ފެނަކައިގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދެވެ. ޑޮންފެންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ނައިބް ރައީސް ސަން ޒެންޕިންގް އެވެ.
ޑިވެލޮޕާ ފައިނޭންސް އުސޫލުން ކުރިއަށް ގެންދާ މިމަޝްރޫއަށް ފެނަކައިން ފައިސާ ދައްކާ ނިންމަން ދީފައިވަނީ 12 އަހަރެވެ.
ޑޮންފަންގް އިލެކްޓްރިކްއިން ފައިނޭންސް ކުރިނަމަވެސް މި ފައިސާ ފެނަކައިން ދައްކާ ނިންމަން ކަނޑައަޅާފައި ވަނީ 12 އަހަރު ދުވަސް ފަހުން ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
މި މަޝްރޫއު ކުރިޔަށް ގެންދާނީ ފޭސްތަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފޭސްގައި އިންސްޓޯލް ކުރާނީ 9.8 ގެ ދެ ޖެން ސެޓާއި އަދި 5.8 ގެ ދެ ޖެން ސެޓެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވުނު ރަސްމިއްޔާތުގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ ޕަވާ ޕްލާންޓް ތަރައްގީ ކުރާނީ ޒަމާނީ ވަސީލަތްތަކާ އެކީގައި ކަމަށާއި މި މަޝްރޫއު ނިމުމުން އައްޑޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ކުރިއަށް އޮތް 20 އަދި 25 އަހަރަށް ހައްލުވާނެ ކަމަށެވެ.އޭނާ ވިދާޅުވީ މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން 32 މެގަވޮޓްގެ ކަރަންޓް ބޭނުންކުރެވޭ ގޮތަށް ޕަވާޕްލާންޓް ތަރައްގީކޮށް ވަސީލަތްތައްވެސް އެގޮތަށް ތަރައްގީކުރާނެ ކަމަށެވެ. މިމަޝްރޫއުގެ ދަށުން ދެ ފިޔަވައްސަކަށް ބަހާލައިގެން 9.8 މެގަވޮޓްގެ ދެ ޖެންސެޓާއި 5.8 މެގަވޮޓްގެ ދެ ޖެންސެޓް އިންސްޓޯލް ކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.
މުއާޒު ވިދާޅުވީ މި މަޝްރޫއު އެއްކޮށް ނިމުމުން 50 މެގަވޮޓަށް އަޕްގްރޭޑް ކުރެވޭ ގޮތަށް ކެޕޭސިޓީ ގާއިމުކުރާނެ ކަމަށެވެ.