ހަނިމާދޫ ހޮސްޕިޓަލްގެ މަސައްކަތް ރަސްމީކޮށް ކޮންޓްރެކްޓަރުންނާއި ޙަވާލުކުރައްވައިފި

Mon, 15 May 2023 10:19 PM

View on this article on Gohkolhu

ހަނިމާދޫ ހޮސްޕިޓަލްގެ މަސައްކަތް ރަސްމީކޮށް ކޮންޓްރެކްޓަރުންނާއި ޙަވާލުކުރައްވައިފި

ކުވައިތު ފަންޑުން ހަރަދުކޮށްގެން ހަނިމާދޫގައި އަޅާ ހޮސްޕިޓަލްގެ މަސައްކަތް ރަސްމީކޮށް ކޮންޓްރެކްޓަރާ ޙަވާލުކުރައްވައިފިއެވެ.

މި މަސައްކަތް ހަވާލުކޮށްފައި ވަނީ 90،512،216.05 ރުފިޔާއަށް ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑާ އެވެ. ހަނިމާދޫގައި ތަރައްޤީކުރަން ހަމަޖެހިފައި ވަނީ 30 އެނދުގެ ހޮސްޕިޓަލެވެ.

ހަނިމާދޫގެ އިތުރުން 6 ރަށެއްގައި ކުވައިތު ފަންޑުން ހަރަދުކޮށްގެން ހޮސްޕިޓަލް އަޅަން މިއަދު ވަނީ ހަވާލުކޮށްފައެވެ. އެއީ

  • ށ. މިލަންދޫ ހޮސްޕިޓަލް: 95،627،718.15 ރުފިޔާ
  • ނ. ވެލިދޫ ހޮސްޕިޓަލް: 95،627،718.15 ރުފިޔާ
  • ކ. ތުލުސްދޫ ހޮސްޕިޓަލް: 91،767،709.06 ރުފިޔާ
  • އދ. މާމިގިލި ހޮސްޕިޓަލް: 101،227،176.03 ރުފިޔާ
  • ވ. ފެލިދޫ ހޮސްޕިޓަލް: 102،049،555.63 ރުފިޔާ
  • ތ. ވިލުފުށި ހޮސްޕިޓަލް: 109،277،431.15 ރުފިޔާ

ހަތް ހޮސްޕިޓަލުގެ ޖުމްލަ އަގު 686 މިލިއަން ރުފިޔާއަށް އަރާއިރު، އދ މާމިނގިލި، ވ ފެލިދޫ އަދި ތ ވިލުފުށީ ހޮސްޕިޓަލް އިމާރާތް ކުރުމަށް ހަވާލުކޮށްފައިވަނީ ޑްޕްލެކްސް ޕްރައިވެޓް ލިމިޓެޑަށެވެ.

ށ މިލަންދޫ، ނ ވެލިދޫ އަދި ކ ތުލުސްދޫ ހޮސްޕިޓަލް އިމާރާތް ކުރުމަށް ހަވާލުކޮށްފައިވަނީ އާނަންޑް ބިލްޑްޓެކް ޕްރައިވެޓް ލިމިޓެޑަށެވެ.

ރޯޝަނީ ބިލިޑިންގައި މިއަދު ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތަށްފަހު ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ މި ހޮސްޕިޓަލްތައް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ، ޒަމާނަށް އަންނަމުންދާ ބަދަލުތަކާއި، އެންމެ ފަހުގެ ޓެކްނޮލޮޖީއާ އެކުގައި ކަމަށެވެ. އަދި ހިދުމަތް ވީހާވެސް ބޮޑަށް ލުއިފަސޭހައިން ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖައްސައި މި ހޮސްޕިޓަލްތަކަށް ބޭނުންވާ އިންސާނީ ވަޞީލަތްތައް ވެސް ތަރައްޤީކުރަން ދުރާލާ އިސްކަން ދެއްވާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ހެލްތު މިނިސްޓްރީން ބުނީ އެ ހޮސްޕިޓަލްތައް ހެދުމަށް ކުވެއިތު ފަންޑުން 686 މިލިއަން ރުފިޔާ ދީފައިވާ ކަމަށެވެ. އެ މަސައްކަތް ހަވާލުކުރީ ދޮޅު އަހަރު ދުވަހުގެ ތެރޭގައި ނިންމަންކަމަށެވެ.

މިނިސްޓްރީން ބުނި ގޮތުގައި، ހޮސްޕިޓަލުން ބޭނުންކުރާ ހަކަތައަށް ކުރާ ހަރަދު ކުޑަކުރުމަށް، މި ޕްރޮޖެކްޓުގެ ދަށުން ކޮންމެ ހޮސްޕިޓަލެއްގައި 150 ކިލޯވޯޓުގެ އަވިން ހަކަތަ އުފައްދާ ނިޒާމެއް ގާއިމްކުރާނެއެވެ.



More from Gohkolhu