ސަރުކާރުން ބުނީ މިހާތަނަށް ފޮނުވާލީ އިންޑިއާގެ 51 ސިފައިން ކަމަށް

Mon, 06 May 2024 05:31 PM

View on this article on Hoara Online

ސަރުކާރުން ބުނީ މިހާތަނަށް ފޮނުވާލީ އިންޑިއާގެ 51 ސިފައިން ކަމަށް
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތިބި އިންޑިއާ ސިފައިންތަކުގެ ތެރެއިން މިހާތަނަށް 51 ސިފައިންގެ މީހުން އަނބުރާ ގައުމަށް ފޮނުވާލާފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

އިންޑިއާ ސިފައިންގެ ދެ ބެޗު ފޮނުވާލި ކަން ސަރުކާރުން ކުރިން ބުނެފައިވެ އެވެ. ނަމަވެސް ސީދާ އަދަދެއް އޭރު ބުނެފައި ނެތުމުން، ރައީސް އޮފީހުން ކުރިން ބޭއްވި ޕްރެސް ކޮންފެރެންސްތަކުގައި ނޫސްވެރިން ސުވާލުކޮށްފައި ވެސް ވެ އެވެ.



މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް އެ ސުވާލު ތަކުރާރު ކުރުމުން، ހީނާ ވިދާޅުވީ މިހާތަނަށް ފޮނުވާލި ދެ ބެޗުގައި ހިމެނެނީ 51 ސިފައިން ކަމަށެވެ. ސަރުކާރުން ކުރިން ބުނި ގޮތުގައި، ރާއްޖޭގައި ތިބީ އިންޑިއާގެ 88 ސިފައިން ކަމަށެވެ.

މި ހިނގާ މެއި 10، ގެ ކުރިން ދެން ތިބި ސިފައިން ފޮނުވާލަން ދެ ގައުމުން އެއްބަސްވެފައިވާ ކަމަށް ދިވެހި ސަރުކާރުން ބުނެފައިވެ އެވެ.

މިހާތަނަށް ފޮނުވާލީ ޑޯނިއާ މަތިންދާ ބޯޓާއި ދެ ހެލިކޮޕްޓަރު އޮޕަރޭޓުކުރަން ތިބި ސިފައިންނެވެ. އޭގެ ތެރެއިން އައްޑޫގައި އޮތް ހެލިކޮޕްޓަރު ދުއްވާ ސިފައިންގެ ބެޗާއި ހދ. ހަނިމާދޫގައި އޮންނަ ޑޯނިއާ މަތިންދާބޯޓު ދުއްވާ ސިފައިންގެ ބެޗު ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

"މިހާތަނަށް ދެ ޕްލެޓްފޯމެއްގައި ތިބި 51 ފައިބައިގެން ދިޔަ. މޭއި މަހުގެ 10 ވަނަ ދުވަހުގެ ކުރިން ހުރިހާ ސިފައިން ފައިބައިގެން ދިއުން އެއީ ސަރުކާރުން އަދި އެކަން އޮތް ގޮތަކީ" ހީނާ ވިދާޅުވިއެވެ.

ހީނާ އިތުރަށް ވިދާޅުވީ، ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން ފައިބައިގެން ދިއުމުން އެކަމާއި ގުޅޭ އިތުރު މައުލޫމާތު ހިއްސާ ކުރައްވާނެ ކަމަށެވެ.

ރާއްޖޭން ފޭބި އިންޑިއާ ސިފައިންގެ އަދަދު ސަރުކާރުން ހާމަކޮށްފައިވާއިރު، ރާއްޖޭން އިންޑިއާ ސިފައިން ބޭލުމާއި ގުޅޭ ރަސްމީ މަޝްވަރާތައް ސަރުކާރުން ވަނީ މިދިޔަ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހުން ފެށިގެން ކުރަމުންނެވެ. އެގޮތުން މިހާތަނަށް އޭގެ ހަތަރު ބައްދަލުވުމެއް ވަނީ ބާއްވާފަ އެވެ.



More from Hoara Online