ނަޝީދަށް ދިން ހަމަލާއަށް އިންސާފު ނުލިބުމަކީ ލަދުވެތި ކަމެއް: ޑިމޮކްރެޓްސް

Mon, 06 May 2024 01:33 PM

View on this article on Hurihaa.mv

ނަޝީދަށް ދިން ހަމަލާއަށް އިންސާފު ނުލިބުމަކީ ލަދުވެތި ކަމެއް: ޑިމޮކްރެޓްސް

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއަށް އިންސާފު ނުލިބި އެތައް އަހަރެއް ފާއިތުވެގެން ދިއުމަކީ ލަދުވެތި ކަމެއް ކަމުގައި ދަ ޑިމޮކްރެޓްސް އިން މިއަދު ބުނެފި އެވެ.



މެއި 6، 2021 ގައި ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާ އަށް ތިން އަހަރު ފުރުމާ ގުޅިގެން ޑިމޮކްރެޓްސް އިން ނެރުނު ބަޔާނެއްގައި ބުނީ މިއަދާ ހަމައަށް ވެސް ނަޝީދަށް އިންސާފު ލިބިފައިނުވާތީ ކަންބޮޑުވާ ކަމަށެވެ.

ޑިމޮކްރެޓްސް އިން ބުނި ގޮތުގައި ދައުލަތުގެ މުހިއްމު މަގާމެއްގައި ހުންނެވި ބޭފުޅަކަށް، ދުރާލާ ރާވައިގެން މިވަރުގެ ނުރައްކާތެރި ޓެރަރިސްޓް ހަމަލާއެއް ދިނުމަށް ފުރުސަތު ލިބިދީފައި އޮތުމަކީ ޕާޓީން ކަންބޮޑުވާ އަދި ކުށްވެރިކުރާ އެއްކަމެވެ.

އަދި ނަޝީދު އަވަހާރަކޮށްލުމަށް ތިން ފަހަރެއްގެ މަތިން ކުރިންވެސް ރާވައި މަސައްކަތްކުރިކަމުގެ އިންޓެލިޖެންސް މައުލޫމާތު އެމްއެންޑީއެފް އަށް ލިބިފައިވަނިކޮށް އެއާ ވިދިގެން ވެސް އެމަނިކުފާނަށް ގާނޫނުއަސާސީން ލާޒިމުކުރާ ރައްކާތެރިކަން ކަށަވަރުކޮށް ނުދީ އޮތް އޮތުން ތަކުރާރުކޮށް ކުށްވެރިކުރާ ކަމަށް އެ ބަޔާނުގައިވެ އެވެ.

ނަޝީދަށް ޓެރަރިސްޓް ހަމަލާ ދިނުމުގައި އެގޮތަށް ކަން ހިނގާފައިވާ އިރު، އެ ހަމަލާގެ މައްސަލައިގައި އިއުތިރާފްވި ފަރާތް ފިޔަވައި އެހެން މީހުންގެ ޝަރީއަތްތައް ހިނގުން ލަސްވެ ހައްޔަރުގައިވާ ބައެއް މީހުން ހައްޔަރުން ދޫވެ، ބައެއް މީހުންގެ މައްޗަށް ކުށް ސާބިތުނުވެ އަދި އެ ހަމަލާގެ އަޑީގައިވާ އެއްވެސް ފަރާތެއް މިއަދާ ހަމައަށް ވެސް ނުހޯދި، އިންސާފު ގާއިމު ނުވެ އަހަރުތައް ފާއިތުވެ ދިއުމަކީ ގައުމުގެ ހާލަތު ބަޔާންކޮށްދޭ ލަދުވެތި ކަމެއް ކަމަށް ޑިމޮކްރެޓްސްގެ ބަޔާނުގައިވެ އެވެ.

ނަޝީދަށް ދިން ބޮމުގެ ޓެރަރިސްޓް ހަމަލާގެ މައްސަލަ، އޭގެ އެންމެ ފުންމިނަށް ބަލައި، އެކަމުގައި ބައިވެރިވާ ފަރާތްތަކަށް ހައްގު އަދަބު ކަނޑައަޅައި، އެމަނިކުފާނަށް އިންސާފު ގާއިމުކުރުން އަވަސްކުރުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ދަ ޑިމޮކްރެޓްސް އިން ވަނީ ގޮވާލައިފަ އެވެ.




More from Hurihaa.mv