ކުރީގެ ފަނޑިޔާރު އަބްދުﷲ ދީދީ އަށް ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުގެ މަގާމު

Tue, 23 Apr 2024 02:37 PM

View on this article on Hurihaa.mv

ކުރީގެ ފަނޑިޔާރު އަބްދުﷲ ދީދީ އަށް ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުގެ މަގާމު

ސުލޫކީ މައްސަލައަކާ ގުޅިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން ވަކިކުރި އަބްދުﷲ ދީދީ (ޑީޑީ) އަށް ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުކަން ދީފި އެވެ.



އަބްދުﷲ ދީދީ އައްޔަންކުރައްވައިފައި ވަނީ ރައީސް އޮފީހުގެ ލީގަލް އެފެއާޒް ސްޓޭޓް މިނިސްޓަރުކަމަށެވެ.

އަބްދުﷲ ދީދީ އެ މަގާމަށް އައްޔަން ކުރެއްވިއިރު އޭނާގެ މައްޗަށް އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ މައްސަލައެއް ޕީޖީ އޮފީހުން އަންނަނީ ބަލަމުންނެވެ.

ހައި ކޯޓުގެ އިސް ފަނޑިޔާރުކަން ވެސް ކުރެއްވި އަބްދުﷲ ދީދީ އަށް ތުހުމަތުކުރާ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ބުނެ އެ މައްސަލަ ބަލައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އޮގަސްޓް 2019 ގައި ނިންމީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން އޭނާ ވަކިކުރުމަށެވެ. އަދި އެ ނިންމުމާ އެއްގޮތަށް މަޖިލީހުން 28 އޮގަސްޓް 2019 ގައި އޭނާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރި އެވެ.

އަބްދުﷲ ދީދީ އަކީ ރައްޔިތުންގެ މަޖިލީހުން މަގާމުން ވަކިކުރި ސުޕްރީމް ކޯޓުގެ ފުރަތަމަ ފަނޑިޔާރެވެ.

އޭނާގެ މައްސަލަ ފުލުހުން ވެސް ތަހުގީގު ކުރަން ފަށާފައިވަނިކޮށް، މެލޭޝިއާ އަށް ވަޑައިގެންނެވި ގޮތަށް އުޅުއްވީ އެ ގައުމުގަ އެވެ. އެނގިފައިވާ ގޮތުގައި އޭނާ ރާއްޖެ އަށް އެނބުރި ވަޑައިގެންނެވީ ކުރީގެ ސަރުކާރު ބަދަލުވުމާ އެކު އެވެ.

އަބްދުﷲ ދީދީގެ މައްޗަށް ކުރާ އެންމެ ބޮޑު ތުހުމަތަކީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގެ ތުހުމަތު ކުރެވޭ މީހަކު ވަކި ގޮތަކަށް ހުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ފައިސާ ދިން އިރު ފަނޑިޔާރަށް ވެސް ފައިސާ ލިބިފައި އޮތް ކަމަށް ތުހުމަތުކުރެވުމެވެ. އޭނާ ވަނީ ރިޝްވަތުގެ އެއްވެސް އަމަލެއް އަދި ޖިނާއީ އެއްވެސް އަމަލެއް ދުވަހަކު ވެސް ހިންގަވާފައި ނުވާނެ ކަމަށް ވިދާޅުވެފަ އެވެ.




More from Hurihaa.mv