އެސްޓީއޯ ބަލިކޮށް އެމްއެންޑީއެފް ގުރޫޕް އޭގެ އެއްވަނައަށް!

Thu, 08 Jun 2023 10:04 PM

View on this article on Gaafu

އެސްޓީއޯ ބަލިކޮށް އެމްއެންޑީއެފް ގުރޫޕް އޭގެ އެއްވަނައަށް!

ތިނަދޫ ކައުންސިލްގެ އޮފީސް ފުޓްސަލް މުބާރާތުގައި ގުރޫޕް އޭގައި މިރޭ ކުޅެވުނު ފުރަތަމަ މެޗުގައި 3-1 ގެ ނަތީޖާއަކުން އެސްޓިއޯ ބަލިކޮށް އެމްއެންޑީއެފް އިން މުހިންމު ތިން ޕޮއިންޓް ހޯދައިފިއެވެ.

މިރޭގެ މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ދެޓީމުގެ ކީއްޕުންގެ ފަރާތުން ރަގަޅު ސޭވްތަކެއް ފެނިގެން ދިޔަ މި މެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ އެމްއެންޑީއެފް އިންނެވެ.

މިއީ ފުރަތަމަ ހާފުގެ 11 ވަނަ މިނެޓުގައި އެޓީމުގެ އިބްރާހިމް އަހުމަދު ތިރިތިރިން ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި އެސްޓިއޯގެ އިބްރާހީމް އަޒުހަރުގެ ފައިގައި ޖެހިފައި ބައިކޮޅަށް ވަން ލަނޑެކެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން އެމްއެންޑީއެފް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި އެމްއެންޑީއެފްގެ އެޓޭކުތަށް ފެނިގެންދިޔައީ މާބޮޑަށް ވެސް ވަރުގަދަކޮށެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ ހަވަނަ މިނެޓުގައި އެޓީމުން ލަނޑެއް ކާމިޔާބުކޮށް ލީޑު ފުޅާކުރި އެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހިމް ޔަޒީދު ޔަސައު އެވެ. މިއީ އެޓީމުގެ އިބްރާހިމް އަހުމަދު މުޅިން ހުސްކޮށްލާފައި ޖައްސާލި ބޯޅައެއް އެސްޓީއޯގެ ޕެނަލްޓީ އޭރިއާ ތެރޭގައި މުޅިން ހުސްކޮށް ހުރެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

އެމްއެންޑީއެފް ޓީމުން މި މެޗުގައި ކާމިޔާބުކުރި ތިންވަނަ ލަނޑު ދެވަނަ ހާފުގެ 12 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އިބްރާހިމް އަހުމަދު އެވެ. މިއީ އެޓީމުގެ ޔަސައު ތަނަވަސްކޮށްދިން ފުރުސަތެއްގައި ގޯލްކީޕަރު ކައިރިން ނައްޓާލުމަށް ފަހު ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މި މެޗުގައި އެސްޓީއޯ އިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗު ނިމެން ތިން މިނިޓަށްވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ މޫސާ މުފްލިހު އެވެ. މިއީ އެމްއެންޑީއެފްގެ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން އެމްއެންޑީއެފް ކުރީގައި އޮވެގެންނެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު އެކު ކުޅުނު ތިން މެޗުން އެމްއެންޑީއެފްއަށް 07 ޕޮއިންޓް ލިބިފައިވާއިރު، ގުރޫޕް އޭގެ އެއްވަނައިގައި މިވަގުތު އޮތީ އެޓީމުވެ. ދެވަނަގައި އޮތް ކޭޑީއެމް އަށް ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު މި ގުރޫޕްގެ ތިންވަނައިގައި އޮތް ދެ މެޗު ކުޅެގެން ދެ ޕޮއިންޓް ހޯދާފައިވާ ޕޮލިސް ޓީމެވެ.

The post އެސްޓީއޯ ބަލިކޮށް އެމްއެންޑީއެފް ގުރޫޕް އޭގެ އެއްވަނައަށް! first appeared on Gaafu Online.



More from Gaafu