ޖުޑިޝަރީގައި ވެސް އޮތީ މަގާމުގެ އުއްމީދާއި ވާދަވެރިކަމުގެ ޖަރާސީމު: ޑރ. ޖަމީލް

Thu, 28 Mar 2024 01:15 PM

View on this article on Hurihaa.mv

ޖުޑިޝަރީގައި ވެސް އޮތީ މަގާމުގެ އުއްމީދާއި ވާދަވެރިކަމުގެ ޖަރާސީމު: ޑރ. ޖަމީލް

ޖުޑިޝަރީގައި ވެސް އޮތީ މަގާމުގެ އުއްމީދާއި ވާދަވެރިކަމުގެ ޖަރާސީމު ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.



ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މެދު ހެންވޭރު ދާއިރާއަށް ކުރިމަތިލި ހަސަން ޝިޔާމް (ވީބީ ހަސަން)ގެ ކެންޑިޑެސީ ސުޕްރީމް ކޯޓުން މިއަދު ބާތިލުކުރުމާ ގުޅިގެން ޑރ. ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިންތިޚާބަށް ކުރިމަތިލާ ފަރާތާއި ދާއިރާގެ ވޯޓު ލާން ތިބޭ އެތަކެއް ރައްޔިތުންގެ ހައްގު ވޯޓުލުމުގެ އެންމެ ފަހު ދުވަހުގެ ސުން ސިކުންތުގައި ވެސް ގެއްލުމުގެ ބިރު މިހާރު އުފަންވެފައިވާ ކަަމަށެވެ.

"މިއީ އިސްލާހަކުން ހުދޫދު ކަނޑައަޅަންވީ ކަމެއް. ޖުޑިޝަރީގައި ވެސް އޮތީ މަގާމުގެ އުއްމީދާއި ވާދަވެރިކަމުގެ ޖަރާސީމު. އަމުދުން އިތުބާރު ގެއްލިފައިވާ ޖުޑިޝަރީއެެއްގައި އިޚްތިޔާރަށް ކަންތައް ދޫކުރުމަކީ ކޮރަޕްޓް އަމަލު ހިންގަން މަގުފަހިވާކަމެއް،" ޑރ. ޖަމީލް ވިދާޅުވެފައިވެ އެވެ.

ހަސަން ޝިޔާމްގެ ކެންޑިޑަސީ ބާތިލުކޮށްފައިވަނީ އެ މައްސަލަ ސުޕްރީމް ކޯޓުގައި ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އެއީ ރިޔާސާތުގައި އިންނެވި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް، ފަނޑިޔާރު ހުސްނުއްސުއޫދު، އަދި ފަނޑިޔާރު އައިޝާ ޝުޖޫން އެވެ.

ސިޔާސީ ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީއަށް މެޖޯރިޓީ ލިބިއްޖެ ނަމަ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ބަދަލު ގެނެސް ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރަކަށް ހުސްނުއް ސުއޫދު އައްޔަންކުރަން ވަނީ ރާވައިފަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު -- ފޮޓޯ: ވީނިއުސް

މިދިޔަ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ރައީސް އަބްދުﷲ ޔާމީން ހުށަހެޅުއްވި ކެންޑިޑެސީ ބާތިލުކުރި ރައުޔު ވެސް އިއްވި ފަނޑިޔާރު ސުއޫދަކީ 2019 ވަނަ އަހަރު އެ މަގާމަށް ވަޑައިގަތުމުގެ ކުރިން އިންސާނީ ހައްގާއި ޑިމޮކްރަސީ އާއި އިންސާފުވެރި ފަނޑިޔާރުގެއެއް ގާއިމުކުރުމަށް ވަރަށް ބޮޑަށް ވަކާލާތުކޮށް މަގުމަތީގައި މުޒާހަރާ ވެސް ކުރެއްވި ބޭފުޅެކެވެ.




More from Hurihaa.mv