ރައީސް އެދިވަޑައިގެންނެވީ ގައުމު އިސްކުރާ ޖީލަކަށް

Fri, 10 May 2024 01:06 PM

View on this article on Hoara Online

ރައީސް އެދިވަޑައިގެންނެވީ ގައުމު އިސްކުރާ ޖީލަކަށް
ދިވެހިވަންތަ ކަމަށް ލޯބިކުރާ، ގައުމު އިސްކުރާ، ގޮތްހުރި އުޅުންހުރި ޖީލެއް ބިނާކުރުމަކީ ހުރިހާ ދިވެހިންގެ މައްޗަށް ވެސް އޮތް ޒިންމާއެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ރާއްޖޭގައި ފާހަގަކުރާ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ރައީސް މުއިއްޒު ފޮނުއްވި ހިތޯބުގައި ވިދާޅުވީ، ބަވަނަވަމުން މިދާ ދުނިޔެއަށް ހަލުވިކަމާއެކު އަންނަ ބަދަލުތަކާއި، ކުރިއަރަމުން އަންނަ ޓެކްނޮލޮޖީތަކަށް ދަރީން އަހުލުވެރިކުރުވުމުގައި ހުށިޔާރުވާންޖެހޭ ކަމަށެވެ. 



ސަރުކާރުން މިކަން އިތުރަށް ފުރިހަމަ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މި ހުރިހާ ކަމަކާއެކު ދިވެހި ހުރިހާ ބޮޑު މީހެއްގެ މައްޗަށް ވަރަށް ބޮޑު ޒިންމާއެއް އޮތް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެއީ ކުޑަކުދީންނަށް ރައްކާތެރިކަން ދީ، ރީތި ނަމޫނާ ދައްކާ، ހެޔޮމަގަށް އެ ކުދީންގެ ސުލޫކު ބައްޓަންކުރަން މަގުދައްކައިދިނުމުގައި ހަމަ ކޮންމެ މީހަކު ވެސް ދެމިހުރުން ކަމަށެވެ.

"ދިވެހި ލޮބުވެތި ކުޑަކުދީން ބޮޑެތި ކުރަންވާނީ، އިސްލާމީ އުސޫލުތަކަށް ކަމޭހިތައި، ދިވެހިވަންތަކަމަށް ލޯބިކުރާ، ގައުމު އިސްކުރާ، ގޮތްހުރި އުޅުންހުރި ޖީލެއްގެ ގޮތުގަ އެވެ. މިއީ، އަޅުގަނޑުމެން އެންމެންގެ ޒިންމާއެކެވެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ރާއްޖޭގެ އެކި ރަށްރަށަށް ކުރާ ޒިޔާރަތްތަކުގައި ވަރަށް ގިނަ ކުޑަކުދީން، އެކުދީން ކުޅިވަރުކުޅެ އުޅޭނެ ޒަމާނީ ޕާކެއް ރަށުގައި ބިނާކޮށްދިނުމަށް އެދޭކަމަށެވެ. އަދި ސަރުކާރުން ކުޑަކުދީންނަށާއި ޢާއިލާތަކަށް ބޭނުންވާނެ އެފަދަ ޕާކުތައް، ރާއްޖޭގެ ހުރިހާ ރަށެއްގައި ބިނާކުރާނެކަމަށް ރައީސް ވިދާޅުވި އެވެ.

"ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުތުބުޚާނާތައް ބިނާކުރަން ފަށައި، ކުޑަކުދީންގެ ސިކުނޑިތަކަށް ޢިލްމާއި މަޢުލޫމާތުން ކާނާ ލިބޭނެ މަގުތައް އިތުރުކޮށްދޭނަން. ބަވަނަވަމުން މިދާ ދުނިޔެއަށް ހަލުވިކަމާއެކު އަންނަ ބަދަލުތަކާއި، ކުރިއަރަމުން އަންނަ ޓެކްނޮލޮޖީތަކަށް ދަރީން އަހުލުވެރިކުރުވަން ވާނީ އަޅުގަނޑުމެން ނުހަނު ހުޝިޔާރުވެ ތިބެ." ރައީސް ވިދަޅުވިއެވެ.

މީގެ އިތުރުން މިފަދަ ދުވަހެއް ފާހަގަކުރާއިރު އިޒްރޭލުގެ އަނިޔާވެރިކަމުގެ ސަބަބުން ބިކަ ހާލުގައި އުޅެން ޖެހިފައިވާ އެތައް ހާސް ފަލަސްތީނު ކުދިންގެ ތަކުލީފުތަކުން ހިތަށް ހިތާމަވެރިކަން ކުރުވާ ކަމަށް ވެސް ރައީސްގެ ހިތޯބުގައި ފާހަގަކުރެއްވި އެވެ.

"އިޒްރޭލުގެ އަނިޔާވެރި އަތްތަކުގެ ޝިކާރައަކަށްވެ، ހަޔާތުގެ ޅަނދޮޅު ފޯވަހީގެ އެންމެ ހިތްފަހި ދުވަސްތަކުގެ އުފަލާއި، ތައުލީމާއި، އާއިލީ ލޯބިން މަޙްރޫމްވަމުން އެދާ މައުސޫމް ކުދީންނަކީ ހަމަ އަޅުގަނޑުމެންގެ ވެސް ދަރީންނެވެ." ރައީސް ވިދާޅުވެފައިވެ އެވެ.

ރައީސްގެ ހިތޯބު ނިންމަވާލެއްވީ، މި ގައުމުގެ ކުރިމަގަށް ކުރާ ފާގަތި އުންމީދާއި، މާދަމާގެ ވިޔަވަތިކަމަށް އެދި ރެޔާދުވާލު މިކުރާ މަސައްކަތުގެ މިލްކުވެރީންނަކީ އަދި ވާރުތަވެރީންނަކީ، މިއަދުގެ ކުޑަކުދީންކަން ފާހަގަކުރައްވާފަ އެވެ. އަދި މިކުދީންގެ ހައްގުގައި މިއަދު ކުރި މަސައްކަތަކުން ނޫނީ މި ގައުމަށް އުޖާލާ މުސްތަގުބަލެއް ހޯދައެއް ނުދެވޭނެކަމަށް ރައީސް ވިދާޅުވި އެވެ.

ރާއްޖޭގައި ކުޑަކުދިންގެ ދުވަހެއް ފާހަގަކުރަން ފަށާފައި ވަނީ 1979 ވަނަ އަހަރު އެވެ. އޭގެ ފަހުން ކޮންމެ އަހަރެއްގެ ވެސް މެއި މަހުގެ 10 ވަނަ ދުވަހު އެކިކަންކޮޅުތަކުގައި ކުލަގަދަކޮށް މި ދުވަސް ފާހަގަކުރެ އެވެ.



More from Hoara Online