ނިޒާމު ގެއްލި ޖަލްސާ މެދުކަނޑާލައިފި

Mon, 05 Jun 2023 09:41 AM

View on this article on Hoara Online

ނިޒާމު ގެއްލި ޖަލްސާ މެދުކަނޑާލައިފި
ޗާގޯސް މައްސަލައާ ވިދިގެން އެޓާނީ ޖެނެރަލް (އޭޖީ) އިބްރާހީމް ރިއްފަތުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލައަށް ޖަވާބުދާރީވެވަޑައިގެންނެވުމަށް އޭނާ މަޖިލީހަށް ވަޑައިގެންނެވުމުން، އޭނާއަށް ފުރުސަތު ނުދެއްވައި ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ މަޝްވަރާކުރުމަށް ކަމަށް ބުނެ މިއަދުގެ ޖަލްސާ މެދުކަނޑާލައިފި އެވެ.

އިތުބާރު ނެތްކަމުގެ މައްސަލައިގައި ދިފާއުގައި ވާހަކަ ދެއްކެވުމަށް ބަންޑާރަނައިބު އިބްރާހިމް ރިއްފަތު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައިވެރިވެފައިވާއިރު، ޖަލްސާ ފެށުމުން އިދިކޮޅު ޕީޕީއެމް ޕީއެންސީއަށް ނިސްބަތްވާ މެންބަރުން އަންނަނީ މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖު ކުރަމުންނެވެ.

އެގޮތުން ތަކުރާރުކޮށް އެދުމުންވެސް އެ މެންބަރުން ގޮނޑިކޮޅުތަކުގައި އިށިީންދެފައިނުވާތީ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާ ކުރުމަށް މަޖިލިސް މެދުކަނޑާލާފައެވެ. މެންބަރުން އިހުތިޖާޖު ކުރަމުން ގެންދާތީ މިއަދުގެ ޖަލްސާ ފެށިނަމަވެސް އިތުބާރު ނެތްކަމުގެ މައްސަލަ އަދި ކުރިއަށް ގެންދެވިފައެއް ނުވެއެވެ.

އިދިކޮޅު މެމްބަރުންނަށް ނަސޭހަތް ދެއްވުމުގެ ކުރިން ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފުރަތަމަ އިންޒާރުކުރެއްވީ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާއަށެވެ. އެއަށް ފަހު ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމަށް ތަކުރާރުކޮށް ނަސޭހަތް ދެއްވި ނަމަވެސް އޭނާގެ ނަމެއް ނަޝީދު ނީއްވަވަ އެވެ. އޭގެ ބަދަލުގައި އެމަނިކުފާނު ޖަލްސާ މެދުކަނޑުވައްވައިލެއްވީ ސިޔާސީ ޕާޓީތަކުގެ މަޝްވަރާ އަށެވެ.

"އިއްޒަތްތެރި މެމްބަރުން އަޑު އައްސަވާ. އަޅުގަނޑުމެންނަށް މިއަދުގެ މަސައްކަތް ފަަށައިގަނެވި ކުރިއަށް ގެންދެވުނީމާ ، ތިޔަ ވިދާޅުވާ ކަންކަމަށް އަޅުގަނޑު ދެކޭ ގޮތުގައި މަގުފަހިވެގެންދާނެ،" ޝިޔާމާއި އިދިކޮޅު އެހެން މެމްބަރުންނަށް ނަސޭހަތްތެރި ވަމުން ނަޝީދު ވިދާޅުވި އެވެ.

އޭޖީގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެންމެ ފުރަތަމަ އެޖެންޑާ ކުރީ މިދިޔަ ބުދަ ދުވަހު އެވެ. އެ ދުވަހު އޭޖީ ނިންމެވީ މަޖިލީހަށް ހާޒިރު ނުވެ، ލިޔުމުން ޖަވާބުދާރީވެވަޑައިގަތުމަށެވެ.

ރިފްއަތު މަޖިލީހަށް ހާޒިރުވެވެވަޑައިގެން ޖަވާބުދާރީވެވަޑައިގަންނަވާ ގޮތަށް މަޖިލީހުގެ އާންމު ކޮމިޓީން ވަގުތު ކަނޑައަޅާފައި ވާތީ އާއި ގާނޫނުއަސާސީގައި "އަނގަބަހުންނާއި ލިޔުމުން" ދިފާއުވުމުގެ ހައްގު އެ ވަޒީރަކަށް ލިބިދީފައިވާ ކަމަށް ބުނާތީ، އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކުން ބުނަނީ އެޓާނީ ޖެނެރަލް މަޖިލީހަށް ހާޒިރުވާން ޖެހޭނެ ކަމަށެވެ. އެ މައްސަލާގައި ހިޔާލު ތަފާތުވުމެއް އުޅޭ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު އެ ދުވަހުގެ ޖަލްސާގައި ވިދާޅުވީ، ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއް އެދެން ޖެހޭ ކަމަށެވެ.

އެކަމަކު، އެކަމާ ގުޅިގެން އެޓާނީ ޖެނެރަލް ރައްޔިތުންގެ މަޖިލިހަށް ފަހުން ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، އޭނާ ލިޔުމުން ޖަވާބުދާރީވީ، ތަފުސީލީ ގޮތެއްގައި ރައްޔިތުންނަށް މައްސަލަ ސާފުކޮށްދިނުމުގެ ނިޔަތުގައި ކަމަށެވެ. އެކަމަކު، ބުދަ ދުވަހުގެ ޖަލްސާ ނިމުނުއިރު ޖަވާބުދާރީވުމުގެ ފުރުސަތު ލިބިވަޑައިގެންފައި ނުވާތީ މަޖިލީހަށް ހާޒިރުވެ ދިފާއުގައި އަނގަބަހުން މަސައްކަތް ކުރުމަށް ލިބިދީފައިވާ ހައްގުގެ ބޭނުން ހިއްޕަވަން ނިންމާފައިވާ ކަމަށް އެޓާނީ ޖެނެރަލް ރިފްއަތު ވިދާޅުވި އެވެ.

ބަންޑާރަނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ރާއްޖޭގެ ދެކުނުގެ މަސްކަނޑުން ބައެއް ގެއްލުނު މައްސަލައިގައެވެ. ރިއްފަތުގެ އިތުރުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެވެސް އިތުބާރު ނެތްކަމުގެ މައްސަލަ ވަނީ މަޖިލީހަށް ހުށަހަޅާފައެވެ.



More from Hoara Online