ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވާފައިވާ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް، އަދި ރައްޔިތުންގެ މަޖިލިހުގެ ދަނގެތި ދާއިރާގެ މެމްބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމަށް އެޕާޓީގެ ރިޔާސީ ޓިކެޓް ހަވާލުކޮށްފި އެވެ.
ނާޒިމަށް އެމްއެންޕީގެ ރިޔާސީ ޓީކެޓު ހަވާލުކުރީ މިހާރު އާޓިފިޝަލް ބީޗުގައި ބޭއްވި އެޕާޓީގެ ޖަލްސާގަ އެވެ. މިރޭ ވަނީ އެޕާޓީގެ ރިޔާސީ ޓިކެޓު ނާޒިމަށް ހަވާލުކުރުމުގެ އިތުރުން އެ ޕާޓީގެ ކެމްޕެއިންވެސް ލޯންޗުކޮށްފަ އެވެ.
އެމްއެންޕީގެ ރިޔާސީ ޕްރައިމަރީއަށް ހުޅުވާލުމުން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަންފާޅުކުރެއްވީ ނާޒިމް އެކަންޏެވެ.
އެމްއެންޕީގެ އަސާސީ ގަވާއިދު ބުނާ ގޮތުން އެންމެ ބޭފުޅަކު ކުރިމަތިލައްވައިފި ނަމަ އިންތިހާބެއް ބާއްވާކަށް ނުޖެހޭނެ އެވެ. އެހެންވެ ނާޒިމަށް މިހާރު ވަނީ ރިޔާސީ ޓިކެޓް ކަށަވަރުވެފަ އެވެ.
މިއަހަރު ބައްވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމާފައި ވަނީ އެމްޑީޕީއާއި ޖުމްހޫރީ ޕާޓީ އާއި އެމްއެންޕީ ދަ ޑިމޮކްރެޓްސް އަދި ޕީޕީއެމް އެކަންޏެވެ. އަދި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ވަނީ އިއުލާން ކުރައްވާފަ އެވެ.