ނަޝީދު ދަ ޑިމޮކްރެޓްސް ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދިނުމާއެކު މިހާރު އަންނަނީ ޕާޓީ އުފައްދަން ބޭނުންވާ 3،000 މެމްބަރުން ހަމަކުރަން މަސައްކަތް ކުރަމުންނެވެ. މި ޕާޓީ އަށް އަދި ނަޝީދު ސޮއިކުރައްވާފައެއް ނުވެ އެވެ.
ނަޝީދަށް ތާއީދުކުރައްވާ މަޖިލިސް މެންބަރުން އިސްވެ ތިބެ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފަށާފައިވަނީ މެންބަރު އަލީ އާޒިމް އެމްޑީޕީން ވަކިކުރި ހިސާބުންނެވެ. އެ ހިސާބުން އެމްޑީޕީގައި ތިއްބެވި ރައީސް ނަޝީދަށް ތާއީދުކުރައްވާ 12 މެންބަރަކު ޕާޓީން ވަކިވެ ވަނީ އާ ސިޔާސީ ޕާޓިއެއް އުފައްދަވާނެކަން ހާމަކުރައްވާފަ އެވެ.
ދަ ޑިމޮކްރެޓްސްގެ ފަރާތުން މިއަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ވެސް ނެރުމަށް ވަނީ ހަމަޖެހިފަ އެވެ.ނަޝީދުގެ މަންމަ އާއި ބައްޕަ މިއަދު އެމްޑީޕީ ދޫކުރައްވައި އާ ޕާޓީއާ ގުޅިވެޑައިގެންނެވިއިރު، އެމަނިކުފާނު ހުންނެވީ އަދިވެސް އެމްޑީޕީގެ ރައީސް ކަމުގެ މަގާމުގަ އެވެ. ނަޝީދު އާ ޕާޓީއާ ގުޅިވަޑައިގަންނަވާނެ ދުވަހަކާ ގުޅޭ ގޮތުން ވާހަކަދެއްކުމަށް އެ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ ބޭފުޅުން އުޒުރުވެރިވެވަޑައިގަންނަވަ އެވެ. އެމްޑީޕީން އެމަނިކުފާނު ވަކިވެވަޑައިގަންނަވަނީ ކޮން އިރަކު ކަމެއް އަދި ވަކިވެ ވަޑައިނުގަތް މަޑު ކުރައްވަނީ ކީއްވެގެން ކަމެއް އެމަނިކުފާނު ވެސް ވިދާޅެއް ނުވެ އެވެ.