ދޯންޏެއް ގެއްލިގެން ހޯދަން ޑްރޯން ބޭނުންކުރަން ފަށައިފި، އެކަމަކު އަދި ނުފެނޭ

Sat, 20 Apr 2024 11:56 AM

View on this article on Hurihaa.mv

ދޯންޏެއް ގެއްލިގެން ހޯދަން ޑްރޯން ބޭނުންކުރަން ފަށައިފި، އެކަމަކު އަދި ނުފެނޭ

ގެއްލިގެން އުޅޭ ރ. މަޑުއްވަރީ ދޯންޏާއި އޭގައި ތިބި މީހުން ހޯދުމަށް އެމްއެންޑީއެފްގެ ޑްރޯން ބޭނުންކުރަން ފަށައިފި އެވެ.



ތިން މީހުންނާއެކު މަހަށް ނިކުތް އެ ދޯންޏަކީ ކ. މާފުށިން ފުރައިގެން ރ. މަޑުއްވަރީއަށް ދަތުރުކުރަމުން ދިޔަ ދޯންޏެއް ކަމަށް އެމްއެންޑީއެފުން ވިދާޅުވި އެވެ.

ދޯނީގެ ޚަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ރޭ 10:06 ގަ އެވެ. މި މައުލޫމާތު ފުލުހުން އެމްއެންޑީއެފާ ހިއްސާކޮށްފައިވަނީ ރޭ 11:45 ހާއިރު އެވެ.

ދޯނި ހޯދުމުގެ މަސައްކަތް ކަނޑުމަގުންނާއި ވައިގެ މަގުން ފަށާފައިވާއިރު، ކަނޑުމަގުން ދޯނި ހޯދުމުންދަނީ ކޯސްޓްގާޑްގެ ފާސްޓް އިންޓަސެޕްޓް ލޯންޗު ބޭނުންކޮށްގެންނެވެ. އަދި ވައިގެ މަގުން ދޯނި ހޯދަން ފަށާފައި ވަނީ ދިވެހި ސިފައިންގެ ޚިދުމަތަށް މުޅިން އަލަށް ތަޢާރަފުކުރި އާންމޭންޑް އޭރިއަލް ވެހިކަލް ޔޫއޭވީ ބޭނުންކޮށްގެންނެވެ. މިއީ މިފަދަ ހާދިސާއެއްގައި ޔޫއޭވީ ބޭނުންކުރާ ފުރަތަަމަ ފަހަރެވެ.

ރާއްޖޭގައި ބޭނުންކުރާ ޔޫއޭވީތަކަކީ 220 ކިލޯމީޓަރުގެ ބާރުމިނުގައި މެދުނުކެނޑި 20 ގަޑިއިރު ދުއްވުމުގެ ގާބިލްކަން ލިބިފައިވާ އުޅަނދުތަކެކެވެ. އަދި ރޭގަނޑު އަނދިރީގައި ވެސް ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް ހިންގުމުގެ ގާބިލުކަން މި އުޅަނދަށް ލިބިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.

ގެއްލިގެން ހޯދަމުންދާ އުޅަނދާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ، ފުލުހުންގެ އެމަޖެންސީ ނަންބަރު 119 އަށް ގުޅުމަށް ފުލުހުން ވަނީ އެދިފަ އެވެ.




More from Hurihaa.mv