ވާނުވާ ގައި ތިބި މީހުންގެ މައްސަލާގައި އެމްއެންޕީގެ ސިޓީއެއް ރައީސަށް

Sat, 25 Mar 2023 09:54 AM

View on this article on Hoara Online

ވާނުވާ ގައި ތިބި މީހުންގެ މައްސަލާގައި އެމްއެންޕީގެ ސިޓީއެއް ރައީސަށް
ޝަރީއަތް ނިމެންދެން މީހުން ބަންދުކުރުން ނުވަތަ ވާނުވާ ބަންދުގެ ސަގާފަތެއް ރާއްޖޭގެ ކޯޓުތަކުން ކުރިއަށް ގެންދާ ކަމަށް ބުނެ އެ މީހުންގެ މައްސަލަތައް އަވަސްކޮށް، އިޖުރާއީ އިންސާފު ލިބޭނެ ގޮތް ހަމަޖައްސައިދޭން އެދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއަކުން ދަންނަވައިފި އެވެ.

އެމްއެންޕީން ނެރުނު ބަޔާނެއްގައި ބުނީ، ޝަރީއަތް ނިމެންދެން މީހުން ބަންދުކުރުމުގެ ސަގާފަތެއް ރާއްޖޭގެ ކޯޓުތަކުން ކުރިއަށްގެންދާތީ އެ ސަގާފަތަށް ނިމުމެއް ގެންނަން ޖެހޭ ކަމަށެވެ. އަދި ޝަރީއަތް ނިމެންދެން ބަންދުކޮށް ފަރާތްތަކުގެ މައްސަލަތައް އަވަހަށް ނިންމެމުށާއި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ (ވ) ގައި ކަނޑައަޅާފައިވާ އިޖުރާއަތް ހިންގޭނެ ފަހި އިންތިޒާމްތަކެއް ފަނޑިޔާރުގެއަށް ފަހިކޮށްދެއްވައިގެން، ބަންދުގައިވާ މީހުންނަށް އިޖުރާއީ އިންސާފު ލިބޭނެ ގޮތް ހަމަޖައްސަވާ ދެއްވުން އެދި އެ ޕާޓީން ރައީސް އަށް ށަހަޅާފައިވާ ކަަމަށް އެ ބަޔާނުގައި ވެއެވެ.

އެމްއެންޕީ އިން ބުނިގޮތުގައި މި މައްސަލަ ރައީސަށް ހުށަހެޅީ މިއީ ރައްޔިތުންގެ އަސާސީ ހައްގާ ގުޅިފައިވާ ކަމަކަށް ވާތީ، ދައުލަތުގެ އެންމެ އިސްވެރިޔާ އަދި ހައްގުތައް ރައްކާތެރިކޮށްދިނުމުގެ ޒިންމާ އުފުލެއްވުމަކީ އެ މަނިކުފާނުގެ މަސްއޫލިއްޔަތަކަށް ވާތީ އެވެ.

"މީގެ އިތުރުން، މިއީ ރައްޔިތުންގެ އަސާސީ ހައްގާއިވެސް ގުޅިފައިވާ ކަމަކަށްވާތީ، މި މަސައްކަތަކީ ދައުލަތުގެ އެންމެ އިސްވެރިޔާ ]ޤާނޫނުގެ އަސާސީގެ 106 ވަނަ މާއްދާގެ (ށ) [ގެ ހައިސިއްޔަތުންނާއި، ޤާނޫނުގެ ވެރިކަން ކުރިއެރުވުމުގެ ޒިންމާ އާއި ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކޮށް ދިނުމުގެ ޒިންމާ ]ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ނ)[ ނަގަން ޖެހޭ ފަރާތުގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ އަދާކުރަންވަން ޖެހިވަޑައިގަންނަވާ މަސްއޫލިއްތެއް ކަމަށް ދެކިގެންވެސްމެއެވެ". އެމްއެންޕީން ބުނެފައި ވެއެވެ.

މިމައްސަލާގައި އެމްއެންޕީން ފޮނުވި ސިޓީގައި ބުނެފައިވަނީ ޝަރީއަތް ނިމެންދެން ބަންދުކުރެވިފައި ގާތްގަނޑަކަށް 343 މީހަކު ޖަލުތަކުގެ ހައްޔަރުގައި ތިބިއިރު ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ (ވ) ގެ ދަށުން އެ ފަރާތްތަކުގެ ބަންދު ކޮންމެ 30 ދުވަހަކުން މުރާޖައާ ކުރުމުގެ އަޑުއެހުން ފަނޑިޔާރުގޭގައި ނުހިނގާތީ ހުރިހާ ފަރާތްތަކަށް އެވަނީ އިޖުރާއީ އިންސާފު ލިބުމުގެ މަގު ބަންދުވެފައި ކަމަށެވެ.

އަދި، އޭގެ ތެރެއިން ބައެއް މިހުންގެ ޝަރީޢަތް ނުހިނގާ އަހަރުތަކަކަށް ދިގުދެމިގެން ގޮސްފައިވާ ކަމަށާއި، ބޮޑު މައްސަލައަކަށް ތުހުމަތުކުރެވުމަކީ އިޖުރާއީ އިންސާފުން މީހުން އެއްފަރާތް ކުރެއްވޭނެ ޤާނޫނީ ހަމައެއް ނޫން ކަމަށް ފާހަގަކޮށްފައި ވެއެވެ.

"ވާނުވާ" ޖަހާފައިވާ މީހުންގެ މައްސަލައާ ގުޅިގެން މާޗް 7 ގައި ރައްޔިތުންގެ މަޖިލީހުގައި ދާހިލީ ވަޒީރާ ސުވާލު ކުރެއްވުމުން ވެސް މީގެ އަސްލު މައްސަލަ ހައްލު ކުރެއްވުމަށް އެއްވެސް މަސައްކަތެއް ކުރެއްވި ވާހަކައެއް ވިދާޅުނުވާ ކަަމަށްވެސް ސިޓީގައިވެއެވެ. އަދި ޕްރޮސެކިއުޓަރ ޖެނެރަލް މި ފަހުން ބޭއްވި ނޫސް ކޮންފެރެންސެއްގައި މި މައްސަލައާ ގުޅިގެން ނާއުންމީދު ވާހަކަފުޅުތަކެއް ދައްކަވާފައިވާކަން ފާހަގަކޮށް އެކަމުން ދޭހަކޮށް ދެނީ ބާރު ހިނގާ ދައުލަތެއްގެ އިންތިޒާމް ދާން ނުޖެހޭހާ ދެރަވަރު ހާލަތަކަށް ގޮސްފައިވާކަން ކަމަށް އެމްއެންޕީން ބުނެފައިވެއެވެ.

މި ސަރުކާރު ވުޖޫވެގެން އައީ "ވާނުވާ" މައްސަލާގައި ކުރީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. "ވާނުވާ" ޖެހުން ހުއްޓުވާ މައްސަލައަށް ހައްލު ހޯދާ ދިނުމަކީ މި ސަރުކާރުގެ ވައުދެކެވެ. ނަމަވެސް އެ ވައުދާއި ގުޅިގެން މިހާތަަނަށް އެއްވެސް ކަމެއް ކޮށްފައެއް ނުވެއެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ޖުލައި 2021ގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި 'ވާނުވާ' ބަންދުގައި އޭރު 343 މީހަކު ތިއްބެވެ. 



More from Hoara Online