ފޯރަމް ފައްޓަވައިދެއްވީ ހޯމް މިނިސްޓަރު ޢިމްރާން ޢަބްދުاللهއެވެ. ފޯރަމް ފައްޓަވައިދެއްވުމުގެ ގޮތުން މިނިސްޓަރު ވިދާޅުވީ ،ފޯރަމް ވެގެންދާނީ ކޮޅުފުއްޓާއި މ. އަތޮޅަށް ވެސް ވަރަށް މުހިއްމު ފޯރަމަކަށް ކަމަށެވެ.
އިމްރާން ވިދާޅުވިގޮތުގައި ރާއްޖޭގެ މުސްތަގުބަލަށްޓަކައި ޒުވާނުން ބިނާކުރުމަށް ދީނުގެ ހަމަތަކުގެ މައްޗަށް ބިނާކޮށް ގައުމިއްޔަތުގެ އަސާސްތަކާ އެކުގައި ޒުވާނުން ތަރުބިއްޔަތުކޮށް ބިނާކުރުމަކީ ކުރިއަރާ ދިއުމަށް ވަރަށް މުހިއްމު ކަމެކެވެ.
"ގައުމެއް ބިނާވާނީ, ގައުމެއްގެ ކުރިމަގު އުޖާލާ ކުރެވޭނީ އެ ގައުމެއްގެ ޒުވާން ޖީލަކީ އިލްމީ، ގާބިލް އަދި ދުޅަހެޔޮ ހުނަރުވެރި ބަޔަކަށްވެގެން،" މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެ މަސައްކަތް ކުރުމަށް ޔުނިވާސިޓީތަކުގައި ކިޔަވާ ދަރިވަރުންނާއި ޒުވާނުންނާއެކު ކުރެވޭ މަސައްކަތަކީ ޒުވާން ލީޑަރުން އުފެއްދުމަށް ވަރަށްބޮޑަށް މަގުފަހިވާ ކަމެއް ކަމަށެވެ.
މިފަހަރުގެ ފޯރަމް ކުރިއަށް ގެންދަނީ "ޒުވާން އިސްވާރުން" މި ޝިއާރުގެ ދަށުންނެވެ.