މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީގެ ލޯގޯ އާންމުކޮށްފި

Mon, 06 May 2024 10:17 AM

View on this article on Hoara Online

މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީގެ ލޯގޯ އާންމުކޮށްފި
މި ސަރުކާރުން އުފެއްދި މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަަސް އޮތޯރިޓީ (އެމްއައިއެފްއެސްއޭ) ގެ ލޯގޯ ދައްކާލައިފި އެވެ.

މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީއަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭ އުފެއްދެވި އިދާރާއެކެވެ.

މި އިދާރާއަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގެ ދަށުން ހިންގަމުންދާ އިދާރާއެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައެވެ. އެމްއައިއެފްއެސްއޭގެ ގަވަނިން ބޯޑުގެ ޗެއާޕާސަނަކީ ކުރީގެ ނައިބު ރައީސް އަދި ފިނޭންސް މިނިސްޓަރުކަން ވެސް ކުރެއްވި އަބްދުﷲ ޖިހާދެވެ. 



ލޯގޯ އާންމުކުރައްވާ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީގެ ލޯގޯ އިފްތިތާޙުކުރެވުމަކީ ލިބޭ އުފަލެއްކަމަށް ވިދާޅުވެފަ އެވެ. އަދި ރާއްޖޭގެ އިޤްތިޞާދީ ދާއިރާ ކުރިއެރުވުމަށް ގެންގުޅުއްވާ ތަޞައްވުރު ޙާސިލުކުރުމަށްޓަކައި ގަވަރނަންސް، ސްޓްރެޓެޖީ އަދި އޮޕަރޭޝަންސް ފްރޭމްވޯރކް ހަމަޖެއްސުމުގެ މަސައްކަތް އެ އޮތޯރިޓީން ކުރިއަށްގެންދާނެކަމަށް ވިދާޅުވި އެވެ.



މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ޤާއިމުކުރެއްވީ، ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނުގައި ފާހަގަކޮށްފައިވާ އޯފް-ޝޯ ފައިނޭންސިންގ ޚިދުމަތްތަކުގެ އިތުރުން، އޮން-ޝޯ ފައިނޭންސިންގ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު އެކުލަވައިލުމަށެވެ.

ދިވެހިރާއްޖޭގައި އޯފް-ޝޯ އަދި އޮން-ޝޯ ޑިވެލޮޕްމަންޓް ބޭންކުތަކާއި، އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރުތައް ޤާއިމުކުރުމާގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައްކުރުމާއި، ދިވެހިރާއްޖޭގެ މާލީ ބާޒާރު ތަރައްޤީކޮށް ވާދަވެރި ނިޒާމެއް ގާއިމުކުރުމަށް ހުރި ޤާނޫނީ އަދި އިދާރީ ހުރަސްތަކަށް ޒަމާނީ ޙައްލުތައް ހޯދުމަށް ކުރަންޖެހޭ ދިރާސާތައްކުރުމަކީވެސް މި އިދާރާ އުފެއްދެވުމުގެ މަގުސަދެކެވެ.
 



More from Hoara Online