ރާއްޖެއަށް ޔޫރަޕުން ބޭސް އެތެރެ ކުރެވެން ޖެހޭ: ނަޒީރު

Mon, 29 May 2023 08:56 PM

View on this article on Hurihaa.mv

ރާއްޖެއަށް ޔޫރަޕުން ބޭސް އެތެރެ ކުރެވެން ޖެހޭ: ނަޒީރު

ފެންވަރު ރަނގަޅު ހޮސްޕިޓަލެއް ހަދައިގެން ފަރުވާ ދިނަސް ދޭން ޖެހެނީ އޭޝިއާ ސަރަހައްދުގެ ބޭސް ކަމަށާއި ދުނިޔޭގައި ތަރައްގީވެފައި ހުރި ގައުމުތަކުން އުފައްދާ ބޭސް ވެސް ރާއްޖެ އެތެރެކޮށް، ވިއްކޭނެ ނިޒާމެއް ގާއިމްވެފައި އޮންނަން ޖެހޭނެ ކަމަށް ޓްރީޓޮޕް ހޮސްޕިޓަލް ހިންގާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ނަޒީރު މިއަދު ވިދާޅުވެއްޖެ އެވެ.

ޓްރީޓޮޕް ހޮސްޕިޓަލްގައި ހެދި ފާޓިލިޓީ ސެންޓަރު ހުޅުވަން މިއަދު ބޭއްވި ރަސްމިއްޔާތުގައި، ނަޒީރު ވިދާޅުވީ ބައެއް އުސޫލްތަކާ ހެދި ސިއްހީ ހިދުމަތް ދިނުމުގައި ގޮންޖެހުންތަކާ ކުރިމަތިވާ ކަމަށެވެ. އެގޮތުން ރާއްޖެއަށް ބޭސް އެތެރެ ކުރުމުގެ ނިޒާމް ނަޒީރު ފާހަގަ ކުރެއްވި އެވެ.

ނަޒީރު ވިދާޅުވީ ފެންވަރު ރަނގަޅު ހޮސްޕިޓަލެއް ހަދައިގެން ފަރުވާ ދިނަސް ދޭން ޖެހެނީ އެޝިއާ ސަރަހައްދުގައި އުފައްދާ ބޭސް ކަމަށެވެ. އަދި ޔޫރަޕްގެ ތަރައްގީ ވެފައިވާ ގައުމުތަކުން ބޭސް ގެނެވޭނެ ނިޒާމެއް ނޯންނަ ކަމަށް ނަޒީރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ނުލާހިކު ފެންވަރު ރަނގަޅު ހޮސްޕިޓަލް ހަދައިގެން ހިދުމަތް ދޭއިރު މި ތަނުގައި ބޭހުގެ ގޮތުގައި ދޭން ޖެހެނީ ބަންގްލަދޭޝް، އިންޑިއާ، ޕާކިސްތާނުގައި ހަދާ ބޭސް. އަޅުގަނޑު ދެކޭ ހިތްވަނީ ދުނިޔޭގައި ތަރައްގީވެފައި ހުރި ގައުމުތަކުން އުފައްދާ ބޭސް ވެސް ރާއްޖެއަށް އެތެރެކޮށް، ވިއްކޭނެ ނިޒާމެއް ގާއިމްވެފައި އޮތުން،" ނަޒީރު ވިދާޅުވި އެވެ.

ޔޫރަޕްގެ ގައުމުތަކުން ވެސް ރާއްޖެއަށް ބޭސް ގެނެވޭނޭ ނިޒާމު ހަމަޖެހިގެން ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ނަޒީރު ވިދާޅުވި އެވެ. އެގޮތުން އެމަސައްކަތުގައި ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަޒީރު އިތުރަށް ވިދާޅުވީ ސިއްހީ ރަނގަޅު ހިދުމަތެއް ދިނުމަށް ކުރާ މަސައްކަތް ފުރިހަމަވާނީ ސަރުކާރުގެ އެއްބާރުލުން ލިބިގެން ކަމަށެވެ.

ޓްރީޓޮޕްގައި ހުޅުވި ފާޓިލިޓީ ސެންޓަރު ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެވެ.

ޓްރީޓޮޕް އިން އަންނަނީ އެ ހޮސްޕިޓަލުން ދެމުން އަންނަ ހިދުމަތްތައް އިތުރަށް ފުޅަކުރަމުންނެވެ. އެގޮތުން ކިޑްނީ ޓްރާންސްޕްލާންޓް ކުރުމުގެ މަސައްކަތްވެސް އެ ހޮސްޕިޓަލުން އަންނަނީ ކުރަމުންނެވެ.



More from Hurihaa.mv