އަމީނީ މަގު ތަރައްޤީކުރުމުގެ އިތުރު ސެގްމެންޓު ތަކުގެ މަސައްކަތް ހޮނިހިރުގައި ފަށަނީ

Thu, 08 Jun 2023 07:40 PM

View on this article on Gaafu

އަމީނީ މަގު ތަރައްޤީކުރުމުގެ އިތުރު ސެގްމެންޓު ތަކުގެ މަސައްކަތް ހޮނިހިރުގައި ފަށަނީ

އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން އިތުރު ސެގްމެންޓު ތަކުގެ މަސައްކަތް އަންނަ ހޮނިހިރު ދުވަހު ފެށުމަށް ތައްޔާރުވެފައިވާ ކަމަށް އެމަސައްކަތުގެ ކޮންޓްރެކްޓަރ، ރޯޑް ޑިވަލަޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މޫސާ ޢަލީ މަނިކު ވިދާޅުވެއްޖެ އެވެ.

މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މޫސާ އަލީ މަނިކު ވިދާޅުވީ ބިލަންބޮންގ ސުކޫލްއިން ފެށިގެން މާފަންނު ސްޓޭޑިއަމާއި ހަމައަށް މަގު ބަންދުކޮށް، އެ ސަރަޙައްދުގެ މަސައްކަތް ހޮނިހިރު ދުވަހު ފެށުމަށް މިހާރު ތައްޔާރުވެފައިވާ ކަމަށެވެ.

އެގޮތުން އެ ސަރަޙައްދު ބަންދުކޮށް، މަގު ހެދުމަށްޓަކާ ގައުތައް ނަގާ، ސާފުކުރުމުގެ މަސައްކަތް ކުރާނެކަމަށް އޭނާ ވިދާޅުވިއެވެ. މި ސަރަޙައްދަކީ ގިނަ އޮފީސްތަކަކާއި ސުކޫލްތަކެއް ހިމެނޭ ސަރަޙައްދެއްކަމުން އެ ތަންތަނަށް ވަދެ ނިކުތުމުގެ ދަތިތަކެއް ކުރިމަތިވެދާނެކަމަށާއި، ހުރިހާ ރައްޔިތުންގެ ކިބައިން މި ކަމުގައި އެއްބާރުލުން ދެއްވުމަށް މޫސާ ޢަލީ މަނިކު ވަނީ އެދިވަޑައިގެންފައެވެ.

މީގެ ކުރީގެ ސެގްމަންޓްތަކުގެ މަސައްކަތް ކުރަމުންދިޔައީ ވަރަށް ކުޑަ ސަރަޙައްދެއް ހިމެނޭހެންކަމުން، މަސައްކަތް ނިންމުމަށް ދިގު މުއްދަތެއްނަގާ ކަމަށާއި ތަފާތު ގޮންޖެހުންތަކާ މަސައްކަތް ފަށައިގަތްއިރު ކުރިމަތިވިކަން ފާހަގަކުރައްވައި މޫސާ ޢަލީ މަނިކު ވިދާޅުވީ، އެކަންކަމުގެ ތަޖުރިބާގައި މިހާރު ބޮޑު ބައެއްގައި މި މަސައްކަތް ކުރަން ފެށުމުން މަސައްކަތުގެ ދުވެލި އަވަސްވެފައިވާކަމަށެވެ.

އަމީނީމަގުގައި އެންމެ ފަހުން ތާރުއަޅާ ނިންމާލި 4،5،6،7 ގެ ސެގްމަންޓްގައި ގަސްއިންދުމުގެ މަސައްކަތް މިއަދު ވަނީ ފަށާފައެވެ. އަދި އަމީނީ މަގު ބިލަބޮންގ ސްކޫލާއި ހަމައަށް ހުޅުވާލުމަށް ވަނީ އާރްޑީސީއިން މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާރު ކުރިޔަށް ދަނީ ޓްރެފިކް ނިޝާންތަށް ކުރެހުމުގެ އެންމެ ފަހުގެ މަސައްކަތްތަކެވެ.

މާލޭގެ ހުރިހާ އަވަށްތަކެއް ގުޅުވައިދޭ މައި އެއް މަގުކަމަށްވާ އަމީނީމަގު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދަނީ ޖުމްލަ 13 ސެގްމަންޓަކަށް ބަހާލައިގެންނެވެ. 7 ސެގްމެންޓުގެ މަސައްކަތް ނިންމާލާފައިވާއިރު ބާކީ ކުރި 6 ސެގްމެންޓުގެ މަސައްކަތް 4 މަސްދުވަހުގެ ތެރޭގައި އެއްކޮށް ނިންމާލައި އަމީނީ މަގު މަޝްރޫއު އެއްކޮށް ނިންމާލުމަށް އާރްސީޑީސީއިން ވަނީ އަމާޒުހިފާފައެވެ.

މި މަސައްކަތް ސަރުކާރުން ރޯޑް ޑިވެލޮޕްމަންޓް ކުންފުންޏާ ޙަވާލުކުރެއްވީ 84.4 މިލިޔަން ރުފިޔާއަށެވެ.

The post އަމީނީ މަގު ތަރައްޤީކުރުމުގެ އިތުރު ސެގްމެންޓު ތަކުގެ މަސައްކަތް ހޮނިހިރުގައި ފަށަނީ first appeared on Gaafu Online.



More from Gaafu