ސިޔާމްގެ ބޮޑު ހުށަހެޅުމެއް ސަރުކާރަށް: ރިސޯޓެއް ހަދަން 2.5 ބިލިއަން ރުފިޔާ ބޭނުން

Tue, 23 Apr 2024 01:02 PM

View on this article on Hurihaa.mv

ސިޔާމްގެ ބޮޑު ހުށަހެޅުމެއް ސަރުކާރަށް: ރިސޯޓެއް ހަދަން 2.5 ބިލިއަން ރުފިޔާ ބޭނުން

މަޝްހޫރު ވިޔަފާރިވެރިޔާ އަދި ދ. މީދޫ ދާއިރާގެ މަޖްލިސް މެމްބަރު އަހުމަދު ސިޔާމް (ސަން ސިޔާމް) މާލެ އަތޮޅުގައި އޮތް ފަޅެއް ހިއްކައިގެން ރިސޯޓެއް ތަރައްގީ ކުރަން ދިވެހި ސަރުކާރުން 165 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 2.5 ބިލިއަން ރުފިޔާ)ގެ ސޮވްރިން ގެރެންޓީއެއް ހޯދަން ހުށަހަޅައިފި އެވެ.



ސަރުކާރުން ސޮވެރިން ގެރެންޓީ ހޯދަން އެދި މިމަހުގެ ހަތްވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުވާފައިވާ ސިޓީއެއް ކޮޕީއެއް ވަނީ "ހުރިހާ" އަށް ލިބިފަ އެވެ.

އެ ސިޓީގައިވާ ގޮތުން އޭނާ ލޯނު ބޭނުން ވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2018 ވަނަ އަހަރު ސިޔާމަށް ސަރުކާރުން ދިން ސޮވްރިން ގެރެންޓީ އާކޮށް އާ ގެރެންޓީއެއްގެ ގޮތުގަ އެވެ.

ސިޔާމް ސޮއި ކުރައްވައި ފޮނުވި ސިޓީގައިވާ ގޮތުން ސޮވްރިން ގެރެންޓީ ހޯދަން އެދިފައި ވަނީ އޮޅުވެލި ރިސޯޓާއި ރިހިވެލި މޯލްޑިވްސް ރިސޯޓާ ދެމެދު އޮންނަ މާލެ އަތޮޅުގައި އޮންނަ އެމަރަލްޑް ލޭގޫންގައި ރިސޯޓެއް ތަރައްގީ ކުރުމަށެވެ. އެ ސިޓީގައިވާ ކޯޑިނޭޝަންއަކީ 3°49’30.32”N, 73°26’19.37”E އެވެ. އެ ފަޅު މިހާރު ވަނީ ހިއްކައި ނިންމައިފަ އެވެ.

އެ ސިޓީގައިވާ ގޮތުން ސިޔާމް ހަދަން މަސައްކަތް ކުރަމުން ގެންދަނީ 1،500 ކޮޓަރީގެ ރިސޯޓެވެ.

ސިޔާމް ފޮނުވި ސިޓީގައި ވަނީ ސަރުކާރުން ސޮވްރިން ގެރެންޓީ ހޯދަނީ ޗައިނާގެ ބޭންކަކުން ލޯނު ނަގައިގެން ރިސޯޓް ހެދުމަށެވެ. ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްގެން ހަދާ އެ ރިސޯޓަށް ލޯނު ލިބެން އޮތް ހަމައެކަނި ގޮތަކީ ސަރުކާރުން ގެރެންޓީ ދީގެންނެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސަރުކާރުން ގެރެންޓީ ދީގެން ސަން ސިޔާމްގެ އޭއެސްއެޗް ކުންފުންޏަށް ނ. ދިގުރަށުގައި އިރުފެން ރިސޯޓް ތަރައްގީ ކުރަން ޗައިނާ އެގްޒިމް ބޭންކުން 127 މިލިއަން ޑޮލަރުގެ (ދެ ބިލިއަން ރުފިޔާ) ލޯނެއް ނެގި އެވެ.

ޑިސެމްބަރު 14، 2017 ގަ ނެގި އެ ލޯނު އަދި ކޮވިޑް-19 އާ ގުޅިގެން އިގްތިސޯދު ހީނަރުވި ވަގުތު އެ ކުންފުންޏަށް ލޯނު ދެއްކުން ލަސްވެ، އެ ލޯނުގެ 10 މިލިއަން ޑޮލަރު ޑީފޯޓް ވެގެން ސަރުކާރަށް އެނގި އެވެ. އެކަމަކު އެ ލޯނު ދައްކަން ސަރުކާރުން އޭނާއަށް 10 މިލިއަން ޑޮލަރުގެ ލޯނެއް ބީއެމްއެލް މެދުވެރިކޮށް ހަމަޖައްސައިދިނެވެ.

އޮގަސްޓް 6، 2020 ގައި ފިނޭންސް މިނިސްޓްރީން ވަނީ އެ ފައިސާ ސިޔާމް ކުންފުނިން ދެއްކިކަން އާއްމުކޮށް އިއުލާނު ކޮށްފަ އެވެ.

ނުފޫޒުގަދަ ވިޔަފާރިވެރިޔާ ވަނީ މިދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީއާއެކު ކޯލިޝަން ހަދައި ދެވަނަ ބުރުގައި އެއްބާރުލުން ނުދީ ރައީސް މުހައްމަދު މުއިއްޒަށް ތާއީދުކޮށްފަ އެވެ. އަދި މިފަހަރުގެ މަޖްލިސް އިންތިހާބުގައި ވެސް ޕީއެންސީން ވަނީ ސިޔާމަށް ތާއީދުކޮށްފަ އެވެ.




More from Hurihaa.mv