ލަޢުނަތް ލެއްވިގެންވާ ފާފަތަކާ ދުރުހެލިވާށެވެ!

Sat, 25 Mar 2023 02:15 PM

View on this article on Gohkolhu

ލަޢުނަތް ލެއްވިގެންވާ ފާފަތަކާ ދުރުހެލިވާށެވެ!

މީހެއްގެ މައްޗަށް ލަޢުނަތް ލެއްވުމުގެ މާނައަކީ އެ މީހަކު ހުރިހާ ހެޔޮކަމަކުން ދުރުވެދިޔުމެވެ. ނުވަތަ ލަޢުނަތް ލެއްވިގެންވާ އަޅާ ﷲގެ ތަނަވަސް ރަޙްމަތުން ބޭރުކޮށް ދުރުކުރުވުމެވެ. އަދި އެ މީހަކަށް އާޚިރަތްދުވަހުގެ ޢަޛާބާއި ޢުޤޫބާތް ޙައްޤުވުމެވެ. ބައެއް ޢަމަލުތަކަށާއި އެކަން ކުރާމީހުންނަށް މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم ލަޢުނަތް ލައްވައިފައި ވެއެވެ. އެހެންކަމުން މިފަދަ ކަންކަން އެނގި އެ ކަންކަމުން ދުރުހެލިވުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެން ވާ ކަމެކެވެ.

ދިވެހި ފަސްގަނޑުން މިއަދު ފެންނަ އެއް މަންޒަރަކީ ބައެއް ފިރިހެނުން، އަންހެނުންގެ ސިފަޖެހިގެން އުޅުމެވެ. އެ ގޮތުން ކަރާއި، އަތާއި، ފައިގައި ގަހަނާ އެޅުމާއި މޭކަޕްކުރުމާއި އަންހެނުންގެ ހެދުން އެޅުން ފަދަ ކަންކަން ފާހަގަކުރެވެއެވެ. އަދި ހަމަ މި ގޮތަށް ބައެއް އަންހެނުން ފިރިހެނުންނަށް ޚާއްޞަ ހެދުން އަޅައިގެން އުޅޭތަން ވެސް ފެނެއެވެ. އަދި މިއީ ޒަމާނުގެ ތަރައްޤީއާއި ހަމަހަމަކަމުގެ ތެރެއިން ލިބިގެންވާ ހައްޤެއް ކަމުގައި އެބައިމީހުން ބުނެއެވެ. ނަމަވެސް މި އުއްމަތަށް އިރުޝާދުދެއްވައި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރައްވައިފައި ވެއެވެ. عَنِ ابْنِ عَبَّاسٍ رَضِي اللهُ عَنْهُمَا، قَالَ: “لَعَنَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ المُخَنَّثِينَ مِنَ الرِّجَالِ، وَالْمُتَرَجِّلاَتِ مِنَ النِّسَاءِ” (البخاري) މާނައީ: ابْنِ عَبَّاسٍ رَضِي اللهُ عَنْهُمَا ރިވާކުރެއްވިއެވެ. “އަންހެނުންނާ ވަތްތަރުވެގަންނަ ފިރިހެނުންނަށާއި ފިރިހެނުންނާ ވަތްތަރުވެގަންނަ އަންހެނުންނަށް ﷲ ލަޢުނަތް ލެއްވިއެވެ.”

އިމާމް أبو داود ރިވާކުރައްވައިފައިވާ ޙަދީޘެއްގައިވެއެވެ. މާތް ޞަޙާބީ أَبِي هُرَيْرَةَ ވިދާޅުވިއެވެ. “لَعَنَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الرَّجُلَ يَلْبَسُ لِبْسَةَ الْمَرْأَةِ وَالْمَرْأَةَ تَلْبَسُ لِبْسَةَ الرَّجُلِ” (أبو داود) މާނައީ: “އަންހެނުންގެ ފޭރާމުން ފޭރާން އަޅާ ފިރިހެނުންނަށާއި ފިރިހެނުންގެ ފޭރާމުން ފޭރާން އަޅާ އަންހެނުންނަށް ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّم ލަޢުނަތް ލެއްވިއެވެ.”

މީގެ އިތުރުން ދެން އެކަލޭގެފާނުގެ ދޫފުޅުން ލަޢުނަތް ލައްވައިފައި ވަނީ ބަނގުރާއާ ގުޅުންހުރި މީހުންނަށެވެ. އަނަސް ބިން މާލިކު رَضِي اللهُ عَنْهُ ވިދާޅުވިއެވެ. “ރާއާ ގުޅުން ހުރި ދިހަ މީހަކަށް ލަޢްނަތް ހުރިކަމުގައި، ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ:- އެއީ ރާ ހަދާ މީހާއާއި، ރާ ހަދުވަން އެދޭ މީހާއާއި، ރާ ބޯ މީހާއާއި، ރާ އުފުލާ މީހާއާއި، ރާ އުފުލުވަން އެދޭ މީހާއާއި، ރާ ބޯންދޭ މީހާއާއި، ރާ ވިއްކާ މީހާއާއި، ރާއިން ލިބޭ ފައިސާގެ ބޭނުންކުރާ މީހާއާއި، ރާ ގަނެދޭ މީހާއާއި، ރާ ގަނުވަން އެދޭ މީހާއެވެ.”

މީގެ އިތުރުން ލަޢުނަތް ލައްވައިފައިވާ މީހުންގެ ތެރޭގައި ރިޝްވަތު ދޭ މީހާއާއި ރިޝްވަތުގައި ހިފާ މީހާއާއި ރިބާ ކާ މީހާއާއި ރިބާގެ މުޢާމަލާތަށް ހެކިވާ މީހާއާއި ރިބާގެ މުޢާމަލާތް ލިޔެދޭ މީހާއާއި ވައްކަންކުރާ މީހާއާއި ފަށްކަނޑައިދޭ މީހާއާއި ފަށްކަނޑުވައިދޭ މީހާ ހިމެނެއެވެ. އަދި ބުމަ ހަދައިދޭ މީހާއާއި ބުމަ ހަދާ މީހާއާއި ޓެޓޫ ޖަހާ މީހާއާއި ޓެޓޫ ޖަހައި ދޭ މީހާއާއި ﷲ تعالىގެ އުފެއްދެވުން ބަދަލުކުރާ މީހުންނަކީ ވެސް ލަޢުނަތް ލެއްވިގެންވާ ބައެކެވެ.

މިފަދަ ކަންކަން މުޖުތަމަޢުގައި އާންމުވެ، މިއީ ކުދިކުދި ކަންކަމޭ ހީވި ނަމަވެސް، މިއީ ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمގެ ދޫފުޅުން ލަޢުނަތް ލައްވައިފައިވާ ބޮޑެތި ފާފަތަކެވެ. އެފަދަ ފާފަތައްކުރާ މީހުންނަށް އޮތީ ބިރުވެރި އިންޒާރުތަކެވެ. ދުޢާއަކީ މާތް ﷲ އަޅަމެން މިފަދަ އެންމެހާ ފާފަތަކުން ދުރުކުރައްވައި ރައްކާތެރިކުރެއްވުމެވެ.

“ދީނުގެމަގު”ގެ ހެޔޮއެދުންތަކާއެކު ✍ الشَيْخ حَسَن فَيْصَل



More from Gohkolhu