މަޖިލީހުގައި މަރުތަޅު އެޅުވީ ސަރުކާރުން ރާވައިގެން: އީވާ

Thu, 08 Jun 2023 08:32 PM

View on this article on Hoara Online

މަޖިލީހުގައި މަރުތަޅު އެޅުވީ ސަރުކާރުން ރާވައިގެން: އީވާ
ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނާއިބު ރައީސްގެ އިތުބާރު ނެތް މައްސަލަ ހުށައަޅާ މަޖިލީސް ކުރިއަށް ނުގެންދެވޭނެ ހެން ޑެޑްލޮކް -- މަރުތަޅު އަޅުވާ މަޖިލީސް ހުއްޓުމަކަށް ގެނެސްފައި އޮތީ ސަރުކާރުން ކަމަށާ އެއީ ރޭވުންތެރިކަމާއެކު ގަސްތުގައި ކުރިމަތި ކޮށްފައި އޮތް ހާލަތެއް ކަމަށް މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ރައީސް އަދި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވާއިރު އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އަންނަ އާދީއްތަ ދުވަހަށް އެޖެންޑާ ކުރި ނަމަވެސް މަޖިލީހުގެ އެޖެންޑާ އިން އެ މައްސަލަ މިހާރު ވަނީ ނަގައިފަ އެވެ. އެ މައްސަލަ އެޖެންޑާ އިން ނެގީ އެ މައްސަލައިގައި ނިންމަންޖެހޭ ބައެއް ނިންމުންތައް ކޮމިޓީން ނުނިންމައި އޮތުމުން ކަމަށް ބުނެ އެވެ.

މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި އީވާ ވިދާޅުވީ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދާފައި އޮއްވާ އެހެން މަސައްކަތެއް ކުރަން މަޖިލީހުގެ ގަވާއިދު ޖާގަ ނުދޭ ކަމަށާއި މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި ސަރުކާރު ގުޅިގެން މި މައްސަލަތައް އެކު އެކީގައި ވެއްދީ ގަސްދުގައި މަޖިލީހުގައި މަރުތަޅު އެޅުވުމުގެ ބޭނުމުގައި ކަމަށެވެ.

"ސަރުކާރު ހިންގާ ޕާޓީގެ މެޖޯރިޓީ އޮވެގެން ގަސްދުގައޭ ރިޔާސީ އިންތިހާބަށް ތިން މަސް ދުވަހަށް ވެފައި އޮއްވާ މަޖިލިސް އެ ޑެޑްލޮކަކަށް އެ ގެންދިޔައީ." އީވާ ވިދާޅުވި އެވެ.

އެކަމަނާ ވިދާޅުވީ އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމަކީ އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަކީ މަޖިލީހުގެ ގަވާއިދު އެނގިވަޑައިނުގަންނަވާ ދެ ބޭފުޅުން ނޫން ކަމަށާ އެއަށް ވުރެ މަޖިލީހުގެ ގަވާއިދަށް ވަކި ފަރިތަ ބަޔަކު ނެތް ކަމަށެވެ. މަޖިލީސް ހުއްޓުމަކަށް ގެނައީ އޮޅިވަޑައިގެން ނޫން ކަމަށާ އެއީ އެނގި ހުރެ ގަސްތުގައި ކޮށްފައިވާ ކަމެއް ކަމަށް އީވާ ތަކުރާރުކޮށް ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރަނީ ސަރުކާރު ހިންގާ ޕާޓީގެ މެޖޯރިޓީ އޮވެގެން ގަސްތުގައޭ ރިޔާސީ އިންތިހާބަށް ތިން މަސް ދުވަހަށް ވެފައި އޮއްވާ -- މާދަމާގެ ފަހަށް ދެން އޮތީ ތިން މަސް -- ގަސްތުގައި ވިސްނައިގެން އިނގި ހުރެގެންނޭ ޕާލިމަންޓް އެ ޑެޑްލޮކަކަށް ގެންދިޔައީ،" އީވާ ވިދާޅުވި އެވެ.

ސަރުކާރާއި މަޖިލީހުގައި އެމްޑީޕީގެ އިސްވެރިންނަކީ ބަރުލަމާނީ ތަޖުރިބާ ބޮޑު ބޭފުޅުންކަމަށާއި އެ ބޭފުޅުން އެއް ވަގުތެއްގައި މަޖިލީހުގެ ރައީސާއި ނައިބުރައީސްގެ އިތުބާރުނެތްކަމުގެ ވޯޓު ހުށަހަޅުއްވާފައި، ޤަވާއިދު އެނގިވަޑައިގެން މަޖިލިސް ޑެޑްލޮކަކަށް ގެންދެވީ އެނގިވަޑައިގެން ތިއްބަވައި، މަޖިލީހުން ސަރުކާރު ޖަވާބުދާރީނުކުރެވޭނެކަން ކަށަވަރުކުރެއްވުމަށް ކަމަށްވެސް އީވާ ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް އާއި މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް އެއްފަހަރާ މަޖިލީހަށް ހުށަހެޅިއްޖެ ނަމަ ކަންތައް ކުރަންޖެހޭ ސާފު އުސޫލެއް މަޖިލީހުގެ ގަވައިދުގައި ބަޔާން ކޮށްފައެއް ނުވެ އެވެ. އެހެންކަމުން އެކި ބޭފުޅުން ގަވައިދު މާނަކުރައްވަމުން ގެންދަނީ އެކި ގޮތަށެވެ.

މިއީ މިހާތަނަށް ރާއްޖޭގެ ތާރީހުގައި ވެސް އެ މަގާމުގައި ތިބި ދެ ބޭފުޅުންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް އެއްފަހަރާ ވެއްދި ފުރަތަމަ ފަހަރެވެ. އެހެންކަމުން، މި ވަނީ އާ ހާލަތެއް އުފަންވެފަ އެވެ.



More from Hoara Online