އެމްއާރްއެމް އުވާލުން މަޑުޖައްސާލުމުގެ އަމުރު ކޮމިޝަނުން އިސްތިއުނާފު ކުރަނީ

Mon, 29 May 2023 12:37 PM

View on this article on Hoara Online

އެމްއާރްއެމް އުވާލުން މަޑުޖައްސާލުމުގެ އަމުރު ކޮމިޝަނުން އިސްތިއުނާފު ކުރަނީ
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ އުފެއްދެވި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އުވާލަން އިލެކްޝަންސް ކޮމިޝަން (އީސީ)ން ނިންމި ނިންމުމަށް އަމަލުކުރުން ފަސްކުރަން އަންގައި ސިވިލް ކޯޓުން އިއްޔެ ނެރުނު ވަގުތީ އަމުރު މުރާޖައާކުރުމަށް އެދި ކޯޓަށް މައްސަލަ ހުށަހެޅުމަށް އެ ކޮމިޝަނުން މިއަދު ނިންމައިފި އެވެ.


އެމްއާރުއެމް އުވާލަން އިލެކްޝަނުން ނިންމީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ 3،000 މެމްބަރުން ހަމަ ނުވެގެނެވެ. އެ ގޮތަށް ނިންމުން އައުމާއެކު މައްސަލަ ކޯޓަށް ހުށަހެޅީ އެމްއާރުއެމްގެ ފަރާތުންނެވެ. އެ ޕާޓީން ބުނާ ގޮތުގައި އެމްއާރުއެމް އުވާލަން ނިންމާފައި ވަނީ 3،000 މެމްބަރުން ހަމަ ކޮށްފައި ވަނި ކޮށެވެ.

ސިވިލް ކޯޓުގެ ގާޒީ ފަރުހާދު ރަޝީދު ސޮއިކުރައްވައި އިއްޔެ ނެރުއްވި އަމުރުގައި، އީސީގެ ނިންމުމަށް އަމަލުކުރުން 30 ދުވަހުގެ މުއްދަތަކަށް މަޑުޖައްސާލުމަށް އިއްޔެ އަންގާފައިވެ އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ އުފެއްދެވި އަދި އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫން ރައީސަކަށް ހުންނެވި އެމްއާރްއެމް އުވާލަން ނިންމީ މެންބަރުން ހަމަ ނުވުމުގެ ސަބަބުން ނޯޓިސް ވެސް ދިނުމަށް ފަހުގަ އެވެ. 

ސިވިލް ކޯޓުގެ ވަގުތީ އަމުރާ ގުޅުވައިގެން އެމްއާރުއެމް އިން ރޭ ދަންވަރު ނެރުނު ބަޔާނެއްގައި ބުނީ އެޕާޓީ އިން ކުރަމުން އަންނަ އިސްލާހީ މަސައްކަތް ހުއްޓުވުމަށް ތަފާތު ފަރާތްތަކުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުން ގެންދާކަން މި ފުރުސަތުގައި ވެސް ފާހަގަކުރާ ކަމަށެވެ.

އެމްއާރުއެމް އިން ބުނީ މި މައްސަލައިގައި އަދުލުއިންސާފު ގާއިމުކުރެވޭނެ ކަމަށް އެ ޕާޓީން އަބަދުވެސް ޔަގީންކުރާ ކަމަށެވެ.

"އެހެންކަމުން އެމްއާރުއެމްގެ މަސައްކަތްތައް ކުރިއެކޭ ވެސް ކުރިއަށް ގެންދިޔުމަށް ހުރިހާ ގޮފިތަކާއި ކޮމެޓީތަކާއި އަދި އެންމެހާ މެންބަރުންނަށް ދަންނަވަން،" ބަޔާނުގައިވެއެވެ.



More from Hoara Online