ހުރިހާ ބިދޭސީންގެ ފޮޓޯ އާއި ފިންގަޕްރިންޓް ނެގުމުގެ މަސައްކަތް އަންނަ މަހު ފަށަނީ

Tue, 30 Apr 2024 09:54 AM

View on this article on Gohkolhu

ހުރިހާ ބިދޭސީންގެ ފޮޓޯ އާއި ފިންގަޕްރިންޓް ނެގުމުގެ މަސައްކަތް އަންނަ މަހު ފަށަނީ

ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ފަށާ މަސައްކަތުގައި ހުރިހާ ބިދޭސީންގެ ފޮޓޯ އާއި ފިންގަޕްރިންޓް ނަގަން ހަމަޖައްސާފައި ވާއިރު އަންނަ މަހު ރަށްރަށުގައި އެ މަސައްކަތް ފަށާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ރޭ ވިދާޅުވެއްޖެ އެވެ.



“އަހާ” ފޯރަމްގައި، ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރާ މަސައްކަތް ސާފުކޮށްދޭން އެދުމުން އިހުސާން ވިދާޅުވީ ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ އިނގިލީގެ ނިޝާނާއި ފޮޓޯ ނަގައި، އެމީހުންގެ ވޯކް ޕާމިޓާ ދިމާވޭތޯ ބެލުމުގެ މަސައްކަތް ފެށުމަށް މިހާރު ތައްޔާރުވެފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އިހުސާން ވިދާޅުވި ގޮތުގައި އޭގެ ތެރެއިން ބައެއް މީހުންނަކީ ވޯކް ޕާމިޓް ވެސް އޮތް މީހުންނެއް ނޫނެވެ. އެހެންވެ، ގަވާއިދާ ހިލާފުވެފައި ތިބީ ކޮން ބައެއްތޯ އާއި އެ މީހުން ތިބީ ކޮން ބައެއް ނުވަތަ މީހެއްގެ ބެލުމުގެ ދަށުގައިތޯ ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިހުސާން ވިދާޅުވި އެވެ.

“އެއްފަހަރާ ފަށާނަން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ހުރިހާ ރަށެއްގައި ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި. ދާއިރު ކައުންސިލާއި ރަށު އޮފީހާ ގުޅިގެން، އެ ރަށެއްގައި ގަވައިދާ އެއްގޮތަށް ވެސް ގަވާއިދާ ހިލާފަށް ވެސް އުޅޭ މީހުންގެ ވެސް ޕިންގާ ޕްރިންޓް ނަގާފައި ފޮޓޯ ނަގާނެ،” އިހުސާން ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ ގަވައިދާ ހިލާފަށް އުޅޭ މީހުން އައިޑެންޓިފައިކޮށްފައި ސަރުކާރުން ނިންމާފައި ވަނީ ފަސޭހަ ގޮތަކަށް އެ މީހުން ގަވާއިދުގެ ތެރެއަށް ފެއްތޭނެ ގޮތެއް ހަމަޖައްސަން ކަމަށެވެ. އަދި ބިދޭސީންގެ ތެރޭގައި ވެސް ވަރަށް ބޮޑަށް ގާނޫނާ ހިލާފުވެފައި ތިބޭ މީހުން ތިބޭ ކަމަށާއި އެކަމަކު ސަރުކާރުން ބޭނުންވަނީ އެ މީހުންނަށް ވެސް ގަވާއިދަށް އުޅުމަށް ފުރުސަތެއް ދޭން ކަމަށް އިހުސާން ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ފުރުސަތުގެ ބޭނުން ނުހިފައިފި ނަމަ ޑިޕޯޓްކޮށްލާނީ އެވެ.

އެކި ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމުގެ ނަތީޖާ ތިން އަހަރުން ނިކުންނާނެ ކަމަށް އިހުސާން ވިދާޅުވި އެވެ.

މިނިސްޓަރު ވަނީ ބިދޭސީން ގެނައުމާއި ބެލެހެއްޓުމުގެ މަސައްކަތް، ރަނގަޅު އިންތިޒާމެއްގެ ދަށުން ކުރުމަށް މަސައްކަތް ވެސް ކުރާ ކަމަށް ވެސް ވިދާޅުވެފަ އެވެ.

 



More from Gohkolhu