ވޯޓުލުން މާދަމާ ކުރިއަށްދާއިރު މާލޭގައި ބަރު އުޅަނދުތައް ދުއްވުން މަނާކޮށްފި

Sat, 20 Apr 2024 04:02 PM

View on this article on Hurihaa.mv

ވޯޓުލުން މާދަމާ ކުރިއަށްދާއިރު މާލޭގައި ބަރު އުޅަނދުތައް ދުއްވުން މަނާކޮށްފި

މާދަމާ އޮންނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ވޯޓުލުން ކުރިއަށްދާއިރު، މާލޭގެ މަގުތަކުގައި ބަރު އުޅަނދުތައް ދުއްވުން ޓްރާންސްޕޯޓް މިނިސްޓްރީން މަނާކޮށްފި އެވެ.



މާދަމާގެ ވޯޓުލުން ފެށޭނީ ހެދުނު 8:00 ގަ އެވެ. ކިޔު ނެތްނަމަ ވޯޓުލުން ނިންމާލާނެ ވަގުތަކީ ހަވީރު 5:30 އެވެ.

މިނިސްޓްރީން މިއަދު ގެޒެޓުކުރި އިއުލާނެއްގައި ވަނީ ފަސް ކެޓަގަރީއެއްގެ އުޅަނދު މާދަމާގެ ވޯޓުލުން ކުރިއަށްދާ ވަގުތު ދުއްވުން މަނާކޮށްފަ އެވެ. މީގެ ތެރޭގައި މުޅިން ވެސް ހިމެނެނީ ބަރު އުޅަނދުތަކެވެ.

މާދަމާ ދުއްވުން މަނާ ވެހިކަލް ކެޓަގަރީތައް:

  • C2 - ކެޓަގަރީގައި ހިމެނެނީ މުދާ އުފުލާ އުޅަނދު، އުފުލޭ ބަރުދަން 2000 ކިލޯ (2 ޓަން) އިން ފެށިގެން 4000 ކިލޯ (4 ޓަން) ހަމަނުވާ އެއްގަމު އުޅަނދު
  • C0 - ކެޓަގަރީގައި ހިމެނެނީ މުދާ އުފުލާ އުޅަނދު، އުފުލޭ ބަރުދަން 4000 ކިލޯ (4 ޓަން) އިން ފެށިގެން މަތީގެ އެއްގަމު އުޅަނދު
  • D - ކެޓަގަރީގައި ހިމެނެނީ އާޓިކިއުލޭޓް އުޅަނދުފަހަރު ނުވަތަ ތިން އެކްސެލްއަށްވުރެ ގިނަ އެކްސްއެލް ހުންނަ އެއްގަމު އުޅަނދު
  • E - ކެޓަގަރީގައި ހިމެނެނީ B,C ނުވަތަ D ކެޓަގަރީގެ އުޅަނދެއްގައި ޓްރެއިލަރެއް ޖަހައިގެން ދުއްވާ އެއްގަމު އުޅަނދު

މި ކެޓަގަރީތަކުގެ އުޅަނދުތައް ދުއްވުން ވުޒާރާއިން ވަނީ މަނާކޮށްފަ އެވެ.

"މި އެންގުމާއި ހިލާފުވާ ފަރާތްތަކާމެދު އެއްގަމުދަތުރުފަތުރުގެ ގާނޫނުގެ 67 އަދި 68 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅޭނެ،" އެ އިއުލާނުގައި ބުނެފައިވެ އެވެ.

މީގެ ކުރިން ވެސް އިންތިހާބުތައް އޮންނަ ދުވަހު މާލޭގެ މަގުތަކުގައި ޓްރެފިކް ބާރުބޮޑުވުމުގެ މައްސަލަ ވަނީ ކުރިމަތިވެފަ އެވެ. މާދަމާގެ އިންތިހާބުގައި މާލޭގެ 17 ދާއިރާގެ އިތުރުން މި ސަރަހައްދުގައި ދިރިއުޅޭ އެހެން ހުރިހާ ދާއިރާއެއްގެ މީހުންވެސް ވަކި ވަކި ވޯޓު ފޮށިތަކަށް ވޯޓުލާނެ އެވެ.




More from Hurihaa.mv