ފުލުހުންގެ އިދާރާގެ ވަޒީފާ އަށް ބިދޭސީން ހޯދަން ކުރި އިއުލާނު ބާތިލުކޮށްފި

Mon, 06 May 2024 11:33 AM

View on this article on Hurihaa.mv

ފުލުހުންގެ އިދާރާގެ ވަޒީފާ އަށް ބިދޭސީން ހޯދަން ކުރި އިއުލާނު ބާތިލުކޮށްފި

ދިވެހި ފުލުހުންގެ ހިދުމަތުގެ ވަޒީފާތަކަށް ބިދޭސީން ގެނައުމަށް ބަޔަކު ހޯދަން ކުރި އިއުލާނު ބާތިލު ކޮށްފި އެވެ.



ފުލުހުން އިއްޔެ ކުރި އިއުލާނެއްގައި ވަނީ ރާއްޖެ އިން ބޭރުން ބިދޭސީން ގެނައުމާއި ބިދޭސީންނާ ގުޅޭގޮތުން ސަރުކާރު އިދާރާތަކުން ކުރަންޖެހޭ އެންމެހައި ކަންކަން ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ އެ މަސައްކަތަށްް ބީލަން ހުށަހަޅަން ހުޅުވާލާފަ އެވެ. ނަމަވެސް ރޭގެ ވަގުތެއްގައި ފުލުހުން ވަނީ އެ އިއުލާނު ބާތިލް ކޮށްފަ އެވެ.

ފުލުހުންގެ ތަރުޖަމާން އަހްމަދު ޝިފާން ވިދާޅުވީ ކުރިން ކޮށްފައިވާ އިއުލާނަކީ އާދައިގެ މަތިން ފުލުހުންގެ އިދާރާގެ ބަހާތަކުގައި ބިދޭސީން ލައްވާ ކުރުވަމުން އައި މަސައްކަތްތައް ކުރުމަށް ބިދޭސީން ހޯދުމަށް ކޮށްފައިވާ އިއުލާނެއް ކަމަށެވެ.

އަދި އިއުލާނު ބާތިލް ކުރީ ދިވެހިންނަށް ވަޒީފާ ދިނުމުގައި އިސްކަން ދެވޭ ގޮތަށް އެފަދަ ވަޒީފާތަކަށް މީހުން ހޯދުމުގައި ފުލުހުންގެ ހިދުމަތުން އަމަލު ކުރުމަށް ނިންމާފައިވާތީ ކަމަށެވެ.

ބިދޭސިން ހޯދަން ފުލުހުން ކުރި އިއުލާން ބާތިލުކޮށްފައިވާއިރު މިދިޔަ ހަފްތާގައި ސަރުކާރުން ބޭއްވި "އަހާ' ޕްރޮގްރާމްގައި ވެސް ހޯމް މިނިސްޓަރު، އަލީ އިހުސާން ވަނީ ދިވެހިންނަށްވުރެ ބިދޭސީން އިސްނުވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ދިވެހިން ވަޒީފާއަށް ނެގޭނެ ތަނެއްގައި ބިދޭސީން ގެންގުޅުމަކީ މި ސަރުކާރުގެ ވިސްނުމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް "ކުރަނގި" ނަމުގައި ހާއްސަ އޮޕަރޭޝަނެއް މިމަހުގެ 2 ވަނަ ދުވަހު ވަނީ ފަށައިފަ އެވެ.




More from Hurihaa.mv