ރާއްޖޭގެ ޒަކާތު ހައުސް ތަރައްގީކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

Sat, 27 Apr 2024 10:43 PM

View on this article on Hoara Online

ރާއްޖޭގެ ޒަކާތު ހައުސް ތަރައްގީކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި
ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިތުރަށް ތަރައްޤީކުރުމާ ގުޅޭގޮތުން ކުވައިތާއެކު މަޝްވަރާކޮށްފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި މިއަދު ވިދާޅުވީ ރާއްޖޭގެ ޒަކާތު ހައުސް ތަރައްގީ ކުރުމާ ގުޅޭ ގޮތުން ކުވައިތުގެ ޒަކާތު ހައުސްގެ ޑިރެކްޓަ ޖެނެރަލް ޑރ މާޖިދު ސުލައިމާން އަލްއާޒިމީއާ ބައްދަލު ކުރައްވާފައިވާ ކަމަށެވެ.



އެ ބައްދަލުވުމުގައި މަޝްވަރާކުރީ ރާއްޖޭގެ ޒަކާތު ހައުސް ތަރައްގީ ކުރުމާއި މުވައްޒަފުންނާއި ޝަރީޢާ ބޯޑް ތަމްރީނު ކުރުމާއި ޒަކާތުގެ ބެހެނިވެރިންގެ ޝަރުޢީ މިންގަނޑުތަކާ ބެހޭ ގޮތުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޒަކާތުގެ ކަންކަން މަތިވެރިކޮށް، ޒަކާތުގެ ހައްޤުވެރިންނަށް ޒަކާތުގެ މަންފާ ލިބޭނެ މަގު ފަހިކޮށްދިނުމަށް "ދިވެހިރާއްޖޭގެ ޒަކާތު ހައުސް" ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ އިދާރާއެއް އުފެއްދެވީ 18 ޑިސެމްބަރު 2023 ގައެވެ. މިއީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ދަށުން ހިންގާ އިދާރާއެކެވެ.

ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ޤާއިމުކުރެއްވީ، ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތާއި، ޒަކާތުގެ ނަފާ އޭގެ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެގޮތަށް ޒަކާތު ފަންޑު ތަރައްޤީކުރުމުގެ މަސައްކަތްކުރުމުގެ ބޭނުމުގަ އެވެ.



More from Hoara Online