv

އެމްއޭސީއެލް އިން އެއާޕޯޓް އެމަޖެންސީ ފޯރަމެއް ބާއްވައިފި

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން "އެއާޕޯޓް އެމަޖެންސީ އެންޑް ރެސިލިއެންސް" ގެ ނަމުގައި ފޯރަމެއް ފަށައިފި އެވެ.



ކްރޮސްރޯޑްސްގައި ކުރިއަށްދާ މި ފޯރަމް ފައްޓަވައި ދެއްވީ ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުއާޒް ހަލީމެވެ. މި ފޯރަމްގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ގެ އިތުރުން ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރުންނާއި، ކުންފުނީގެ އިސްވެރިން ވަނީ ބައިވެރިވެފަ އެވެ. މީގެ އިތުރުން އެއާޕޯޓުގެ އެމަޖެންސީ ހާލަތުގައި ޝާމިލުވާ ހުރިހާ ސްޓޭކްހޯލްޑަރުން ވަނީ ބައިވެރިވެފަ އެވެ.

މި ފޯރަމް ފައްޓަވައި ދެއްވާ ވަހާކަފުޅު ދައްކަވަމުން ސްޓޭޓް މިނިސްޓަރު މުއާޒް ހަލީމް ވިދާޅުވީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ ގައުމުގެ އެންމެ މުހިއްމު އިމާރާތްތައް ގާއިމު ކުރެވިފައިވާ ތަން ކަމުގައިވާއިރު، އެއާޕޯޓަށް ހާއްސަ ސަލާމަތާއި ރައްކާތެރިކަމުގެ ހަރުދަނާ ފިޔަވަޅުތައް އެޅިފައިހުރުން މުހިއްމު ކަމަށެވެ. އަދި އެއާޕޯޓުގެ އޮޕަރޭޝަންތަކުގައި އަވަސް އިމަޖެންސީ ރެސްޕޮންސް ކަށަވަރުކުރުމަށާއި، ވިލުންވެރިކަން ދެމެހެއްޓުމަށްޓަކައި ސްޓޭކްހޯލްޑަރުންގެ މެދުގައި ކޯޑިނޭޝަން ވަރަށް މުހިންމުކަން ފާހަގަކުރެއްވި އެވެ.

ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން އެމްއޭސީއެލްގެ މެނޭޖިން ޑައިރެކްޓަރު އަދި ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ފަސިންޖާ ޓްރެފިކް އިތުރުވެ، މުޅި ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި އެއާޕޯޓުގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށްދާއިރު، މިމަޝްރޫއުތަކުގެ ހުރިހާ މަރުހަލާތަކެއްގައި ވެސް ސަލާމަތީ ކަންކަން ހަރުދަނާކުރުމަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށެވެ.

އެމްއޭސީއެލް އެމްޑީ ޝަރީފް ވާހަކަދައްކަވަނީ

ކްރޮސްރޯޑްސް ގައި ދެ ދުވަހުގެ މުއްދަތައް ކުރިއަށް ގެންދާ މި ފޯރަމްގެ މައިގަނޑު މަގުސަދަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ސަލާމަތީ ކަންކަން ހަރުދަނާ ކުރުމާއި، ދިމާވެދާނެ ކުއްލި ހާލަތަކަށް އިޖާބާދިނުމުގައި މިހާރަށް ވުރެ ބޮޑަށް ތައްޔާރުވެ، އެކަމަށް ހުރިހާ ސްޓޭކްހޯލްޑަރުން އެކުގައި މަސައްކަތްކުރުން ހަރުދަނާ ކުރުމެވެ. މި ފޯރަމްގައި ސެކިއުރިޓީއާއި އެމަޖެންސީ ހާލަތްތަކުގައި އެކި މުއައްސަސާތަކުން އަދާކުރާ ދައުރާބެހޭގޮތުން އެ މުއައްސަސާތަކުން މައުލޫމާތު ހުށަހަޅައިދޭނެ އެވެ. އަދި ސެކިއުރިޓީ އެމަޖެންސީ ޓޭބަލްޓޮޕް އެކްސަސައިޒެއް ކުރިއަށް ގެންދާނެ އެވެ. މިއީ ހުރިހާ މުއައްސަސާތައް ގުޅިގެން އަސްލު އެމަޖެންސީ ހާލަތެއްގައި އަމަލު ކުރާގޮތަށް ކުރިއަށްދާ އެކްސަސައިޒެކެވެ.

"އެއާޕޯޓް އެމަޖެންސީ އެންޑް ރެސިލިއަންސް ފޯރަމް 2024" އަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ސަލަމަތާއި ރައްކާތެރިކަން ހަރުދަނާކޮށް ކަމާގުޅުންހުރި ހުރިހާ ފަރާތްތަކާއި ގުޅިގެން މަސައްކަތްކުރުމަށް އެމްއޭސީއެލްއިން ބޭއްވި މިފަދަ ފުރަތަމަ ފޯރަމެވެ.




More from Hurihaa.mv