ގާސިމްއަށް ޓިކެޓް ހަވާލުކުރުން މާދަމާ ރޭ

Thu, 08 Jun 2023 06:42 PM

View on this article on Hurihaa.mv

ގާސިމްއަށް ޓިކެޓް ހަވާލުކުރުން މާދަމާ ރޭ

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ވާދަކުރަން ނިންމާފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އަށް އެޕާޓީގެ ރިޔާސީ ޓިކެޓް ހަވާލުކުރުމުގެ ރަސްމިއްޔާތު މާދަމާ ރޭ ބޭއްވުމަށް ހަމަޖައްސައިފި އެވެ.

މާދަމާ ރޭ ގާސިމްއަށް ޓިކެޓް ހަވާލުކުރުމަށް ބައްވާ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ 8:30 ގައި ކާނިވަލުގަ އެވެ.

ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓަށް އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ޝަރުތު ހަމަވާ ކަމަށް ނިންމާ ގާސިމްއަށް ޕާޓީގެ ރިޔާސީ ޓިކެޓް ދިނުމަށް ނިންމާފައި ވަނީ އޭޕްރީލް މަހުގެ 3 ވަނަ ދުވަހު އެވެ.

އަންނަ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓު ހޯދުމަށް ކުރިމަތިލާން އެ ޕާޓީން ހުޅުވާލީ މަޗް މަހުގެ 16 ވަނަ ދުވަހު އެވެ. އަދި އެ ފުރުސަތު ހަމަވި އިރު ކުރިމަތިލެއްވީ ގާސިމް އެކަންޏެވެ.

ޖޭޕީގެ ކައުންސިލުން ނިންމާފައި ވަނީ ގާސިމް ރިޔާސީ ކެންޑިޑޭޓަކަށް ވުމަށް ހުށަހެޅުއްވި ހުށަހެޅުއްވުން ޝަރުތު ހަމަވާ ކަމަށެވެ. އަދި ގާސިމްއަށް ޖޭޕީގެ ރިޔާސީ ޓިކެޓް އެރުވުމަށް ކައުންސިލުން ވަނީ ނިންމާފައި އެވެ.

ޖުމްހޫރީ ޕާޓީން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމީ މާޗް މަހުގެ 14 ވަނަ ދުވަހު ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގެ އިއްތިފާގުންނެވެ.

ރިޔާސީ އިންތިހާބުގައި ގާސިމް ވާދަކުރެއްވުމަށް ނިންމެވުމާއެކު ޖުމްހޫރީ ޕާޓީން މިހާރުގެ ސަރުކާރުގެ ކޯލިޝަންގައި ބައިވެރިނުވާނެކަން މިހާރު ވަނީ ކަށަވަރުވެފަ އެވެ. އެއާއެކު އެ ޕާޓީގެ ސްލޮޓްތަކުގައި ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ވަނީ ޖުމްހޫރީ ޕާޓީން ވަކިވެފަ އެވެ.

ޖޭޕީ އަކީ މިހާރު ސަރުކާރުގައި ހިމެނޭ ޕާޓީއަކަށް ވާއިރު ރައީސް ސޯލިހުއަށް ތާއިދުކުރެއްވުމަށް އެމަނިކުފާނު ވަނީ ޖޭޕީ ވެސް ހިމެނޭހެން ސަރުކާރުގައި ހިމެނޭ ޕާޓީތަކަށް ދައުވަތު ދެއްވާފަ އެވެ. އެހެންނަމަވެސް ގާސިމް އެ ދައުވަތު ގަބޫލެއް ނުކުރެއްވި އެވެ.



More from Hurihaa.mv