ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒްކުރައްވަމުން ގެންދަވާ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޖަލު ހުކުމުގެ އިސްތިއުނާފްގެ މައްސަލަ އިސްލާހު ކުރުމަށްފަހު އަލުން ހައި ކޯޓަށް ހުށަހަޅައިފި އެވެ.
ވ.އާރަށުގެ މުއާމަލާތާއި ގުޅިގެން މަނީ ލައުންޑާ ކުރުމާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށް ސާބިތުވުމާއި ގުޅިގެން ރައީސް ޔާމީން 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ވަނީ ޙުކުމްކޮށްފައެވެ. އެމަނިކުފާނުގެ މައްޗަށް މި ހުކުމް ކޮށްފައިވަނީ މިދިޔަ ޑިސެމްބަރުމަހުގެ 25 ވަނަ ދުވަހުއެވެ.
އެންމެ ފުރަތަމަ އެ ހުކުމް އެމަނިކުފާނުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފްކުރީ މިދިޔަ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ. އެ މައްސަލަ އާއި ގުޅިގެން ހުށަހެޅި އިސްތިއުނާފު އިސްލާހުކުރަން ހައި ކޯޓުން ވަނީ މާރޗް މަހުގެ 10 ވަނަ ދުވަހު އަންގާފައެވެ. މި މައްސަލަ ހައިކޯޓަށް އަލުން ހުށަހެޅި ނަމަވެސް މައްސަލަ ބަލައިގަތުމާ މެދު އަދި އެ ކޯޓުން ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.
މި މައްސަލަ އިސްތިއުނާފްކުރަން ހުށަހަޅާފައި ވާއިރު، ވ.އާރަށުގެ ޚިޔާނާތާއި ގުޅިގެން ރައީސް ޔާމީން ލޯންޑާކުރެއްވިކަން ސާބިތުވެފައިވާ 3.4 މިލިއަން ޑޮލަރު (52 މިލިއަން ރުފިޔާ) ދައުލަތަށް ދައްކަން ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް ކޮށްފައިވާ އަމުރު ވެސް އެމަނިކުފާނުގެ ފަރާތުން ވަނީ އިސްތިއުނާފަށް ހުށަހަޅާއިފައެވެ.