ރޯދަމަހު ފަހު 10 ގައި ވަޒީފާއަށް ނުކުންނަ މުވައްޒަފުންނަށް ހާއްސަ އިނާޔަތެއް

Fri, 29 Mar 2024 03:35 PM

View on this article on Hurihaa.mv

ރޯދަމަހު ފަހު 10 ގައި ވަޒީފާއަށް ނުކުންނަ މުވައްޒަފުންނަށް ހާއްސަ އިނާޔަތެއް

ރަމަޟާން މަހުގެ ފަހު 10ގެ ދުވަސްތަކުގައި، ވަޒީފާއަށް ނުކުންނަންޖެހޭ މުވައްޒަފުންނަށް އިނާޔަތެއް ދިނުމަށް ރައީސް މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.



ރައީސް މުއިއްޒު ވަނީ ރަމަޟާންމަހުގެ ފަހު 10ގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެގޮތުގައި ހަމަޖައްސަވާފަ އެވެ. އަދި އެ ދުވަސްތަކުގައި ކޮންމެހެން ވަޒީފާއަށް ނުކުންނަންޖެހޭ މުވައްޒަފުންނަށް އިނާޔަތެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާތީ، އެ އިނާޔަތް ދޭނެ މުވައްޒަފުން ފިނޭންސް މިނިސްޓްރީން މިހާރު ވަނީ ކަނޑައަޅައިފަ އެވެ.

ފިނޭންސް މިނިސްޓްރީގެ ސާކިއުލާއެއްގައި ވަނީ އެ އިނާޔަތް ދޭންވާނީ ދައުލަތުގެ އިދާރާތަކުގައި ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް ދިނުމަށްޓަކައި، މަސައްކަތަށް ނުކުންނަންޖެހޭ މުވައްޒަފުންނަށް އެކަނި ކަމަށެވެ. އަދި ކޮންމެހެން ވަޒީފާއަށް ނުކުންނަންޖެހޭ މުވައްޒަފުންގެ ތެރެއިން ދައުލަތުގެ ޕޭ ފްރޭމްވާކަށް ބަދަލު ނުވާ މުވައްޒަފުންނަށް ކުރިން ވެސް ދެމުން ގެންދާ އުސޫލުން ވަޒީފާއާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ އިތުރުގަޑީގެ ފައިސާއާއި ބަންދު ދުވަހުގެ އިނާޔަތް ދޭން ޖެހޭނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

މިގޮތަށް އިނާޔަތް ދިނުމުގައި މުސާރައިން ދުވާލަކަށްޖެހޭ މިންވަރުގެ ދެބައިކުޅަ އެއްބައިގެ އިނާޔަތްދޭނީ ޑިއުޓީ އުސޫލުން އާންމުކޮށް މަސައްކަތްކުރަން ޖެހޭ މުވައްޒަފުންނަށް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.

އެ މިނިސްޓްރީން ބުނީ ދައުލަތުގެ ޕޭ ފްރޭމްވާކަށް ބަދަލުވެފައިވާ މުވައްޒަފުންނަށް ރަމަޟާންމަހުގެ ފަހު 10 ދުވަސްތަކަކީ ވަޒީފާއާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ "ރަސްމީ ބަންދު ދުވަސް"ތައް ފަދަ ދުވަސްތަކެއްގެ ގޮތުގައި ބަލައިގެން، ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތްކުރުމުން ލިބޭނެ ކަމަށް އެ ގާނޫނުގެ 38ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުސާރައިން ދުވާލަކަށްޖެހޭ މިންވަރުގެ ދެބައިކުޅަ އެއްބަޔާ އެއްވަރުގެ އިނާޔަތެއް ދޭން ޖެހޭނެ ކަމަށެވެ.

ދައުލަތުގެ ޕޭ ފްރޭމްވަރކަށް ބަދަލުވެފައިވާ މުވައްޒަފުންނަށް ރަމަޟާންމަހުގެ ފަހު 10 ދުވަހުގައި އިތުރުގަޑީގެ ފައިސާ ދިނުމުގައި ދައުލަތުގެ ޕޭ ފްރޭމްވާކްގެ މިންގަނޑުގައި ހިމެނޭ އިތުރުގަޑީގެ ފައިސާ ދޭނެ ގޮތުގެ މިންގަނޑަށް އަމަލުކުރަން ޖެހޭނެ ކަމަށް ވެސް އެ ސާކިއުލާގައިވެ އެވެ.

ދައުލަތުގެ ޕޭ ފްރޭމްވާކަށް ބަދަލުވެފައިވާ ފަންނުތަކުގެ މުވައްޒަފުންގެ ތެރެއިން، ދައުލަތުގެ އިދާރާތަކުގައި ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް ދިނުމަށްޓަކައި، އެ އިދާރާއަކުން ކަނޑައަޅާގޮތެއްގެ މަތިން، މަސައްކަތަށް ނުކުންނަންޖެހޭ މުވައްޒަފުން ރަމަޟާންމަހުގެ ފަހު 10ގެ ދުވަސްތަކުގެ ތެރޭގައި ހިމެނޭ ދުވަސްތަކުގައި ހާޒިރީ އިނާޔަތް ދޭން ޖެހޭނެ ކަމަށް ވެސް އެސާކިއުލާގައިވެ އެވެ. އަދި ފަންނުތަކުގެ މުވައްޒަފުންގެ ތެރެއިން އާންމު ހާލަތުގައި ހަފުތާގެ ތެރޭގައި މަސައްކަތް ކުރަން ޖެހޭ ކަމަށް ކަނޑައަޅާފައިވާ ދުވަސްތަކުގެ ތެރެއިން ރޯދަމަހުގެ ފަހު 10ގެ ދުވަސްތަކުގެ ތެރޭގައި ހިމެނޭ ދުވަސްތަކަށް އެ މުވައްޒަފަކަށް ކަނޑައަޅާފައިވާ ހާޒިރީ އިނާޔަތް ދިނުމަށް ވެސް ސަރުކާރުން ވަނީ ނިންމައިފަ އެވެ.

މި އިނާޔަތް ދެނީ އޭޕްރީލް މަހުގެ މުސާރައާއެކުގައި ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.




More from Hurihaa.mv