ފިޠުރު ޒަކާތް ބަލައިގަންނަން ފަށައިފި

Thu, 23 Mar 2023 04:28 PM

View on this article on Gohkolhu

ފިޠުރު ޒަކާތް ބަލައިގަންނަން ފަށައިފި

ރާއްޖޭގެ ހުރިހާ ރަށެއްގައި މިއަހަރުގެ ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފިއެވެ.

ޒަކާތް ބަލައިގަންނާނީ ރަމަޟާންމަހުގެ ފުރަތަމަ ދުވަހުން ފެށިގެން، ރަމަޟާންމަހުގެ 27ވަނަ ދުވަހާއި ހަމައަށެވެ. އެއީ މިމަހުގެ 23ވަނަ ދުވަހުން ފެށިގެން އަންނަ އޭޕްރިލް މަހުގެ 18ވަނަ ދުވަހާއި ހަމައަށެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ޒަކާތް ފުރަތަމަ ބަލައިގަންނަން ފަށާނީ ފައިސާއިންކަމަށެވެ. މީގެތެރޭގައި އޮންލައިންކޮށް އަދި އިސްލާމިކް މިނިސްޓްރީން ޑެސްކް ބަހައްޓައިގެންވެސް ޒަކާތް ބަލައިގަތުން ކުރިއަށްދާނެކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ. ފައިސާ ބަލައިގަންނަން ޑެސްްކް ޤާއިމްކޮށްފައިވަނީ، އުމުރުން ދުވަސްވީ މީހުންނާއި އޮންލައިންކޮށް ފައިސާ ދެއްކުމުގައި ދަތިވާ މީހުންނަށް ޚާއްސަކޮށްގެންނެވެ. މި ޚިދުމަތް މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން، ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00އިން 13:00އަށް އިސްލާމިކް މިނިސްޓްރީ ހޯލުގައި ދެމުންދާނެކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވިއެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ރަމަޟާންމަހުގެ ފަހުކޮޅު ގޮވާމުގެ ބާވަތްތަކުންވެސް ޒަކާތް ބަލައިގަންނަން ފަށާނެކަމަށެވެ.

ރަށްރަށުގައި ފިތުރުޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާނީ އެރަށެއްގެ ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުންނެވެ.

ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އިސްލާމިކް މިނިސްޓްރީއިން ކަނޑައަޅައަޅާފައިވާ ގޮވާމުގެ ބާވަތްތަކުގެ ތެރެއިން، އެބަޔަކު އާއްމުކޮށް ކައިއުޅޭ ބާވަތަކުން 2.4 ކިލޯއަށްވާ ފައިސާއިންނެވެ.

ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ މިންވަރު:

  • އާދައިގެ ހަނޑޫ – 12 ރުފިޔާ
  • ތައިލެންޑް ހުދު ހަނޑޫ – 84 ރުފިޔާ
  • ރަތް ހަނޑޫ – 99 ރުފިޔާ
  • ބާސްމަތީ ހަނޑުލުގެ އާދައިގެ ހަނޑޫ – 84 ރުފިޔާ
  • ބާސްމަތީ ހަނޑުލުގެ މޮޅު ހަނޑޫ – 100 ރުފިޔާ
  • ބާސްމަތީ ހަނޑުލުގެ އެންމެ މޮޅު ހަނޑޫ – 125 ރުފިޔާ
  • އާދައިގެ ފުށް – 12 ރުފިޔާ
  • އާޓާ ފުށް – 75 ރުފިޔާ

ޒަކާތް ދެއްކޭނެ ގޮތްތައް:

  • ދިރާގު – ދިރާގު ޕޭ
  • އުރީދޫ – އެމް ފައިސާ
  • މޯލްޑިވްސް އިސްލާމިކް ބޭންކް – ފައިސާ މޯބައިލް
  • ބޭންކް އޮފް މޯލްޑިވްސް – ޕޯޓަލް
  • ފަހިޕޭ – ފަހިޕޭ އެޕްލިކޭޝަން
  • މިނިސްޓްރީ އޮފް ފިނޭނެސް – ބަނޑޭރި ޕޯޓަލް

ފިތުރު ޒަކާތް ދެއްކުން ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވެއެވެ. ފިތުރު ޒަކާތް ދެއްކުމަށް ހަމަޖެހިފައި އޮންނަނީ އެބަޔަކު އެޤައުމެއްގައި ޢާއްމުކޮށް ކައިއުޅޭ ގޮވާމުގެ ބާވަތަކުންނެވެ. އޭގެ މިންވަރަކީ ޞާޢެއް، ނުވަތަ ދެއަތް ގޮށިން ނެގޭ މިންވަރެވެ. މިގޮތުން ބަލާއިރު އެކި ބާވަތުގެ ގޮވާމުގެ ބަރުދަން ތަފާތުވެއެވެ.



More from Gohkolhu